Roadha Mihaaru
އެންސްޕާ، ޖެންޑާގެ ދަށުންހިންގަން މަޖިލިހުން ފާސްކޮށްފި

އެންސްޕާ، ޖެންޑާގެ ދަށުން ހިންގަން މަޖިލިހުން ފާސްކޮށްފި

21 އޯގަސްޓް 2019

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)، ޖެންޑާ މިނިސްޓްރީގެ ދަށުން ހިންގަން ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ބިލް މިއަދު ފާސްކޮށްފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)، ޖެންޑާ މިނިސްޓްރީގެ ދަށުން ހިންގަން ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ބިލް މިއަދު ފާސްކޮށްފި އެވެ.

އިޖުތިމާއީ ސިއްހީ އިންޝުއަރެންސްގެ ގާނޫނުގައި މިހާރު އޮންނަ ގޮތުން އެންސްޕާ ހިންގަން ޖެހެނީ ހެލްތު މިނިސްޓްރީންނެވެ. އެކަމަކު، މި ސަރުކާރު ވެރިކަމަށް އައިސް އެންސްޕާގެ ހިންގުން ވަނީ ޖެންޑާ މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފަ އެވެ. އެގޮތަށް ބަދަލު ގެނައީ ގާނޫނަށް އިސްލާހު ނުގެނެސް އެވެ.

އެންސްޕާ ހިންގުން ޖެންޑާ މިނިސްޓްރީގެ ބަދަލު ކުރުމަށް ނިންމައި އިޖުތިމާއީ ސިއްހީ އިންޝުއަރެންސްގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން މަނަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ހާރޫނެވެ. އަދި އެ އިސްލާހު ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 62 މެމްބަރުންގެ އިއްތިފާގުންނެވެ.

ބިލް ދިރާސާ ކުރި އިޖުތިމާއީ ކޮމިޓީން ބިލަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެ އެވެ. މި ބިލަށް އަމަލު ކުރަން ފަށާނީ، ތަސްދީގުކޮށް ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރާ ހިސާބުން ފެށިގެންނެވެ.

އެންސްޕާ އަކީ އިޖުތިމާއީ ރައްކާތެރިކަން ދިނުމަށް ސަރުކާރުން ހިންގާ ގިނަ ކަންތައްތައް ކުރަން އުފައްދާފައިވާ އެެޖެންސީ އެކެވެ. އެ އިދާރާ އިން ދޭ ހިދުމަތްތަކުގެ ތެރޭގައި ހުސްނުވާ އާސަންދަ، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އެކަނިވެރި މައިންނަށް މާލީ އިނާޔަތް ދިނުން ހިމެނެ އެވެ.