Roadha Mihaaru
ސަޕްލިމެންޓްރީ ބަޖެޓަށް ބަހުސް ކުރުން މާދަމާ

ސަޕްލިމެންޓްރީ ބަޖެޓަށް ބަހުސް ކުރުން މާދަމާ

24 އޮކްޓޯބަރ 2017

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 493 މިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓަށް ބަހުސް ކުރަން މާދަމާ އޮންނަ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 493 މިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓަށް ބަހުސް ކުރަން މާދަމާ އޮންނަ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފި އެވެ.

މަޖިލީހުގެ ޖަލްސާގެ އެޖެންޑާގައި އޮތީ ސަޕްލިމެންޓްރީ ބަޖެޓަށް ބަހުސް ކުރުން އެކަންޏެވެ. އަދި ޖަލްސާގައި ބަޖެޓަށް ބަހުސް ކުރުމަށް ހުރިހާ މެމްބަރުންނަށް ފުރުސަތު އަރުވާނެ ކަމަށް ބެލެވެ އެވެ. އެގޮތުން ބަޖެޓަށް ވާހަކަ ދައްކަވަން މެމްބަރުންނަށް ލިބިވަޑައިގަންނަވާ ފުރަތަމަ ފުރުސަތުގައި ހަތް މިނެޓު، ދެވަނަ ފުރުސަތު ތިން މިނެޓު ދިނުމަށް އާންމު ކޮމެޓީން ވަނީ ނިންމައިފަ އެވެ.

ބަޖެޓު ދިރާސާ ކުރުމުގެ މަސައްކަތް ހަތް ދުވަސް ތެރޭގައި ނިންމުމަށް ބަޖެޓު ކޮމިޓީގެ އަޣުލަބިއްޔަތުން ވަނީ ނިންމައިފަ އެވެ. އެހެންކަމުން އަންނަ ހަފްތާގައި ބަޖެޓު ފާސް ކުރާނެ ކަމަށް ބެލެވެ އެވެ. ބަޖެޓު ކޮމެޓީއަކީ އިގްތިސާދީ ކޮމެޓީ އާއި މާލިއްޔަތު ކޮމެޓީގެ މެމްބަރުން ހިމަނައިގެން އުފައްދާފައި އޮންނަ ކޮމެޓީއެކެވެ.

ބަޖެޓު ކޮމެޓީގައި މިއަދު ވަނީ މުގައްރިރަކާއި ނައިބު މުގައްރިރަކު ކަނޑައަޅައިފަ އެވެ. މުގައްރިރަކަށް ހަމަޖެއްސީ ވިލިމާލެ ދާއިރާގެ މެމްބަރު އަދި ޕީޕީއެމް ޕާލެމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާނެވެ. ނައިބު މުގައްރިރަކީ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދެވެ.

ސަޕްލިމެންޓްރީ ބަޖެޓުގައި މަޖިލީހުގެ ބައި އިލެކްޝަންތައް ބޭއްވުމަށް 26 މިލިއަން ރުފިޔާ، ސިއްހީ ދާއިރާއަށް 330 މިލިއަން ރުފިޔާ، ކާޑެއްދޫ އެއާޕޯޓަށް ބޭނުންވާ 40 މިލިއަން ރުފިޔާ، ޑިޖިޓަލް ސްކޫލް ޕްރޮޖެކްޓް ހިންގުމަށް ބޭނުންވާ 47 މިލިއަން ރުފިޔާ އަދި ފިއުލްގެ ގޮތުގައި ބޭނުންކުރެވޭ ތަކެއްޗާއި އިންޖީނު ތެޔޮ ފަދަ ތަކެއްޗަށް ބޭނުންވާ 50 މިލިއަން ރުފިޔާ ވަނީ ހިމަނައިފަ އެވެ.

މީގެއިތުރުން އާމްދަނީ ހޯދިދާނެ ގިނަ ކަންތައްތަކެއް ސަޕްލިމަންޓްރީ ބަޖެޓުގައި ވަނީ ހިމަނައިފަ އެވެ.

އޭގެ ތެރޭގައި ހިމެނެނީ ލިޔުންތަކުގެ ރެވެނިއު ސްޓޭމްޕް ޖެހުމުގެ ގާނޫނަށް ގެންނަ އިސްލާހުން ލިބޭނެ ކަމަށް ބެލެވޭ އަށް މިލިއަން ރުފިޔާ އާއި ޖީއެސްޓީގެ ތުރެޝޯލްޑް އުވާލުމަށް ޖީއެސްޓީގެ ގާނޫނަށް ގެންނަ އިސްލާހުގެ ސަބަބުން، މި އަހަރު ތެރޭގައި އިތުރުވާނެ ކަމަށް ބެލެވޭ 29 މިލިއަން ރުފިޔާ އެވެ.

މީގެ އިތުރުން ބައެއް ރިސޯޓުތަކުގެ މުއްދަތު 49 އަހަރަށް އިތުރު ކުރުމަށް، ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި ތިން ފަރާތަކުން ދައުލަތަށް ދައްކާ ފަސް މިލިއަން ޑޮލަރު (77.1 މިލިއަން ރުފިޔާ) އިން، 231 މިލިއަން ރުފިޔާ ދައުލަތަށް ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ.

މި އަހަރަށް ލަފާކޮށް މަޖިލީހުން ފާސްކޮށްފައި ވަނީ 26.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް ސަޕްލިމެންޓްރީ ބަޖެޓާއެކު، އެ އަދަދު 27 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ސަރުކާރުން ބުނެ އެވެ.