Roadha Mihaaru
މުޝައްރަފުގެ މައްޗަށް އިއްވި މަރުގެ ހުކުމް ބާތިލްކޮށްފި

މުޝައްރަފުގެ މައްޗަށް އިއްވި މަރުގެ ހުކުމް ބާތިލްކޮށްފި

13 ޖެނުއަރީ 2020

ލާހޯރު (ޖެނުއަރީ 13) - ޕާކިސްތާނުގެ ކުރީގެ އަސްކަރީ ލީޑަރު ޕަރުވޭޒް މުޝައްރަފް ގައުމަށް ގައްދާރުވެވަޑައިގަތުމުގެ ކުށުގައި އިއްވި މަރުގެ ހުކުމުގެ އިޖްރާއަތުތައް ފުރިހަމަ ނޫން ކަމަށް ބުނެ އެ ހުކުމް އެ ގައުމުގެ ކޯޓަކުން މިއަދު ބާތިލްކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ލާހޯރު (ޖެނުއަރީ 13) - ޕާކިސްތާނުގެ ކުރީގެ އަސްކަރީ ލީޑަރު ޕަރުވޭޒް މުޝައްރަފް ގައުމަށް ގައްދާރުވެވަޑައިގަތުމުގެ ކުށުގައި އިއްވި މަރުގެ ހުކުމުގެ އިޖްރާއަތުތައް ފުރިހަމަ ނޫން ކަމަށް ބުނެ އެ ހުކުމް އެ ގައުމުގެ ކޯޓަކުން މިއަދު ބާތިލްކޮށްފި އެވެ.

ލާހޯރުގެ ހައި ކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައި ވަނީ މުޝައްރަފުގެ މައްޗަށް މިދިޔަ މަހު މަރުގެ ހުކުމް އިއްވި ކޯޓު އުފައްދާފައި ވަނީ ގާނޫނު އަސާސީއާ ޚިލާފަށް ކަމަށެވެ. އެހެންވެ މުޝައްރަފުގެ ވަކީލުން ވިދާޅުވަނީ މުޝައްރަފުގެ މައްޗަށް އިއްވި ހުކުމުގެ ސައްހަކަން ވަނީ ގެއްލިފައި ކަމަށެވެ.

"ލާހޯރުގެ ހައި ކޯޓުން ވަނީ މުޝައްރަފުގެ މައްޗަށް އިއްވި ހުކުމް ބާތިލްކޮށްފައި،" މުޝައްރަފްގެ ވަކީލް އަޒްހަރު ސިއްދީގު ރޮއިޓާސް ވިދާޅުވި އެވެ.

ސަރުކާރު ތަމްސީލް ކުރެއްވި ޕްރޮސެކިއުޓަރެއް ކަމަށްވާ އިޝްތިއާގު އޭ. ޚާން ވިދާޅުވީ މުޝައްރަފުގެ މައްޗަށް ހުކުމްކުރި ބެންޗު ސައްހަ ނޫންކަމަށް ނިންމުމުން މުޝައްރަފުގެ މައްޗަށް އެއްވެސް ހުކުމް މިހާރު ނޯންނާނެ ކަމަށެވެ.

"އެއީ މިހާރު މިނިވަނެއް،" އޭނާ ވިދާޅުވި އެވެ.

ޑިސެމްބަރު 17 ވަނަ ދުވަހު ތިން ފަނޑިޔާރުންގެ ބެންޗެއް ހިމެނޭ ޚާއްސަ ކޯޓަކުން މުޝައްރަފުގެ މައްޗަށް ޣައިރު ހާޒިރުގައި އިއްވި މި ހުކުމް ބިނާކުރީ ޕާކިސްތާނުގެ ގާނޫނުއަސާސީ ހުއްޓުވިކަމުގެ ކުށަށެވެ. މަރުގެ ހުކުމް އިއްވީ މައްސަލަ ބެލި ތިން ފަނޑިޔާރުންގެ ބެންޗުގެ އަގުލަބިއްޔަތުން، 2-1 އިންނެވެ.

މުޝައްރަފު މި ވަގުތު އުޅުއްވަނީ ދުބާއީގަ އެވެ. ބޭސްފަރުވާއަށް ގައުމުން ބޭރަށް ވަޑައިގަތުމުގެ ހުއްދަ ދިނުމާ އެކު އޭނާ ޕާކިސްތާން ދޫކޮށްލެއްވީ 2016 ގަ އެވެ. ދުބާއީގެ ހޮސްޕިޓަލެއްގައި އޮންނަވައި އާންމުކުރެއްވި ވީޑިއޯ ބަޔާނެއްގައި މުޝައްރަފް ވިދާޅުވީ އެ ދައުވާގައި "އެއްވެސް އަސާސެއް ނެތް" ކަމަށެވެ.

މުޝައްރަފް ދުބާއީގެ ހޮސްޕިޓަލެއްގައި ފަރުވާ ހޯއްދަވަނީ. --ފޮޓޯ:އޭޕީއެމްއެލް

މުޝައްރަފް ދުބާއީގެ ހޮސްޕިޓަލެއްގައި ފަރުވާ ހޯއްދަވަނީ. --ފޮޓޯ:އޭޕީއެމްއެލް

ދުބާއީއަށް ވަޑައިގެންނެވި ގޮތަށް މުޝައްރަފު އުޅުއްވަމުން ގެންދަވަނީ އެތަނުގަ އެވެ. ކޯޓަށް ހާޒިރުވެވަޑައިގަތުމަށް ތަކުރާރުކޮށް އަންގަމުން ދިޔަ އެންގުންތަކަށް އޭނާ ތަބާއަވެވަޑައެއް ނުގަންނަވަ އެވެ.

ގާނޫނުއަސާސީ އަށް އަމަލްކުރުން ހުއްޓާލަން 2007 ގައި އޭނާ އެންގެވީ ވެރިކަމުގެ މުއްދަތު ހަމަވުމަށް ފަހު ވެސް ޕާކިސްތާނުގެ ރައީސްކަމުގައި ހުންނަވަންވެގެންނެވެ.

ނޮވެމްބަރު 2007 ގައި ގާނޫނުއަސާސީ އަށް އަމަލްކުރުން ހުއްޓާލުމަށް ފަހު މުޝައްރަފު ވަނީ ކުއްލި ހާލަތު އިއުލާންކުރައްވައިފަ އެވެ. އެކަމަކު އިތުބާރު ނެތްކަމުގެ ވޯޓަކަށް ދިއުމާ އެކު 2008 ގައި އޭނާ އިސްތިއުފާ ދެއްވި އެވެ.

ގައުމަށް ގައްދާރުވުމުގެ ދައުވާ މުޝައްރަފުގެ މައްޗަށް އުފުލީ، 1999 ގައި އަސްކަރީ އިންގިލާބެއް އޭނާ ގެންނެވި އިރު އޭރު ބޮޑުވަޒީރަކަށް ހުންނެވި ނަވާޒް ޝަރީފް އަލުން އެ މަގާމަށް، 2013 ގައި، އެނބުރި ވަޑައިގެންފަ އެވެ.

ޝަރީއަތްތަކުގައި އޭނާ ވިދާޅުވަމުން ގެންދެވީ އޭނާ އެގޮތަށް ފިޔަވަޅު އެޅުއްވީ ކެބިނެޓުން ވެސް ފާސްކޮށްގެން ކަމަށެވެ. އެކަމަކު އޭނާގެ ވާހަކަތައް ކޯޓަކުން ގަބޫލެއްނުކުރެ އެވެ.

ގައުމަށް ގައްދާރުވުމުގެ ކުށް ސާބިތުވެއްޖެ ނަމަ، ޕާކިސްތާނުގެ ގާނޫނުއަސާސީ ބުނާ ގޮތުން، އޮންނާނީ މަރުގެ އަދަބެވެ.

މުޝައްރަފަކީ ގާނޫނުއަސާސީއާ ހިލާފުވެވަޑައިގެންނެވުމުގެ ކުށުގައި ޕާކިސްތާނުގައި ޝަރީއަތް ހިންގި އަސްކަރީ ފުރަތަމަ ލީޑަރެވެ.

ޕާކިސްތާނަށް ލޭއޮހޮރުވުމެއް ނެތް އިންގިލާބެއް މުޝައްރަފް ގެންނެވީ 1999 ވަނަ އަހަރު. --ފޮޓޯ:އީޕީއޭ

ޕާކިސްތާނަށް ލޭއޮހޮރުވުމެއް ނެތް އިންގިލާބެއް މުޝައްރަފް ގެންނެވީ 1999 ވަނަ އަހަރު. --ފޮޓޯ:އީޕީއޭ

ޕާކިސްތާނުގައި މީގެ ކުރިން އަސްކަރީ ކިތައްމެ ލީޑަރަކު އިންގިލާބުތައް ގެނެސް ވެރިކަން ކުރެއްވި އެވެ. ނުވަތަ އެ ބޭފުޅުންގެ ނުފޫޒު ކޮންމެ ސަރުކާރެއްގެ މައްޗަށް އަބަދުވެސް އޮވެ އެވެ.

ޕާކިސްތާނުގެ އަސްކަރީ ވެރިޔަކަށް މުޝައްރަފް އިސްކުރީ، ނަވާޒު ޝަރީފްގެ ވެރިކަމުގައި 1998 ގަ އެވެ. އޭނާ އާއި ނަވާޒް ޝަރީފާ ދެމެދު ދެބަސްވުން އުފެދުނީ 1999 ގައި، އިންޑިއާއާ އެކު ޕާކިސްތާނުން ކުރި ކަރުގިލް ހަނގުރާމައާ ގުޅިގެންނެވެ.

އަސްކަރީ އިންގިލާބެއް ގެންނަވައި 1999 ގައި ނަވާޒް ޝަރީފް މަގާމުން ވަކިކުރީ އެއްވެސް ލޭއޮހޮރުުވުމެއް ނެތި އެވެ.

މުޝައްރަފުގެ ވެރިކަމުގައި އޭނާ އަވަހާރަކޮށް އެތައް ފަހަރަކު ހަމަލާދިނެވެ. ބައިނަލްއަގުވާމީ ގޮތުން އޭނާއަށް އެންމެ ބޮޑު ސަމާލުކަމެއް ލިބުނީ 2001 ގައި އެމެރިކާއަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން އެމެރިކާ އިން ފެށި ޓެރަރިޒާ ދެކޮޅު ހަނގުރާމައަށް މުޝައްރަފު ދެއްވި އެއްބާރުލުމާ ގުޅިގެންނެވެ.

ވެރިކަމުން 2008 ގައި އިސްތިއުފާ ދެއްވުމަށް ފަހު ގައުމުން ބޭރުގައި ފަސް އަހަރު އުޅުއްވި އެވެ. އޭނާ އެނބުރި ޕާކިސްތާނަށް، 2013 ގައި ވަޑައިގަތީ، އާންމު އިންތިހާބުގައި ވާދަކުރައްވާށެވެ. އެކަމަކު އޭނާއާ ދެކޮޅަށް ކޯޓުތަކުގައި ހުރި މައްސަލަތަކާ ގުޅިގެން އިންތިހާބުގައި ވާދަނުކުރެއްވޭ ގޮތް އޮތީ ހަދައިފަ އެވެ.