Roadha Mihaaru
މަސްވެރިންނަށް ޕެންޝަނެއް ގާއިމުކޮށްދޭން ޖެހޭ: އީވާ

މަސްވެރިންނަށް ވެސް ޕެންޝަނެއް ގާއިމުކޮށްދޭން ޖެހޭ: އީވާ

19 އޯގަސްޓް 2019

މަސްވެރިންގެ ހައްގުތައް ރައްކާތެރިކޮށް އެ މީހުންނަށް ވެސް ޕެންޝަނެއް ހައްގު ކަމަށް ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް، ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އީވާ އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

މަސްވެރިންގެ ހައްގުތައް ރައްކާތެރިކޮށް އެ މީހުންނަށް ވެސް ޕެންޝަނެއް ހައްގު ކަމަށް ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް، ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އީވާ އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ޝިފާއު މަޖިލިހަށް ހުށަހެޅުއްވި މަސްވެރިކަމުގެ ބިލަށް މަޖިލިހުގައި ބަހުސް ކުރައްވަމުން އީވާ ވިދާޅުވީ މަސްވެރިކަމަކީ ދިވެހިންގެ ޒަމާންވީ ކަނޑުގެ ރޯދި ކަމަށެވެ. ކޮންމެ ދިވެއްސަކަށް ވާރުތަވެފައިވާ އިގްތިސާދީ މަސައްކަތް ފެށުނީއްސުރެ ދިވެހި އެތައް އާއިލާތަކަށް ތިޔާގިކަން ގެނެސްދީފައިވާ ކަމަށް ވެސް އީވާ ވިދާޅުވި އެވެ.

ރާއްޖޭގެ އިގްތިސާދާއި އާމްދަނީ ހިފަހައްޓައިދިނީ މަސްވެރިކަމުން ކަމަށް އީވާ ވިދާޅުވި އެވެ. އެހެންވެ، މަސްވެރިކަމުގެ ބިލްގައި މަސްވެރިންނަށް ނަފާ ލިބޭނެ ގޮތްތަކެއް އޮންނަން ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއް ކުރިއަށް ދަނީ. --- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއް ކުރިއަށް ދަނީ. --- ފޮޓޯ: މަޖިލިސް

އީވާ އެހެން ވިދާޅުވި އިރު، މަސްވެރިކަމުގައި ގިނަ ދުވަހު އުޅޭ މީހުންނަށް ޕެންޝަނެއް ކަނޑައަޅަން ސަރުކާރުން ހުށަހެޅި މަސްވެރިކަމުގެ ބިލްގައި ހިމަނައިފައެއް ނެތެވެ. އެކަމަކު، މަސްވެރިންނަށް ޕެންޝަނެއް ގާއިމުކޮށްދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ.

އީވާ ވިދާޅުވި ގޮތުގައި ރައީސް އާއި އެމްޑީޕީގެ މައިގަނޑު މަގްސަދަކަށްވީ، އަދި އެޖެންޑާ 19 ގައި ވެސް ވައުދުވީ މަސްވެރިކަން ޒަމާނީކޮށްދޭނެ ކަމުގެ ވާހަކަ އެވެ. މަސްވެރިކަމަށް އައިސްފައިވާ ތަރައްގީތަކާއި ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދައިދޭން މަސައްކަތް ކުރަން ވައުދުވި ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ އެއް މިސާލެއްގެ ގޮތުގައި އީވާ ވިދާޅުވީ 1987 ވަނަ އަހަރު އެކުލަވާލި މަސްވެރިކަމުގެ ގާނޫނު އޮތީ ބޭރުގެ ބޯޓުތަކަށް ވެސް ރާއްޖެ އައިސް މަސްވެރިކަން ކުރެވޭ ގޮތަށް ކަމަށެވެ. އެކަމަކު، މަޖިލިހަށް ހުށަހެޅި ބިލުގެ ސަބަބުން އެ ފުރުސަތު އެއްކޮށް ބަންދުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އީވާ ވިދާޅުވި ގޮތުގައި ބިލްގެ މަގްސަދުގެ ތެރޭގައި މަސްވެރިކަން ކުރާ މީހުންނަށް ރަނގަޅު އާމްދަނީ އާއި ނަފާ ހޯދައި ދިނުން ހިމަނަން ޖެހެ އެވެ. އަދި ބޭނުމަކީ މުޅި ދުނިޔޭގައި މަހަށް ލިބޭ ބޮޑު އަގު ދިވެހި މަސްވެރިޔާ އަށް ވެސް ލިބޭ ގޮތްވުން ކަމަށް އީވާ ވިދާޅުވި އެވެ.

"މަސްވެރިން 40-50 އަހަރު މަސްވެރިކަން ކޮށްފައި، ރިޓަޔަ ކުރީމަ އޭގެ މަންފާ ލިބެން ޖެހޭނެ ރިޓަޔަމަންޓް ސްކީމެއް (އޮންނަންވާނެ)،" ބިލަށް އިސްލާހުތަކެއް ގެންނަން ހުރި ކަން ފާހަގަ ކުރައްވައި އީވާ ވިދާޅުވި އެވެ.

މީގެއިތުރުން ޒުވާނުން މަސްވެރިކަން ކުރުމަށް ބާރު އަޅާނެ ގޮތްތަކެއް ބިލްގައި އޮންނަން ޖެހޭ ކަމަށާއި އެހެން ނޫނީ ޒަމާންވީ މަސްވެރިކަން ހުއްޓިގެން ހިނގައިދާނެ ކަމަށް އީވާ ވިދާޅުވި އެވެ. އަދި އަންހެނުން މަސްވެރިކަމުގެ ސިނާއަތުގައި ކުރާ ކަންކަން ބަލައިގަންނަން ޖެހޭ ކަމަށް ވެސް އީވާ ވިދާޅުވި އެވެ. މަސްވެރިކަން ކުރުމަށް އަންހެނުން ބާރު އެޅުވުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.