Roadha Mihaaru
ނޭމާ ޑީލުގެ ތެރެއިން ޕީއެސްޖީއާ ގުޅެން ޑެމްބެލޭ ދެކޮޅު

ނޭމާ ޑީލުގެ ތެރެއިން ޕީއެސްޖީއާ ގުޅެން ޑެމްބެލޭ ދެކޮޅު

29 އޯގަސްޓް 2019

ޕެރިސް (އޮގަސްޓް 29) - ބްރެޒިލްގެ ތަރި ނޭމާ ގަންނަން ބާސެލޯނާ އިން ހުށަހަޅާ ބިޑްގެ ތެރެއިން ޕީއެސްޖީ އަށް ބަދަލުވާން ބާސެލޯނާގެ ފްރާންސްގެ ވިންގް އޮސްމާން ޑެމްބެލޭ ދެކޮޅު ހަދައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ޕެރިސް (އޮގަސްޓް 29) - ބްރެޒިލްގެ ތަރި ނޭމާ ގަންނަން ބާސެލޯނާ އިން ހުށަހަޅާ ބިޑްގެ ތެރެއިން ޕީއެސްޖީ އަށް ބަދަލުވާން ބާސެލޯނާގެ ފްރާންސްގެ ވިންގް އޮސްމާން ޑެމްބެލޭ ދެކޮޅު ހަދައިފި އެވެ.

ފްރާންސްގެ މީޑިއާތަކުން ރިޕޯޓްކުރާގޮތުގައި އިއްޔެ ޕީއެސްޖީއާ އެކު ބޭއްވި ބައްދަލުވުމުގައި ބާސެލޯނާ އިން ހުށަހަޅާފައިވަނީ ދެ އަހަރު ދުވަހުގެ ތެރޭގައި ދައްކާ ގޮތަށް 140 މިލިއަން ޔޫރޯގެ އިތުރުން އިވާން ރަކިޓިޗް އާއި އެއް އަހަރުގެ ލޯން އެއްބަސްވުމެއްގެ ދަށުން ޑެމްބެލޭ ދޭށެވެ. އެ ޑީލަށް ޕީއެސްޖީގެ ރުހުން ލިބިފައިވީނަމަވެސް މިހާރު އޮތް ހުރަހަކީ ޑެމްބެލޭ ކްލަބް ބަދަލުކުރަން ބޭނުންނުވުމެވެ.

އުމުރުން 22 އަހަރުގެ ޑެމްބެލޭގެ އޭޖެންޓް ސިސޯކޯ ބުނީ ނޭމާގެ ޑީލްގެ ތެރެއިން ޕީއެސްޖީއާ ގުޅެން ޑެމްބެލޭ ބޭނުންނުވާ ކަމަށެވެ.

"ބާސެލޯނާގައި މަޑުކުރުމަކީ ޑެމްބެލޭ ބޭނުންވާ ގޮތް. އެއީ 100 ޕަސެންޓް ޔަގީންކަމެއް. އޭނަ ކްލަބް ދޫކޮށްނުދާނެ. އޭނާ ބޭނުންވަނީ ބާސެލޯނާގައި ހުރެ ފެންވަރު ސާބިތުކޮށްދޭން،" ސިސޯކޯ ބުނެފައިވެ އެވެ.

އަންނަ މަހު ދެ ވަނަ ދުވަހު ޔޫރަޕްގެ ގިނަ ގައުމުތަކަށް ޓްރާންސްފާ މާކެޓް ބަންދުވާއިރު، އޭގެ ކުރިން ނޭމާގެ ޑީލް ނިންމަން ޕީއެސްޖީން ބޭނުންވެ އެވެ. އެހެންވެ ޕީއެސްޖީން ވަނީ ވަކި ޝަރުތުތަކެއް ހުށަހަޅައިގެން މި ޑީލް އަވަސްކުރަން ބާސެލޯނާ އަށް އަންގައިފަ އެވެ.

ރިޕޯޓްތައް ބުނާގޮތުން ޕީއެސްޖީން ނޭމާ ވިއްކާލާ އެއްބަސްވުމުގައި ހިމަަނަން ބޭނުންވާ ޝަރުތުތަކަކީ ދެ އަހަރު ކުރިން ނޭމާ ވިއްކާލިއިރު، އޭނާ އަށް ދޭން އޭރު ޕީއެސްޖީން އެއްބަސްވި ބައެއް ބޯނަސްތައް މި ޑީލްގެ ތެރެއިން އޭނާ ސޮއިކުރާ ކްލަބަކުން ހަ މަސް ދުވަހުގެ ތެރޭގައި ހަމަޖައްސައިދޭ ގޮތަށް އެއްބަސްވުމަށެވެ. އަދި ނޭމާ ސޮއިކުރާ ކްލަބަކާ ގުޅިން އޭނާ އަށް ހަމަޖެހިގެންދާ ބައެއް ސްޕޮންސަޝިޕް ޑީލްތަކުން ލިބޭ ފައިދާއެއް އަހަރު ވަންދެން ޕީއެސްޖީ އަށް ލިބޭގޮތަށް ހަމަޖެއްސުމަށް އެއްބަސްވުމުގައި ހުށަަހަޅަން އެދިފައިވެ އެވެ. ރިޕޯޓްތައް ބުނާގޮތުން މިއީ ޕީއެސްޖީން ނޭމާއާ އެކު ސޮއިކުރި ކޮންޓްރެކްޓްގައި ހިމަނާ މިހާތަނަށް ފުރިހަމަނުވެ ހުރި ކަންތައްތަކެއްގެ ބަދަލު ހޯދުމުގެ ގޮތުން އެއްބަސްވުމުގައި ހިމަނާ ބައިތަކެކެވެ. ޕީއެސްޖީން އަންދާޒާ ކުރާގޮތުގައި މި ދެ ބައި ހިމަނައިގެން އެ ކްލަބަށް 70 މިލިއަން ޑޮލަރުގެ ފައިދާއެއްކުރާނެ އެވެ.

ޕީއެސްޖީގެ ފަރިތަކުރުންތަކުގެ ތެރެއިން ނޭމާ.-- ފޮޓޯ: އޭއެފްޕީ

ޕީއެސްޖީގެ ފަރިތަކުރުންތަކުގެ ތެރެއިން ނޭމާ.-- ފޮޓޯ: އޭއެފްޕީ

ޑެމްބެލޭ ޕީއެސްޖީ އަށް ދާން ދެކޮޅު ހަދައިފިނަމަ ބާސެލޯނާ އަށް މި ޑީލްކުރިއަށްގެންދަން އޮތްގޮތަކީ އިތުރު 45 މިލިއަން ޔޫރޯ ހުށަހެޅުމެވެ.

މި ސީޒަނުގައި މިހާތަނަށް ޕީއެސްޖީން ކުޅުނު މެޗެއްގައި ނޭމާ ނުކުޅެ އެވެ. ޕީއެސްޖީ ކުޅޭ މެޗުތަކުގައި ނޭމާއާ ދެކޮޅަށް ލިޔެފައިވާ ލިޔުންތައް ހިމެނޭ ބެނާތައް ސަޕޯޓަރުން ވަނީ ބޭނުންކޮށްފަ އެވެ. ރިޕޯޓްތައް ބުނާގޮތުން ޕީއެސްޖީގެ ކޯޗު ތޯމަސް ޓުޗެލް ވަނީ މި ސީޒަނަށް ނޭމާ ނުލައި އެ ޓީމުގެ ޕްލޭންތައް ހަދައިފަ އެވެ.

ބްރެޒިލާއި ސްޕެއިންގެ މީޑިއާތަކުން ރިޕޯޓްކުރާގޮތުގައި ނޭމާ ހުރީ ބާސެލޯނާ އަށް ބަދަލުވެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަމާ އެކު އެވެ. އަދި ޓްރާންސްފާ ކުރިއަށްގެންދިއުމަށް ގާނޫނީ ގޮތުން ކަންތައްތަކެއް ފުރިހަމަކުރަން ޖެހިއްޖެނަމަ އޭނާ އެކަން ކުރަން ވެސް ތައްޔާރަށް ކަމަށް ރިޕޯޓްތައް ބުނެ އެވެ.