Roadha Mihaaru
އަމީން ފައިސަލް، މޫސާ ޖަލީލް ފުލުހަށް ހާޒިރުކުރަނީ

އަމީން ފައިސަލާއި މޫސާ ޖަލީލް ފުލުހަށް ހާޒިރުވާން އަންގައިފި

18 ސެޕްޓެމްބަރ 2016

ކުރީގެ ދެ ޑިފެންސް މިނިސްޓަރުން ކަމަށްވާ އަމީން ފައިސަލާއި މޫސާ އަލީ ޖަލީލް މާދަމާ ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކުރީގެ ދެ ޑިފެންސް މިނިސްޓަރުން ކަމަށްވާ އަމީން ފައިސަލާއި މޫސާ އަލީ ޖަލީލް މާދަމާ ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ޑިފެންސް މިނިސްޓަރުކަން ކުރެއްވި އަމީނަށް ފުލުހުން މިއަދު ފޮނުވި ޗިޓުގައި ބުނީ އޭނާ ފުލުހަށް ހާޒިރުވާން އެންގީ ތަހުގީގުކުރަމުންދާ މައްސަލައަކާ ގުޅިގެން ބަޔާން ނެގުމަށް ކަމަށެވެ. އެހެންވެ، މާދަމާ ރޭ 8:00 އަށް ފުލުހުންގެ މައި މަރުކަޒަށް ހާޒިރުވާން އަމީނަށް އަންގާފައިވެ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ދަތުރުކުރެއްވި ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާއާ ގުޅިގެން މިނިސްޓަރު ކަމުން ވަކި ކުރެއްވި މޫސާ އަލީ ޖަލީލް ފުލުސް އޮފީހަށް ހާޒިރުވާން އަންގާފައި ވަނީ މާދާމާ ހަވީރު 5:00 އަށެވެ. އޭނާ ވެސް ހާޒިރުކުރަނީ، ފުލުހުން ބުނި ގޮތުގައި، ބަލަމުންދާ މައްސަލައަކާ ގުޅިގެންނެވެ.

އެކަމަކު، އެ ދެ ބޭފުޅުން ހާޒިރުކުރާ މައްސަލައެއް އަދި ނޭނގެ އެވެ.

އެކި މައްސަލަތަކާ ގުޅިގެން ތަހުގީގުކޮށް ބަޔާން ނެގުމަށް އިދިކޮޅު ގިނަ ފަރާތްތަކެއް ވަނީ މިދިޔަ ޖުލައި މަހުގެ ތެރޭގައި ފުލުހަށް ހާޒިރުކޮށްފަ އެވެ. އޭގެ ތެރޭގައި އިދިކޮޅު އިއްތިހާދުގެ ހިޔަނި ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ އަހުމަދު ތަސްމީން އަލީ އާއި ހަސަން ލަތީފް އަދި ޝިދާތާ ޝަރީފް ހިމެނެ އެވެ.

މީގެ އިތުރުން، އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ނައިބު ރައީސް ޑރ. އިޔާޒު ލަތީފު ވެސް ފުލުހަށް ހާޒިރުކޮށްފައިވެ އެވެ. އަދި ކުރެއްވި ޓުވީީޓަކާ ގުޅިގެން މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެން ވެސް ފުލުހަށް ހާޒިރުކޮށް، ފޯނު އަތުލާފައިވެ އެވެ.