Roadha Mihaaru
މެރީޑިއަމުން 19 މިލިއަން އެސްޓީއޯއަށް ދޭން ޖެހިއްޖެ

އެސްޓީއޯއަށް 19 މިލިއަން ދައްކަން މެރީޑިއަމްގެ މައްޗަށް ހުކުމްކޮށްފި

01 އޯގަސްޓް 2019

މެރީޑިއަމް ކުންފުނިން އެސްޓީއޯ އަތުން ނެގި ތެލަށް 19 މިލިއަން ރުފިޔާ ދައްކަން މެރީޑިއަމްގެ މައްޗަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މެރީޑިއަމް ކުންފުނިން އެސްޓީއޯ އަތުން ނެގި ތެލަށް 19 މިލިއަން ރުފިޔާ ދައްކަން މެރީޑިއަމްގެ މައްޗަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ ކުރީގެ މެމްބަރު ރިޔާޒް ރަޝީދުގެ މަސްލަހަތު އޮންނަ މެރީޑިއަމް ކުންފުނިން 2010 ވަނަ އަހަރުގެ ފަހުކޮޅުގެ އެސްޓީއޯ އިން ނެގި ތެލަށް 19 މިލިއަން ރުފިޔާ ލިބެންޖެހޭ ކަމަށް ބުނެ އެ ފައިސާ ހޯދަން އެސްޓީއޯ އިން ދައުވާ ކުރުމުން ސިވިލް ކޯޓުން ކުރިން ނިންމާފައި އޮތީ އެ ދައުވާގައި ބުނާ ތެޔޮ މެރީޑިއަމަށް ދޫކުރިކަން ސާބިތު ނުވާތީ، ފައިސާ ދައްކަން ނޭންގޭނެ ކަމަށެވެ.

އެކަމަކު، އެ މައްސަލަ އެސްޓީއޯ އިން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިއަދު ހުކުމްކުރީ ދައުވާގައި ބުނާ ތެޔޮ މެރީޑިއަމުން ހޯދިކަން ހެކިންގެ ބަހުން ސާބިތުވާ ކަމަށެވެ. އެހެންވެ، އެ ތެލަށްވާ ފައިސާގެ ގޮތުގައި 19 މިލިއަން ރުފިޔާ މެރީޑިއަަމުން ދައްކަން ޖެހޭނެ ކަމަށް ހައި ކޯޓުން ހުކުމް ކުރި އެވެ.

އެ ހުކުމުގައި ވަނީ އެ މައްސަލައިގައި ހުށަހެޅި ލިޔުންތަކާއި ހެކިންގެ ހެކިބަހަށް ބަލާއިރު، އެސްޓީއޯ އިން ފައިސާ ހޯދަން އެދޭ މުއާމަލާތަކީ ހިނގާފައިވާ މުއާމަލާތްތަކެއް ކަން ޝަރީއަތަށް ބުރަވެވޭ ކަމަށެވެ. އަދި މެރީޑިއަމަށް ފޮނުވި އިންވޮއިސްތަކަށް ފައިސާ ދައްކަން އަންގައި، އެސްޓީއޯ އިން ފޮނުވި ސިޓީތަކަށް މެރީޑިއަމުން ޖަވާބު ދީފައި ނެތް ކަމަށާއި އެހެންވެ، އެއީ ހިނގާފައިވާ މުއާމަލާތެއް ކަމަށް މެރީޑިއަމްގެ އަމަލުތަކުން ދައްކުވައިދޭ ދަލީލެއް ކަމަށް ވެސް ހައި ކޯޓުގެ ހުކުމުގައިވެ އެވެ.

މީގެ އިތުރުން، ހުކުމްގައި ބުނީ އެސްޓީއޯ އިން ހެކިވެރިންގެ ގޮތުގައި ހުށަހެޅި މީހުންނަކީ އަދުލުވެރިކަން ގެއްލިފައިވާ މީހުން ކަމަށް ބެލެވެން ނެތް ކަމަށެވެ. އަދި އެއީ އެސްޓީއޯގެ މުވައްޒަފުންނަށް ވިޔަސް، ހަމައެކަނި އެ ސަބަބަށްޓަކައި އެ މީހުން ހެކިބަސް ގަބޫލު ނުކުރެވޭނެ ސަބަބެއް ނެތް ކަމަށް ވެސް އެ ހުކުމުގައި ވެ އެވެ.

އެކަންކަން ފާހަގަކޮށް، ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި އެ ހުކުމުގައި ވަނީ އެ ފައިސާ މެރީޑިއަމުން ދައްކަން ޖެހޭނެ ކަމަށާއި އެހެންވެ، މިއަދުން ފެށިގެން ހަ މަސް ތެރޭގައި އެ ފައިސާ ދައްކަން އަންގާ ކަމަށެވެ. އަދި އެ މުއްދަތުގައި ފައިސާ ނުދައްކައިފި ނަމަ، އެސްޓީއޯ އާއި މެރީޑިއަމްއާ ދެމެދު އޮތް އެއްބަސްވުމުގެ ދަށުން މޯގޭޖްގެ ގޮތުގައި ބަހައްޓާފައި އޮތް އުޅަނދު ވިއްކާލުމުގެ ހައްގު އެސްޓީއޯ އަށް އޮންނާނެ ކަމަށް ވެސް ހައި ކޯޓުގެ ހުކުމުގައި ބުންޏެވެ.

އެ މައްސަލަ ބެއްލެވީ ފަނޑިޔާރު މުހައްމަދު ފައިސަލާއި ފަނޑިޔާރު އަލީ ސަމީރުގެ އިތުރުން ފަނޑިޔާރު އަބްދުﷲ ހަމީދެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ފައިސަލް އެވެ.

އެ މައްސަލައިގެ އަޑުއެހުންތައް ހައި ކޯޓުން ނިމިފައި ވަނިކޮށް، އެ މައްސަލައާ ގުޅޭ ލިޔުންތައް ދާދި ފަހުން ފެނިފައިވާ ކަމަށް އެސްޓީއޯ އިން ބުނެފައިވެ އެވެ. އަދި އެ ލިޔުންތައް ކޯޓަށް ފޮނުވާފައިވާނެ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެ އެވެ.