Roadha Mihaaru
ރެއާލަށް ކުޅުމަކީ ހުވަފެނެއް: ޕޮގްބާ

ކޮންމެވެސް ދުވަހަކުން ރެއާލަށް ކުޅުމަކީ ހުވަފެނެއް: ޕޮގްބާ

09 އޮކްޓޯބަރ 2020

ޕެރިސް (އޮކްޓޫބަރު 9) - ފުރުސަތު ލިބިއްޖެނަމަ ކޮންމެވެސް ދުވަހަކުން ރެއާލް މެޑްރިޑަށް ކުޅުމަކީ އޭނާ ވެސް ދެކޭ ހުވަފެނެއް ކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ފްރާންސް މިޑްފީލްޑަރު ޕައުލް ޕޮގްބާ ބުނެފި އެވެ.

ޕެރިސް (އޮކްޓޫބަރު 9) - ފުރުސަތު ލިބިއްޖެނަމަ ކޮންމެވެސް ދުވަހަކުން ރެއާލް މެޑްރިޑަށް ކުޅުމަކީ އޭނާ ވެސް ދެކޭ ހުވަފެނެއް ކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ފްރާންސް މިޑްފީލްޑަރު ޕައުލް ޕޮގްބާ ބުނެފި އެވެ.

އެންމެ ފަހުން ނިމިގެންދިޔަ ތިން ޓްރާންސްފާ މާކެޓްގައި ވެސް ޕޮގްބާ އާއި ރެއާލް މެޑްރިޑާ ގުޅުވައިގެން ގިނަ ވާހަކަތަކެއް ދެކެވުނެވެ. އާންމު ގޮތެއްގައި ޕޮގްބާ ރެއާލާ ގުޅޭ ވާހަކަތަކުގެ އަޑުގަދަވާން ފަށަނީ އޭނާ ފްރާންސް ގައުމީ ޓީމާ އެކު މެޗުތައް ކުޅޭ ދުވަސްވަރުގަ އެވެ. މި ފަަހަރު ވެސް ފްރާންސްގައި ބޭއްވި ގައުމީ ޓީމުގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕޮގްބާ ވަނީ ރެއާލާ ބެހޭގޮތުން ވާހަކަ ދައްކައިފަ އެވެ.

"ކީކޭ އަހަރެން ބުނަންވީ؟ ޔަގީންކަމެއް ކޮންމެ ކުޅުންތެރިއަކު ވެސް ރެއާލަށް ކުޅެން ބޭނުންވާނެ. އެއީ ކޮންމެ ކުޅުންތެރިއެއްގެ ވެސް ހުވަފެނެއް. އެއީ އަހަރެން ވެސް ދެކޭ ހުވަފެނެއް. ދެން ކީއްވެ ކޮންމެވެސް ދުވަހަކުން އަހަރެން އެ ޓީމާ ނުގުޅެންވީ؟" ފްރާންސްގެ ނޫސްވެރިއަކު ކުރި ސުވާލަކަށް ޕޮގްބާ ޖަވާބު ދިނެވެ.

"އަހަރެން ކުރިން ވެސް ބުނިހެން އަހަރެން މިހުރީ ޔުނައިޓެޑްގައި އަހަރެން މި ކްލަބް ދެކެ ލޯބިވޭ. މި ޓީމު ހައްގުވާ އަސްލު މަގާމަށް ގެންގޮސްދޭން އަހަރެން ބޭނުން." އުމުރުން 27 އަހަރުގެ ޕޮގްބާ ބުންޏެވެ.

ރިޕޯޓްތައް ބުނާގޮތުން މިހާތަނަށް ޕޮގްބާ ވިއްކާލަން ރެއާލާއި ޔުނައިޓެޑުން ބޭއްވި މަޝްވަރާތަކުގައި އެއްބަސްނުވެވި އޮތީ ޔުނައިޓެޑުން ކިޔާ އަގުބޮޑުވުމުންނެވެ. އެންމެ ފަހުން ނިމިދިޔަ ޓްރާންސްފާ މާކެޓްގައި ކޮވިޑް-19އާ ހެދި ރެއާލުން އެއްވެސް ވަރަކަށް މާ ބޮޑު ޓްރާންސްފާއެއް ކުރަން ނޫޅެ އެވެ. ޕޮގްބާ ވަނީ މި ސީޒަން ފެށުމުގެ ކުރިން ޔުނައިޓެޑާ އެކު ހަދާފައިވާ ކޮންޓްރެކްޓް އާ ކުރުމުގެ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.

ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ވަނީ ޕޮގްބާ އެ ޓީމުގައި މަޑުކުރުވަން އާ ކޮންޓްރެކްޓެއްގެ ވާހަކަ ދެކެވެން އަންނަ ކަމަށް މީގެ ކުރިން ބުނެފަ އެވެ. ޕޮގްބާ ބުނީ އަދި މިހާތަނަށް މާ ބޮޑު މަޝްވަރާއެއް ކުރިއަށްނުދާ ކަމަށެވެ.

"އެއްވެސް މީހެއް އަހަރެން ގާތުގައި އެއްޗެއް ނުބުނޭ އެ ކަމާ ބެހޭގޮތުން. ކޮންޓްރެކްޓް އާކުރުމާ ބެހޭގޮތުން ޔުނައިޓެޑްގެ ޗެއާމަން އެޑްވުޑްވާޑާ ވާހަަކައެއް ނުދައްކަން. މި ވަގުތު އަހަރެން މި މަސައްކަތްކުރަނީ ފިޓްނަސް ރަނގަޅުކޮށް އަހަރެންގެ އެންމެ ރަނގަޅު ފޯމަށް އަންނަން،" ޕޮގްބާ ބުންޏެވެ.

ޔުވެންޓަސް އިން ވެސް ޕޮގްބާ ހޯދަން މަސައްކަތްކުރަމުން އަންނައިރު މި ވަގުތު އޭނާ ޔުނައިޓެޑާ އެކު ކޮންޓްރެކްޓްގައި ހުރީ މި ސީޒަނުގެ ނިޔަލަށެވެ. އެކަމަކު ޔުނައިޓެޑުން ބޭނުންނަމަ އިތުރު އެއް އަހަރު އާ ކުރެވޭ ގޮތަށް އެ ކޮންޓްރެކްޓްގައިވެ އެވެ. ރިޕޯޓްތައް ބުނާގޮތުން ޔުނައިޓެޑުން މި ސީޒަން ތެރޭގައި އެ އުސޫލުން އިތުރު އެއް އަހަރަށް ޕޮގްބާގެ ކޮންޓްރެކްޓް އާ ކުރާނެ އެވެ. ޕޮގްބާ މީގެ ހަަތަރު އަހަރު ކުރިން ޔުނައިޓެޑާ ގުޅުނީ ޔުވެންޓަސް ދޫކޮށް އޭރު ދުނިޔޭގެ ރެކޯޑް އަގަކަށެވެ.