Roadha Mihaaru
އެމްޑީޕީ ޔޫތު ކޮންގްރެސްގައި 400 ބައިވެރިން

އެމްޑީޕީގެ ޔޫތު ކޮންގްރެސް 400 އަށް ވުރެ ގިނަ ބައިވެރިންނާ އެކު މާދަމާ

29 އޯގަސްޓް 2019

އެއެމްޑީޕީގެ ޒުވާނުންގެ ގޮފީގެ ފުރަތަމަ ކޮންގްރެސް މާދަމާ ފަށާއިރު ބައިވެރިންގެ އަދަދު 400 އަށް ވުރެ ގިނަ ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

އެއެމްޑީޕީގެ ޒުވާނުންގެ ގޮފީގެ ފުރަތަމަ ކޮންގްރެސް މާދަމާ ފަށާއިރު ބައިވެރިންގެ އަދަދު 400 އަށް ވުރެ ގިނަ ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.

އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ކޮންގްރެސް ޑައިރެކްޓާ އައިކް އަހުމަދު އީސާ ވިދާޅުވީ ހުޅުމާލޭ ހުރަވީ ސްކޫލްގައި ބާއްވާ ކޮންގްރެސްގައި ބައިވެރިވަނީ ހަ ކެޓަގަރީއަކުން ޝަރުތު ހަމަވި މީހުން ކަމަށެވެ.

އެއީ އެމްޑީޕީ ޓިކެޓްގައި މަޖިލިސް އިންތިހާބު ކާމިޔާބުކުރި ހަތް މެމްބަރުންނާއި އެ ޕާޓީގެ ސްލޮޓްގައި މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި އެކަކާއި ޕާޓީ ޓިކެޓްގައި ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބުކުރި 147 މެމްބަރުންނާއި އެ ޕާޓީގެ ގައުމީ މަޖިލިހުގެ 10 މެމްބަރަކާއި ޒުވާނުންގެ ގޮފީގެ 86 މެންބަރަކާއި އެ ގޮފި ހިންގާ ކައުންސިލްގެ 11 މެންބަރުން ކަމަށެވެ. މި އެންމެންނާ އެކު ބައިވެރިންގެ އަދަދު 403 އަށް އަރަ އެވެ.

އެމްޑީޕީގެ ޒުވާނުންގެ ގޮފި "ޒުވާނުންގެ ހިތްވަރު" ކުރިއަށް ގެންދާނެ ގޮތެއް މި ކޮންގްރެސްގައި ކަނޑައަޅާނެ އެވެ.

ކޮންގްރެސްގެ ދެ ވަނަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޕާޓީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ބައިވެރިވަޑައިގަންނަވާނެ އެވެ. މީގެ އިތުރުން އެމްޑީޕީގެ މަޖިލިސް މެމްބަރުން ވެސް ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.

ކޮންގްރެސްގެ މައި ޖަލްސާ އޮންނާނީ ހޮނިހިރު ދުވަހު އެވެ. އެ ދުވަހުގެ ޖަލްސާގައި ޒުވާނުންގެ ގޮތްޕަށް ހާއްސަ ލޯގޯއަކާއި ކުރިއަށް އޮތް ތިން އަހަރު އެ ގޮފީގެ ތަސައްވުރު ވެސް ފާސްކުރާނެ އެވެ. އަދި ޒުވާނުންގެ ހިތްވަރު ހިންގާ ގަވައިދެއް ވެސް މި ކޮންގްރެސްގައި ފާސްކުރަން ނިންމާފައިވާ ކަމަށް އައިކް ވިދާޅުވި އެވެ.

ކޮންގްރެސް އަށް ތައްޔާރުވުމަށް މަސައްކަތު ބައްދަލުވުމެއް މާދަމާ ބާއްވާނެ އެވެ. އެ ބައްދަލުވުމުގައި "ދިވެހިރާއްޖެ ޑިމޮކްރަސީއަށް ކުރި ދަތުރު" ކިޔާ ސެޝަނެއް، ކުރީގެ ރައީސް ނަޝީދު ނަންގަވައިދެއްވާނެ އެވެ. އަދި ސަރުކާރުގެ ޕޮލިސީތަކާ ގުޅޭ ހާއްސަ ސެޝަނަކާއި ޒުވާނުންގެ ގޮފި ކުރިއަށް އޮތް ތަނުގައި ހިންގާނެ ތަސައްވުރެއް ކަނޑައަޅަން މަޝްވަރާކުރާނެ ކަމަށް ވެސް އައިކް ވިދާޅުވި އެވެ.

މީގެ އިތުރުން ނަޝީދާއި ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިނާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އަދި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފު ބައިވެރިވެރިވަޑައިގަންނަވާ ޕެނަލް ޑިސްކަޝަނެއް ވެސް މާދަމާ އޮންނާނެ އެވެ.

މިދިޔަ ހަފުތާގައި އެމްޑީޕީން ވަނީ ކައުންސިލަރުންނަށް ކޮންފަރެންސެއް ބާއްވައިފަ އެވެ.