Roadha Mihaaru
ރައީސް ޔާމީން ހައްޔަރުކޮށް ތަހުގީގެއް ހިންގަން ގަރާރެއް

ރައީސް ޔާމީން ހައްޔަރުކޮށް، ތަހުގީގެއް ހިންގަން ގޮވާލައި އެމްޑީޕީން ގަރާރެއް ފާސްކޮށްފި

07 ސެޕްޓެމްބަރ 2016

ސަރުކާރުގެ ކޮރަޕްޝަނާ ގުޅޭ ގޮތުން އަލް ޖަޒީރާ އިން އާއްމުކުރި ޑޮކިއުމެންޓްރީގައި ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ތުހުމަތުކުރާ ކޮރަޕްޝަންގެ މައްސަލަތަކާ ގުޅިގެން އެމަނިކުފާނު ހައްޔަރުކޮށް ތަހުގީގެއް ހިންގަން ފުލުހުންނަށް ގޮވާލައި އެމްޑީޕީގެ ގައުމީ މަޖިލީހުން މިރޭ ގަރާރެއް ފާސްކޮށްފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ސަރުކާރުގެ ކޮރަޕްޝަނާ ގުޅޭ ގޮތުން އަލް ޖަޒީރާ އިން އާއްމުކުރި ޑޮކިއުމެންޓްރީގައި ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ތުހުމަތުކުރާ ކޮރަޕްޝަންގެ މައްސަލަތަކާ ގުޅިގެން އެމަނިކުފާނު ހައްޔަރުކޮށް ތަހުގީގެއް ހިންގަން ފުލުހުންނަށް ގޮވާލައި އެމްޑީޕީގެ ގައުމީ މަޖިލީހުން މިރޭ ގަރާރެއް ފާސްކޮށްފި އެވެ.

އެމްޑީޕީން ބޭއްވި ގައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމުގައި އެ ޕާޓީގެ ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒް ހުށަހެޅުއްވި ގަރާރުގައި ބުނީ "ސްޓީލިން ޕެރަޑައިސް" ޑޮކިއުމެންޓްރީގައި ރައީސް ޔާމީނާއި ސަރުކާރުގެ ބައެއް އިސް ވެރިންނަށް "ސީރިއަސް ތުހުމަތުތަކެއް" ކޮށްފައިވާ ކަމަށެވެ.

އެ ގަރާރުގައި ގޮވާލާފައި ވަނީ ސަރުކާރުގެ މައްޗަށް ތުހުމަތުކުރާ 1.5 ބިލިއަން ޑޮލަރުގެ މަނީލޯންޑެރިން މައްސަލަ އާއި ރައީސް ޔާމީންގެ ނަންފުޅުގައި އިސްލާމިކް ބޭންކްގައި ހުޅުވާފައިވާ އެކައުންޓަކަށް ދެ ފަހަރެއްގެ މަތިން އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލަ އާއި ނޫސްވެރިޔާ އަހްމަދު ރިލްވާންގެ ތަހުގީގަށް ރައީސް ޔާމީން ހުރަސްއެޅުއްވި ކަމަށް ކުރާ ތުހުމަތު ތަހުގީގުކޮށްދިނުމަށެވެ.

އޭގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ހުކުމް އިއްވީ ރައީސް ޔާމީން ވިދާޅުވި ގޮތަށް ކަމަށް ބުނާ މައްސަލަ އާއި ފަނޑިޔާރަކަށް ފައިސާ ދިން މައްސަލައިގެ އިތުރުން ރާއްޖެ ޓީވީގައި ރޯކޮށްލި މައްސަލަ ވެސް ތަހުގީގުކުރަން ގޮވާލާފައިވެ އެވެ.

މި މައްސަލަތަކަށް ހާއްސަ އިސްކަމެއް ދީގެން ތަހުގީގުކުރަން ޖެހޭ ކަމަށް ގަރާރުގައި ބުނެފައިވެ އެވެ.

ރައީސް ޔާމީން ބަންދުގައި ބަހައްޓައިގެން މި ތުހުމަތުތައް ތަހުގީގު ކުރަން ޖެހެނީ، ގަރާރުގައި ބުނިގޮތުގައި، މި މައްސަލައިގެ ތަހުގީގަށް ނުފޫޒު ފޯރުއްވުމުގެ ފުރުސަތު އޮތުމުންނެވެ.

ޑޮކިއުމެންޓްރީގައި ރައީސް ޔާމީނަށް ކުރާ ހުރިހާ ތުހުމަތެއް ރައީސް އޮފީހުން ވަނީ ދޮގުކޮށްފަ އެވެ.

އެ ޑޮކިއުމެންޓްރީއަކީ "ބައިނަލްއަގުވާމީ ހަމަތަކާއި ގާނޫނީ ހަމަތަކާ ހިލާފަށް ތައްޔާރުކޮށްފައިވާ ރިޕޯޓެއް" ކަމަށް ރައީސް އޮފީހުން ބުނެ އެވެ. އަދި އެއީ، ދިވެހި ސަރުކާރު ބަދުނާމުކުރުމަށާއި ސަރުކާރުގެ އިސް ވެރިންގެ ނަމާއި އަބުރަށް ގެއްލުން ދިނުމަށާއި އަދި ވަކި ބަޔަކު ބޭނުންވާ ގޮތަށް ކަންތައްތަކެއް ކުރުމަށް ފިއްތުންތަކެއް ކުރިމަތިކުރުވުމުގެ ރިޕޯޓެއް ކަމަށް ވެސް ސަރުކާރުން ދެކެ އެވެ.