Roadha Mihaaru
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

18 އޯގަސްޓް 2019

މީގެ ކުރިން ވެސް ކާމިޔާބު ގޭންގްސްޓާ ފިލްމުތަކެއް ގެނެސް ދީފައިވާ ޑައިރެކްޓަރު ސަންޖޭ ގުޕްތާގެ އާ ގޭންގްސްޓާ ފިލްމު "މުމްބާއީ ސާގާ" އަންނަ އަހަރުގެ ޖޫން 19 ގައި ރިލީޒްކުރާ ގޮތަށް ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މީގެ ކުރިން ވެސް ކާމިޔާބު ގޭންގްސްޓާ ފިލްމުތަކެއް ގެނެސް ދީފައިވާ ޑައިރެކްޓަރު ސަންޖޭ ގުޕްތާގެ އާ ގޭންގްސްޓާ ފިލްމު "މުމްބާއީ ސާގާ" އަންނަ އަހަރުގެ ޖޫން 19 ގައި ރިލީޒްކުރާ ގޮތަށް ނިންމައިފި އެވެ.

ބޮޑު ކާސްޓެއް ވެސް ހިމެނޭ މި ފިލްމުގެ ލީޑް ރޯލުން ފެނިގެން ދާނީ ޖޯން އަބްރަހަމާއި އިމްރާން ހާޝިމީ އެވެ.، މުމްބާއީގެ ހާދިސާތަކެއް ކިޔައިދޭ ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި ސުނިލް ޝެޓީ، ޖެކީ ޝްރޮފް، ޕްރަތީކް ބައްބަރު، ސަމީރު ސޯނީ، ގުލްޝަން ގްރޯވާ އަދި އަމޯލް ގުޕްތޭ ހިމެނެ އެވެ.

"މުމްބާއީ ސާގާ" އަކީ ސަންޖޭ ޓީ ސީރީޒްއާ ގުޅިގެން ގެނެސްދޭ ފިލްމެކެވެ.

އޭނާ އެންމެ ފަހުން ގެނެސް ދިން ފިލްމަކީ 2017 ގައި ރިތިކް ރޯޝަނާއި ޔާމީ ގޯތަމް ލީޑް ރޯލް ކުޅުނު "ކާބިލް" އެވެ.

ވިކީ އާއި ނޯރާގެ ވީޑިއޯ ލަވައެއް

ބޮލީވުޑްގައި މިހާރު ކުރިއަރަމުން އަންނަ ޒުވާން އެކްޓަރު ވިކީ ކޯޝަލް އާއި މިހާރު އެންމެ ވިދާ އައިޓަމް ގާލް ނޯރާ ފަތެހީގެ ވީޑިއޯ ލަވައެއް ބެލުންތެރިންނަށް ގެނެސް ދޭން ތައްޔާރުވެއްޖެ އެވެ.

ޓީ ސީރީޒުން ގެނެސްދޭ ލަވައިގެ ނަމަކީ "ޕަޗްތާއޯގޭ" އެވެ. ލަވަކިޔާފައި ވަނީ އަރިޖިތު ސިންގެވެ. މި ލަވައިގެ ފަސްޓްލުކް ޕޯސްޓަރެއް ވެސް މިހާރު ވަނީ ދައްކާލައިފަ އެވެ.

"ޕަޗްތާއޯގޭ" ވެގެން ދާނީ ވިކީ އާއި ނޯރާގެ ޖޯޑު އެކީގައި ފެންނާނެ ފުރަތަމަ އުފެއްދުމަށެވެ. ލަވަ ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.

މިހާރު ސިނަމާތަކުގައި ދައްކަމުން އަންނަ "ބަތުލާ ހައުސް" ގެ އައިޓަމް ލަވަ "އޯ ސާކީ ސާކީ" ވެސް ކުޅެފައިވާ ނޯރާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި އަންނަ އަހަރުގެ ޖެނުއަރީގައި ރިލީޒް ކުރާ "ސްޓްރީޓް ޑާންސާ" ހިމެނެ އެވެ.

ވިކީގެ ކުރިއަށް އޮތް ފިލްމަކީ ނޮވެމްބަރު 15 ގައި ރިލީޒް ކުރާ "ބޫތު: ޕާޓް ވަން-ހޯންޓެޑް ޝިޕް" އެވެ.

ޖާންވީއާ އެކު ވިޖޭ

ނެޓްފްލިކްސް އިން ގެނެސްދޭން ހަމަޖެހިފައިވާ އިންޑިއާގެ އެންތޮލޮޖީ ފިލްމު "ގޯސްޓް ސްޓޯރީޒް" އަށް ޑައިރެކްޓަރު ޒޯޔާ އަހްތަރު ޑައިރެކްޓް ކުރާ ސެގްމަންޓަށް ބަތަލާ ޖާންވީ ކަޕޫރާ އެކު، ބަތަލުގެ ރޯލް ކުޅެން ވިޖޭ ވަރުމާ ސޮއިކޮށްފި އެވެ.

މީޑިއާތަކުން ބުނި ގޮތުގައި އޭގެ ޝޫޓިން ވެސް މިހާރު ވަނީ ފަށައިފަ އެވެ.

ވިޖޭ ވަނީ ޒޯޔާ މި އަހަރުގެ ކުރީކޮޅު ގެނެސް ދިން "ގަލީ ބޯއި" ގެ ރޯލެއް ވެސް ކުޅެފަ އެވެ. އަދި މީރާ ނައިރްގެ "އަ ސޫޓެބަލް ބޯއި" އަށް ބިނާކޮށް ހަދާ ފިލްމުގެ ރޯލަކަށް ވެސް ވިޖޭ ސޮއިކޮށްފައިވާ ކަމަށްވެ އެވެ. އެ ފިލްމުގެ ކާސްޓުންގެ ތެރޭގައި އިޝާން ޙައްތަރާއި ތައްބޫ ވެސް ހިމެނެ އެވެ.

މިދިޔަ މަހު ރިލީޒް ކުރި ރިތިކް ރޯޝަންގެ "ސުޕަ 30" ގެ ހާއްސަ ފެނިލުމަކުން ވެސް ވިޖޭ ފެނިފައިވެ އެވެ.

"ގޯސްޓް ސްޓޯރީޒް" އަކީ މިދިޔަ އަހަރު ނެޓްފްލިކްސް އިން ސްޓްރީމް ކުރި "ލަސްޓް ސްޓޯރީޒް" އަށް ފަހު އޭގެ ޑައިރެކްޓަރުން ހަދާ އެއްޗެކެވެ. މީގެ އަނެއް ތިން ސެގްމަންޓް ޑައިރެކްޓްކުރާނީ އަނޫރާގެ ކެޝަޕާއި ކަރަން ޖޯހަރާއި ދިބާކަރު ބެނަޖީ އެވެ.

އެއިން ކޮންމެ މީހަކު ހަދާނީ 30 މިނިޓްގެ ފިލްމެކެވެ.

އަލީގެ "ތަންޑަވް" ގެ ކާސްޓަށް ޕޫރަބް

ޑައިރެކްޓަރު އަލީ އައްބާސް ޒަފަރު ހަދާ ފުރަތަމަ ވެބް ސީރީޒް "ތަންޑަވް" ގެ ރޯލަކަށް ޕޫރަބް ކޯލީ ވެސް ސޮއިކޮށްފައިވާ ކަމަށް ރިޕޯޓްތައްް ބުނެފި އެވެ.

ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި މި ޕޮލިޓިކަލް ޑްރާމާ ރޯލްތަކަށް ސައިފް އަލީ ހާނާއި ކްރިތިކާ ކަމްރާ ކުރިން ސޮއިކޮށްފައިވެ އެވެ. އެކަމަކު "ތަންޑަވް" އާ ބެހޭ އެއްވެސް ވާހަކައެއް އަލީ މިހާތަނަށް ރަސްމީކޮށް ހިއްސާކޮށްފައެއް ނުވެ އެވެ.

"މައި ބްރަދާ...ނިކިލް" އާއި "ޝާދީ ކޭ ސައިޑް އިފެކްޓްސް" އަދި "ރޮކްއޯން" ފަދަ ފިލްމުތަކުން ފެނިފައިވާ ޕޫރަބަކީ މީގެ ކުރިން ވެސް ވެބް ސީރީޒްތަކެއް ކުޅެފައިވާ އެކްޓަރެކެވެ. އޭގެ ތެރޭގައި ވޫޓްގެ "އިޓްސް ނޮޓް ދެޓް ސިމްޕަލް" އާއި ނެޓްފްލިކްސްގެ "ޓައިޕްރައިޓާ" ގެ އިތުރުން "ސެންސް8" ހިމެނެ އެވެ.

މީޑިއާތަކުން ބުނި ގޮތުގައި ޖޫން މަހު "ބާރަތު" ގެނެސް ދިން އަލީގެ "ތަންޑަވް" އަކީ އަންނަ އަހަރު ސްޓްރީމް ކުރާނެ އެއްޗެކެވެ.