Roadha Mihaaru
ޕޮގްބާ ގެނައުމުގެ މަސައްކަތުގައި ރެއާލް ދުލެއް ނުދޭ

ޕޮގްބާ ގެނައުމުގެ މަސައްކަތުގައި ރެއާލް ދުލެއް ނުދޭ

05 އޯގަސްޓް 2019

މެންޗެސްޓާ (އޮގަސްޓް 5) – މެންޗެސްޓާ ޔުނައިޓެޑްގެ ފްރާންސް މިޑްފީލްޑަރު ޕައުލް ޕޮގްބާ ގަތުމަށް ރެއާލް މެޑްރިޑުން ފަހު ބިޑެއްގެ ގޮތުގައި ކޮލަމްބިއާ މިޑްފީލްޑަރު ހަމޭސް ރޮޑްރިގޭޒާއި 30 މިލިއަން ޑޮލަރު ހުށަހަޅާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މެންޗެސްޓާ (އޮގަސްޓް 5) – މެންޗެސްޓާ ޔުނައިޓެޑްގެ ފްރާންސް މިޑްފީލްޑަރު ޕައުލް ޕޮގްބާ ގަތުމަށް ރެއާލް މެޑްރިޑުން ފަހު ބިޑެއްގެ ގޮތުގައި ކޮލަމްބިއާ މިޑްފީލްޑަރު ހަމޭސް ރޮޑްރިގޭޒާއި 30 މިލިއަން ޑޮލަރު ހުށަހަޅާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

އުމުރުން 26 އަހަރުގެ ޕޮގްބާ ހޯދަން މި ފަހަރުގެ ޓްރާންސްފާ މާކެޓް ފެށި ފަހުން ރެއާލުން ވަނީ އެތައް ފަހަރެއްގެ މަތިން މަސައްކަތްކޮށްފަ އެވެ. ޔުނައިޓެޑުން އޭރު ބޭނުންވީ ޕޮގްބާ 180 މިލިއަން ޔޫރޯ (201 މިލިއަން ޑޮލަރު) އަށް ވިއްކާލާށެވެ. އެކަމަކު ރެއާލުން އެންމެ މައްޗަށް ވެސް ޕޮގްބާ އަށް ބިޑްކުރާނީ 110 މިލިއަން ޔޫރޯ (123 މިލިއަން ޑޮލަރު) އެވެ. އެކަމަކު ފަހުން ވެސް ރެއާލް ކޯޗު ޒިނެދިން ޒިދާންގެ އެދުމަށް އެ ޓީމުން ދިޔައީ ޕޮގްބާ ހޯދަން އޭނާގެ އޭޖެންޓް މިނޯ ރައިއޯލާ މެދުވެރިކޮށް ވާހަކަ ދައްކަމުންނެވެ.

ރިޕޯޓްތައް ބުނާގޮތުގައި ރެއާލުން ޕޮގްބާ ހޯދަން މިހާރު ހުށަހަޅާފައިވަނީ ހަމޭސް އާއި 30 މިލިއަން ޑޮލަރެވެ. މި ޑީލަށް ވެސް ޔުނައިޓެޑުން ނޫނެކޭ ބުނަން ނިންމާފައިވާ ކަމަށް އެ ކްލަބާ ގުޅުންހުރި ފަރާތްތަކާ ހަވާލާދީ މީޑިއާގައި ވަނީ ރިޕޯޓްކޮށްފަ އެވެ.

ކްލަބް ބަދަލުކުރަން ބޭނުންވާ ކަމަށް ޕޮގްބާ ބުނެފައިވީ ނަމަވެސް މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި އޭނާ ވިއްކާލަން އެ ޓީމުގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބޭނުންނުވެ އެވެ. ދާދި ފަހުން ސޯލްޝެއާ ވަނީ ޕޮގްބާ ކުރިއަށް އޮތް ސީޒަނުގައި އެ ޓީމުން ފެންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ބުނެފަ އެވެ.

"އަހަރެން އެއްވެސް ވަރަކަށް ޝައްކެއް ނުކުރަން ޕޮގްބާއާ މެދު. އޭނާ ހުރީ މި ޓީމުގައި މަޑުކުރަން ނިންމައިގެން. ޕޮގްބާ މި ސީޒަނުގައި ފެންނާނީ މި ޓީމުން،" ސޯލްޝެއާ ބުންޏެވެ.

އަންނަ ބުރާސްފަތި ދުވަހުގެރޭ އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބްތަކަށް ޓްރާންސްފާ މާކެޓް ބަންދުވީ ނަަމަވެސް ސްޕެއިނުގެ ކްލަބްތަކަށް މި މަހުގެ ނިޔަލަށް ކުޅުންތެރިން ގެނެވޭނެ އެވެ. ރެއާލުގެ އޮފިޝަލުންނާ ހަވާލާދީ ސްޕެއިނުގެ މީޑިއާތަކުން ރިޕޯޓްކުރާގޮތުގައި ސްޕެއިނުގެ ޓްރާންސްފާ މާކެޓް ބަންދުވުމުގެ ފަހު ވަގުތާ ހަމައަށް ޕޮގްބާ ހޯދުމުގެ މަސައްކަތް ރެއާލުން ކުރާނެ އެވެ.

ޔުވެންޓަސްގެ ތަރި ޕައުލޯ ޑިބާލާ އާއި ޔުނައިޓެޑް ރޮމެލޫ ލުކާކޫ ބަދަލުކުރަން ކުރެވުނު މަޝްވަރާތައް މިހާރު ވަނީ ހުއްޓާލައިފަ އެވެ. އެ ޑީލް ކުރިއަށް ނުދިޔައީ ޑިބާލާ ބޭނުންވާ ވަރުގެ މުސާރައެއްގެ އިތުރުން އޭނާ ހުށަހަޅާ ބައެއް ކަންތައްތައް ކޮންޓްރެކްޓްގައި ހިމަނަން ޔުނައިޓެޑުން ދެކޮޅު ހެދުމުންނެވެ.

ޔުނައިޓެޑުން ވަނީ ލެސްޓާ ސިޓީ އަށް ކުޅޭ އިނގިރޭސި ޑިފެންޑަރު ހެރީ މެގުއާ، ދުނިޔޭގެ އެންމެ އަގުބޮޑު ޑިފެންޑަރުގެ ގޮތުގައި ގެންނަން އެއްބަސްވުމަކަށް އައިސްފަ އެވެ. މެގުއާ ޔުނައިޓެޑަށް ސޮއިކުރާނީ 97 މިލިއަން ޑޮލަރަށެވެ.