Roadha Mihaaru
ކޮންމެ 10 މީހަކުން ހަތް މީހަކަށް ފޯނާ ނުލައި ނޫޅެވޭ

ކޮންމެ 10 މީހަކުން ހަތް މީހަކަށް ފޯނާ ނުލައި ނޫޅެވޭ

19 އޯގަސްޓް 2019

ސްމާޓްފޯން ގެންގުޅޭ މީހުންގެ ތެރެއިން ކޮންމެ 10 މީހަކު ހަތް މީހުންނަކީ އެންމެ ހިނދުކޮޅަކަށް ވެސް ފޯނާ ނުލައި ނޫޅެވޭ މީހެއް ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ސްމާޓްފޯން ގެންގުޅޭ މީހުންގެ ތެރެއިން ކޮންމެ 10 މީހަކު ހަތް މީހުންނަކީ އެންމެ ހިނދުކޮޅަކަށް ވެސް ފޯނާ ނުލައި ނޫޅެވޭ މީހެއް ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

އޭއޯ-މޮބައިލް އިން ދެހާއެއްހާ މީހުން ބައިވެރިވިކޮށްގެން ހެދި ދިރާސާ އިން ދައްކާ ގޮތުގައި ކޮންމެ ފަސް މީހަކުން ދެ މީހުންނަކީ ހިނގާއިރު ނުވަތަ ދުވާއިރު ފޯނާ ކުޅެން ހަދައިގެން އެކި ކަހަލަ ހާދިސާތަކާ ކުރިމަތިވެ، އަނިޔާ ވެސް ލިބޭ މީހުންނެވެ.

ދިރާސާގައި ބައިވެރިވި މީހުންގެ 60 ޕަސެންޓް މީހުން ވަނީ ފޯނާ ނުލައި އެ މީހުންނަށް އެންމެ ހިނދުކޮޅެއް ވެސް ހޭދަ ނުކުރެވޭ ކަމަށާއި އެއަށް ވުރެ ބޮޑަށް ބަރޯސާވެ، އޭގެ އަވާގައި ޖެހިފައިވާ ކަމަށް ބުނެފަ އެވެ. ހަމަމިއާ އެކު، ދިރާސާ އިން ދައްކާ ގޮތުގައި ކޮންމެ 10 މީހަކުން ތިން މީހުންނަކީ ހެނދުނު ހޭލާ ގޮތަށް ފޯނު ޗެކްކުރާ މީހުންނެވެ.

މިއާ އެކު ފާހަގަވި އަނެއް ކަމަކީ ގިނަ މީހުންނަކީ ދުވާލެއްގެ މައްޗަށް މަދުވެގެން ތިން ގަޑިއިރު ނުވަތަ އެއަށް ވުރެ ގިނައިން ފޯނާ ކުޅޭ މީހުންކަމެވެ. އަދި އޭގެ ތެރެއިން 52 މިނިޓް ހޭދަކުރަނީ ސޯޝަލް މީޑިއާ ހޭވުމުގަ އެވެ.

ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި ގިނަ ބަޔަކު އެންމެ އާންމުކޮށް ފޯނު ބޭނުންކުރަނީ މެސެޖާއި ކޯލަށާއި ވަޓްސްއެޕް ކަހަލަ ޕްލެޓްފޯމްތަކުގައި މުއާމަލާތުކުރުމަށެވެ. މިކަމުގެ ސަބަބުން، ސްމާޓްފޯނު ބޭނުންކުރާ މީހުން މަހެއްގެ މައްޗަށް އެވްރެޖްކޮށް ނުވަ ގިގަބައިޓް ޑޭޓާ ހޭދަކުރާ ކަމަށް ބުންޏެވެ. ހަމަމިއާ އެކު ޑޭޓާ ހުސްވެދާނެ ކަމުގެ ބިރު އޮންނާތީ ކޮންމެ އަށް މީހަކުން އެކަކު ވީހާ ވެސް އަވަހަކަށް ޑޭޓާ އަޅާ ކަމަށް ވެސް ދިރާސާ އިން ދައްކަ އެވެ.

ދިރާސާ އިން ފާހަގަވި އަނެއް ކަމަކީ ކުރިއާ ހިލާފަށް، ގުޅައިގެން ވާހަކަ ދެއްކުމުގެ ބަދަލުގައި މިހާރު، ގިނަ ބަޔަކު މެސެޖާއި އެފަދަ އެފަދަ އެހެން ގޮތްތައް ބޭނުންކުރުމެވެ.

"ހަމަމިއާ އެކު ޑޭޓާ އަށް ކުރާ ހަރަދު ދަނީ އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުން،" އޭއޯ-މޮބައިލްގެ މެނެޖިން ޑިރެކްޓަރު ރިޗަޑް ބެޒެންޑޭލްް ވިދާޅުވި އެވެ.