Roadha Mihaaru
މުޝައްރަފުގެ މައްޗަށް މަރުގެ ހުކުމް އިއްވައިފި

މުޝައްރަފުގެ މައްޗަށް މަރުގެ ހުކުމް އިއްވައިފި

17 ޑިސެމްބަރ 2019

ޕާކިސްތާނުގެ ކުރީގެ އަސްކަރީ ލީޑަރު ޕަރުވޭޒް މުޝައްރަފް ގައުމަށް ގައްދާރުވެވަޑައިގަތުމުގެ ކުށުގައި މަރުގެ ހުކުމް، އިސްލާމްއާބާދުގެ ކޯޓަކުން މިއަދު އިއްވައިފި އެވެ.

ޕާކިސްތާނުގެ ކުރީގެ އަސްކަރީ ލީޑަރު ޕަރުވޭޒް މުޝައްރަފް ގައުމަށް ގައްދާރުވެވަޑައިގަތުމުގެ ކުށުގައި މަރުގެ ހުކުމް، އިސްލާމްއާބާދުގެ ކޯޓަކުން މިއަދު އިއްވައިފި އެވެ.

ތިން ފަނޑިޔާރުންގެ ބެންޗަކުން އިއްވި މި ހުކުމް ބިނާކުރީ ޕާކިސްތާނުގެ ގާނޫނުއަސާސީ ހުއްޓުވިކަމުގެ ކުށަށެވެ. މަރުގެ ހުކުމް އިއްވީ މައްސަލަ ބެލި ތިން ފަނޑިޔާރުންގެ ބެންޗުގެ އަގުލަބިއްޔަތުން، 2-1 އިންނެވެ.

މުޝައްރަފު މިވަގުތު އުޅުއްވަނީ ދުބާއީގަ އެވެ. ބޭސްފަރުވާއަށް ގައުމުން ބޭރަށް ވަޑައިގަތުމުގެ ހުއްދަ ދިނުމާ އެކު އޭނާ ޕާކިސްތާން ދޫކޮށްލެއްވީ 2016 ގަ އެވެ.

ގާނޫނުއަސާސީ އަށް އަމަލްކުރުން ހުއްޓާލަން 2007 ގައި އޭނާ އެންގެވީ ވެރިކަމުގެ މުއްދަތު ހަމަވުމަށް ފަހު ވެސް ޕާކިސްތާނުގެ ރައީސްކަމުގައި ހުންނަވަންވެގެންނެވެ.

މި މަހު ކުރީކޮޅު، ދުބާއީގެ ހޮސްޕިޓަލެއްގައި އޮންނަވައި އާންމުކުރެއްވި ވީޑިއޯ ބަޔާނެއްގައި މުޝައްރަފް ވިދާޅުވީ އެ ދައުވާގައި "އެއްވެސް އަސާސެއް ނެތް" ކަމަށެވެ.

ނޮވެމްބަރު 2007 ގައި ގާނޫނުއަސާސީއަށް އަމަލްކުރުން ހުއްޓާލުމަށް ފަހު މުޝައްރަފު ވަނީ ކުއްލި ހާލަތު އިއުލާންކުރައްވައިފަ އެވެ. އެކަމަކު އިތުބާރު ނެތްކަމުގެ ވޯޓަކަށް ދިއުމާ އެކު 2008 ގައި އޭނާ އިސްތިއުފާ ދެއްވި އެވެ.

ގައުމަށް ގައްދާރުވުމުގެ ދައުވާ މުޝައްރަފުގެ މައްޗަށް އުފުލީ، 1999 ގައި އަސްކަރީ އިންގިލާބެއް އޭނާ ގެންނެވި އިރު އޭރު ބޮޑުވަޒީރަކަށް ހުންނެވި ނަވާޒް ޝަރީފް އަލުން އެ މަގާމަށް، 2013 ގައި، އެނބުރި ވަޑައިގެންފަ އެވެ.

ޝަރީއަތްތަކުގައި އޭނާ ވިދާޅުވަމުން ގެންދެވީ އޭނާ އެގޮތަށް ފިޔަވަޅު އެޅުއްވީ ކެބިނެޓުން ވެސް ފާސްކޮށްގެން ކަމަށެވެ. އެކަމަކު އޭނާގެ ވާހަކަތައް ކޯޓަކުން ގަބޫލެއްނުކުރެ އެވެ.

ގައްދާރުވުމުގެ ކުށް ސާބިތުވެއްޖެ ނަމަ، ޕާކިސްތާނުގެ ގާނޫނުއަސާސީ ބުނާ ގޮތުން، އޮންނާނީ މަރުގެ އަދަބެވެ.

ދުބާއީއަށް ވަޑައިގެންނެވި ގޮތަށް މުޝައްރަފު އުޅުއްވަމުން ގެންދަވަނީ އެތަނުގަ އެވެ. ކޯޓަށް ހާޒިރުވެވަޑައިގަތުމަށް ތަކުރާރުކޮށް އަންގަމުން ދިޔަ އެންގުންތަކަށް އޭނާ ތަބާއަވެވަޑައެއް ނުގަންނަވަ އެވެ.

މުޝައްރަފަކީ ގާނޫނުއަސާސީއާ ހިލާފުވެވަޑައިގެންނެވުމުގެ ކުށުގައި ޕާކިސްތާނުގައި ޝަރީއަތް ހިންގި އަސްކަރީ ފުރަތަމަ ލީޑަރެވެ.

ޕާކިސްތާނުގައި މީގެ ކުރިން އަސްކަރީ ކިތައްމެ ލީޑަރަކު އިންގިލާބުތައް ގެނެސް ވެރިކަން ކުރެއްވި އެވެ. ނުވަތަ އެ ބޭފުޅުންގެ ނުފޫޒު ކޮންމެ ސަރުކާރެއްގެ މައްޗަށް އަބަދުވެސް އޮވެ އެވެ.

ބައެއް ތަޖުރިބާާކާރުން ބުނާ ގޮތުގައި މުޝައްރަފްގެ ޝަރީއަތް، ޕާކިސްތާނުގެ އަސްކަރިއްޔާ އިން ވަރަށް ގާތުން ބަލާނެ އެވެ. އޭގެ ސަބަބަކީ ކޯޓުން އަންނަ ހުކުމަކީ، ކުރިއަށް އޮތް ތަނުގައި އެހެން މީހުންނާ ދެކޮޅަށް ވެސް ފިޔަވަޅު އަޅަން ލިބޭނެ މިސާލަކަށް ވާނެތީ އެވެ.

ޕާކިސްތާނުގެ އަސްކަރީ ވެރިޔަކަށް މުޝައްރަފް އިސްކުރީ، ނަވާޒު ޝަރީފްގެ ވެރިކަމުގައި 1998 ގަ އެވެ. އޭނާ އާއި ނަވާޒް ޝަރީފާ ދެމެދު ދެބަސްވުން އުފެދުނީ 1999 ގައި، އިންޑިއާއާ އެކު ޕާކިސްތާނުން ކުރި ކަރުގިލް ހަނގުރާމައާ ގުޅިގެންނެވެ.

އަސްކަރީ އިންގިލާބެއް ގެންނަވައި 1999 ގައި ނަވާޒް ޝަރީފް މަގާމުން ވަކިކުރީ އެއްވެސް ލޭއޮހޮރުުވުމެއް ނެތި އެވެ.

މުޝައްރަފުގެ ވެރިކަމުގައި އޭނާ އަވަހާރަކޮށް އެތައް ފަހަރަކު ހަމަލާދިނެވެ. ބައިނަލްއަގުވާމީ ގޮތުން އޭނާއަށް އެންމެ ބޮޑު ސަމާލުކަމެއް ލިބުނީ 2001 ގައި އެމެރިކާއަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން އެމެރިކާ އިން ފެށި ޓެރަރިޒާ ދެކޮޅު ހަނގުރާމައަށް މުޝައްރަފު ދެއްވި އެއްބާރުލުމާ ގުޅިގެންނެވެ.

ވެރިކަމުން 2008 ގައި އިސްތިއުފާ ދެއްވުމަށް ފަހު ގައުމުން ބޭރުގައި ފަސް އަހަރު އުޅުއްވި އެވެ. އޭނާ އެނބުރި ޕާކިސްތާނަށް، 2013 ގައި ވަޑައިގަތީ، އާންމު އިންތިހާބުގައި ވާދަކުރައްވާށެވެ. އެކަމަކު އޭނާއާ ދެކޮޅަށް ކޯޓުތަކުގައި ހުރި މައްސަލަތަކާ ގުޅިގެން އިންތިހާބުގައި ވާދަނުކުރެއްވޭ ގޮތް އޮތީ ހަދައިފަ އެވެ.

ގައްދާރުވުމުގެ ޝަރީއަތަށް މުޝައްރަފު ހާޒިރުވެވަޑައިގަތީ އެންމެ ދެ ފަހަރު އެވެ.