Roadha Mihaaru
ސްމާޓް މަކުނެއް، އިންސާނުންނަށް ފިލާވަޅެއް

ސްމާޓް މަކުނެއް، އިންސާނުންނަށް ފިލާވަޅެއް

07 އޯގަސްޓް 2019

ފެން އިސްރާފު ނުކުރާށޭ ކިތަންމެ ވަރަކަށް ކިޔަސް އެގޮތަށް އަމަލު ނުކުރާ މީހުން ގިނަ އެވެ. ފެން އިސްކުރެއް ދޫކޮށްލައިފި ނަމަ އެ ބާރު ކުރާކަށް ހަނދާނެއް ނުހުރެ އެވެ. އެކަމަކު މި ރާމާމަކުނު ކިހާ ރަނގަޅު ހެއްޔެވެ؟ ފެން ބޮއެ ނިމިގެން އެސޮރު ދަނީ އިސްކުރު ބަންދުކޮށްފަ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ފެން އިސްރާފު ނުކުރާށޭ ކިތަންމެ ވަރަކަށް ކިޔަސް އެގޮތަށް އަމަލު ނުކުރާ މީހުން ގިނަ އެވެ. ފެން އިސްކުރެއް ދޫކޮށްލައިފި ނަމަ އެ ބާރު ކުރާކަށް ހަނދާނެއް ނުހުރެ އެވެ. އެކަމަކު މި ރާމާމަކުނު ކިހާ ރަނގަޅު ހެއްޔެވެ؟ ފެން ބޮއެ ނިމިގެން އެސޮރު ދަނީ އިސްކުރު ބަންދުކޮށްފަ އެވެ.

ފެނުގެ ދަތިކަން ކުރިމަތިވެފައިވާ އިންޑިއާ އަކީ ވެސް ފެނުގެ ބޭނުން ރަނގަޅު ގޮތުގައި ނުހިފާ ކަމުގެ މަންޒަރުތައް ފެންނަ ގައުމެކެވެ. އެ ގައުމުގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިއެއްގެ ކާރު، ސާފު ބޯފެނުން ދޮވުނު މައްސަލައެއްގައި ދާދި ފަހުން ޖޫރިމަނާ ވެސް ކޮށްފައިވެ އެވެ.

އެކަމަކު މި ވެސް ހަމަ އިންޑިއާ އިން ފެނުނު ހިތްގައިމު އަދި އެހާމެ އަސަރު ގަދަ މަންޒަރެކެވެ.

ޓްވިޓާގައި މިހާރު ދައުރުވަމުން އަންނަ ޓިކްޓޮކްގެ ވީޑިއޯއެއްގައި ފެންނަނީ އިމާރާތެއްގެ ބޭރު ފާރުގައި ހަރުކޮށްފައި އިން އިސްކުރެއް ދޫކޮށްލައި، ފެން ބުއިމަށް ފަހު. އިސްކުރު ބާރުކޮށްފައި މަކުނު ދާ ތަނެވެ. މިއީ ޖަނަވާރެއްގެ ފަރާތުން ފެނުނު ނަމޫނާ މަންޒެރެކެވެ.

މި ވީޑިއޯ ޓްވިޓާގައި ހިއްސާކުރަމުން އިންޑިއާގެ ކުރީގެ ޗީފް އިލެކްޝަން ކޮމިޝަރު ޑރ. އެސްވައި ގްރެއިޝީ ވިދާޅުވީ "މަކުނު އެ ދިނީ އިންސާނުނަށް ވަރަށް ރީތި މެސެޖެއް" ކަމަށެވެ.

ވީޑިއޯ އަށް ވަރަށް ގިނަ ބަޔަކު ކޮމެންޓްކޮށް، މަކުނު އުޅޭ ހެން އިންސާނުން އުޅެން ދަސްކުރަންވެއްޖެއޭ ބުނެފައިވެ އެވެ. ބައެއް މީހުން ބުނި ގޮތުގައި މަކުނަކީ އިންސާނުންނަށް ވުރެ މާ ޒިންމާދާރު މާ ބުއްދިވެރި ބައެކެވެ.

އެހެން މީހަކު ބުނީ މިއީ އިންސާނުންނަށް ވުރެ މަކުނު "ސްމާޓްކަން" ދައްކުވައިދޭ ކަމެއް ކަމަށެވެ. އެހެންވެ މަކުނުގެ ފަރާތުން އިންސާނުން އިސްލާހުވާން ދަަސްކުރަންވެއްޖެ ކަމަށް ވެސް ބައެއް މީހުން ބުންޏެވެ.