Roadha Mihaaru
އެނބުރި އައިސް މިތިބީ އިންކަމް ޓެކްސް ނަގަން: ނަޝީދު

އެނބުރި އައިސް މިތިބީ އިންކަމް ޓެކްސް ނަގަން: ނަޝީދު

03 އޯގަސްޓް 2019

ރާއްޖޭގެ ވެރިކަމަށް އެމްޑީޕީން އެނބުރި އައިސް މިތިބީ އަމިއްލަ ފަރުދުންގެ އާމްދަނީން ޓެކްސް ނެގުމަށް ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރާއްޖޭގެ ވެރިކަމަށް އެމްޑީޕީން އެނބުރި އައިސް މިތިބީ އަމިއްލަ ފަރުދުންގެ އާމްދަނީން ޓެކްސް ނެގުމަށް ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ ޓެކްސް އިދާރާ، މީރާ އަށް ނުވަ އަހަރު ފުރުން ފާހަގަ ކުރުމަށާއި އެންމެ ގިނަ އިން ޓެކްސް ދެއްކި ފަރާތްތަކަށް "ރަން ލާރި" އެވޯޑު ދިނުމަށް ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ނަޝީދު ވިދާޅުވީ އެމްޑީޕީގެ ސަރުކާރު ވައްޓާލާފައި ވަނީ އަމިއްލަ ފަރުދުންގެ އާމްދަނީން ނެގޭ ޓެކްސް ނެގުމުގެ ކުރިން ކަމަށެވެ. އެކަމަކު، އެނބުރި އައިސް މިތިބީ އަމިއްލަ ފަރުދުންގެ އާމްދަނީން ޓެކްސް ނަގަން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑު ބޮޑަށް ބަލަމުން މި ދަނީ މަޖިލިހުގެ މި ދައުރުގެ ތެރޭގައި، މިހާރު ރިސެސް އަށް ދިއުމުގެ ކުރީގައި. ޗުއްޓީ އަށް ދާނީ ސެޕްޓެމްބަރުގައި. ދިއުމުގެ ކުރިން ވަކި ފަރުދުންގެ އާމްދަނީން ޓެކްސް ނެގުމުގެ ބިލް މަޖިލިހަށް ގެންނަން. އެއީ ވަރަށް ބޮޑަށް ކުރާނެ މަސައްކަތެއް،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި މަޖިލިހުގައި މިހާރު ވެސް ބޮޑެތި ބިލްތަކެއް އެބަހުއްޓެވެ. އެކަމަކު، އިންކަމް ޓެކްސް ނެގުމުގެ ބިލް މި އަހަރު ފާސް ކުރަން މަސައްކަތްޕުޅު ކުރައްވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި އަންނަ އަހަރުގެ ބަޖެޓު ބޮޑަށް އަމާޒުކޮށްފައި ވަނީ އަމިއްލަ ފަރުދުންގެ އާމްދަނީން ލިބޭ ޓެކްސްގެ މައްޗަށް ވަރަށް ބޮޑަށް ބިނާކޮށްފައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އެހެންވެ، މި އަހަރުގެ ތެރޭގައި މި ޓެކްސް އަޅުގަނޑުމެން ނަގަން ޖެހޭ،" ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީގެ ތިން އަހަރު ދުވަހުގެ ވެރިކަމަށް އިޝާރާތް ކުރައްވައި ނަޝީދު ވިދާޅުވީ 2008 ވަނަ އަހަރު ވެރިކަމަށް ވަޑައިގެން ހެދި އެންމެ ފުރަތަމަ ބަޖެޓު ހަތް ބިލިއަން ރުފިޔާ އަށް ނާރާނެ ކަމަށެވެ.

ތެލާއި ފެނާއި ކަރަންޓާއި ކުއްޔާއި މުސާރަ އަށް ކެނޑުމުން، ހަތް ބިލިއަން ރުފިޔާ އިން ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް މާ ބޮޑު އެއްޗެއް ބަޖެޓުގައި އޭރު ނެތް ކަމަށް ނަޝީދު ވިދާޅުވި އެވެ.

ޓެކްސްގެ ނިޒާމު މުޅިން އަލަށް ރާއްޖެ އަށް ތައާރަފްކޮށް ދެއްވި ނަޝީދު ވިދާޅުވި ގޮތުގައި، އެ ނިޒާމު ގާއިމު ކުރައްވަން ޖެހިވަޑައިގަތީ ރާއްޖޭގެ އިޖުތިމާއީ ރައްކާތެރިކަން އެކަށައަޅަން ޖެހިއްޖެ ކަން ދިވެހިންގެ ތެރެއިން އެތައް ބަޔަކަށް ސާފުވާން ފެށުމުން ކަމަށެވެ. އެގޮތުން، ބޭސް ސިޓީއަށާއި ފޮތް ލިސްޓަށް އާދޭސް ކުރުމާއި ފޯނު ބިލާއި ކުލި ނުދެއްކިގެން ރައްޔިތުން އޭރު ތިބީ ހާސް ކަމެއްގައި ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ނިކަމެތިންނާއި މުއްސަނދިންނާ ދެމެދު އޮތް ފަރަގު ފުޅާވަމުންދާ ނަމަ، ގައުމެއް އެ ދަނީ ހަރާބުގެ މަގަށެވެ.

ޓެކްސް ނެގުމާ ބެހޭ ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް މިދިޔަ އަހަރުގެ ތެރޭގައި ގަވާއިދުން ޓެކްސް ދެއްކި 17 ކުންފުންޏަކަށް ރޭ ވަނީ އެވޯޑު ދީފަ އެވެ.