Roadha Mihaaru
އައިފޯން ހޯދަން ތައިލެންޑުން ސިޑްނީއަށް، ނިދީ މަގުމަތީ

އައިފޯން 7 ގަންނަން 7500 ކިލޯމީޓަރަށް ދަތުރުކޮށް މަގުމަތީގައި ނިދައިފި

17 ސެޕްޓެމްބަރ 2016

އެޕަލްގެ ވަފާތެރި ސަޕޯޓަރުންނަށް މި ދިޔައީ ހާއްސަ ހުކުރެކެވެ. ކުންފުނީގެ އާ ފޯނު ބާޒާރަށް ނެރުމާ އެކު ވީހާވެސް އަވަހަކަށް ގަންނަން ތިބީ ކެތްމަދުވެފަ އެވެ. އެންމެ ކުރިން ދުވަސް ފެށޭ ގައުމަކީ އޮސްޓްރޭލިއާ ކަމަށް ވާތީ ބައެއް މީހުން މާދުރުން އެ ގައުމަށް ދަތުރުކޮށް އެޕަލްގެ ފިހާރަތަކުގެ ބޭރުގައި ކިއޫގައި ޖެހުނެވެ. އޭގެ ތެރެއިން އެކަކީ ތައިލެންޑުން ދިޔަ ޓޮމް ތަފައެންގްފަމް އެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

ތަފައެންގްފަމް، 30، ވަނީ ވީހާވެސް އަވަހަކަށް އައިފޯން 7 ގަންނަން 7500 ކިލޯމީޓަރުގެ ދަތުރެއް ކޮށްފަ އެވެ. އެ ދަތުރަށް 800 ޑޮލަރު ހޭދަކުރި އެވެ. އޮސްޓްރޭލިއާގެ ސިޑްނީގެ ޖޯޖް ސްޓްރީޓް އެޕަލް ސްޓްރީޓްގެ ބޭރުގައި ތަފައެންގްފަމް ބުރާސްފަތި ދުވަހުގެ މެންދުރު ފަހު 2:00 ގައި ކިއޫގައި ޖެއްސި އެވެ.

މުޅި ދުނިޔެއިން ވެސް އެންމެ ކުރިން އައިފޯން 7 ލިބޭ މީހުންގެ ތެރޭގައި ހިމެނެން ބޭނުންވެފައި ހުރި ތަފައެންގްފަމްއާ ހަވާލާދީ އޮސްޓްރޭލިއާގެ ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި އޭނާ ފިހާރައިގެ ބޭރުގައި ހުރި އިރު ރޭގަނޑު ފިންޏާއި ވާރެއާ ވެސް ކުރިމަތިވި އެވެ. އެކަމަކު އޭނާ ބުނެފައި ވަނީ އައިފޯން 7 އަކީ މި ވޭންތައް އުފުލައިގެން ވެސް ހޯދާ ވަރުގެ އެއްޗެއް ކަމަށެވެ.

"އާ، އަހަރެން މިހުރީ ވަރަށް އުފަލުން،" އޭއޭޕީ އަށް ދިން އިންޓަވިއުއެއްގައި ތަފައެންގްފަމް ބުނެފައިވެ އެވެ.

އޭނާ ބުނީ ކިއޫގައި ހޭދަކުރި ރޭ ނިދީ ވެސް މަގުމަތީގައި ކަމަށާއި ހެނދުނު ވާރޭ ވެސް ވެހެނު ކަމަށެވެ.

ތަފައެންގްފަމް ކިތަންމެ އުފަލުން ހުއްޓަސް އެޕަލް އަށް މަރުދޭ އެތައް ބަޔަކަށް، ކިއޫގައި ހޭދަކުރަން ޖެހުނު ވަގުތުގެ ބަދަލެއް ނުލިބުނެވެ. އެއީ އައިފޯން 7 ޕްލަސް އާއި އެންމެ އާދައިގެ އައިފޯން 7 ގެ ޖެޓް ބްލެކްގެ ސްޓޮކް ދުނިޔޭގެ ހުރިހާ ފިހާރައެއްގެ ސްޓޮކުން ވެސް ހުސްވުމުންނެވެ.

އޮސްޓްރޭލިއާގައި ހުރި އެޕަލްގެ ފިހާރައެއްގެ ބޭރުގައި ކޭމްޕް ޖަހައިގެން 48 ގަޑިއިރު ހޭދަކުރި ފުރާވަރުގެ ފަސް ކުއްޖަކު ވަނީ އެ މީހުން ބޭނުންވި ބޮޑު ސައިޒުގެ ފޯނު ނުލިބުމުން އާދައިގެ ފޯނު ގަންނަން ޖެހިފަ އެވެ.

އެޕަލްގެ އާ ފޯނުގެ ޑިމާންޑް އާދަޔާ ހިލާފަށް މަތީގައި ހުރި އިރު، ހުސްވި މޮޑެލްތައް ވީހާވެސް އަވަހަކަށް ލިބޭނެ ގޮތް ހަދާނެ ކަމަށް އެޕަލް އިން ވަނީ ބުނެފަ އެވެ.