Roadha Mihaaru
އެމްޑީޕީގެ ޒުވާނުންގެ ގޮފިން ސަރުކާރަށް ފާޑުކިޔައިފި

އެމްޑީޕީގެ ޒުވާނުންގެ ގޮފިން ނަޝީދުގެ ވާހަކަތަކަށް ތާއީދުކޮށް، ސަރުކާރަށް ފާޑުކިޔައިފި

18 ޖުލައި 2021

ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ވާހަކަފުޅުތަކަށް ތާއީދުކޮށް، އެ ޕާޓީގެ ޒުވާނުންގެ ގޮފިން ސަރުކާރާ ދެކޮޅަށް ތެދުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ވާހަކަފުޅުތަކަށް ތާއީދުކޮށް، އެ ޕާޓީގެ ޒުވާނުންގެ ގޮފިން ސަރުކާރާ ދެކޮޅަށް ތެދުވެއްޖެ އެވެ.

ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ ވެބްސައިޓުގައި މިއަދު އާންމުކުރި ބަޔާނެއްގައި ބުނީ، އެ ކޯލިޝަންގައި ހިމެނޭ ބައެއް ޕާޓީތައް ރުއްސުމުގެ މަގްސަދުގައި އެމްޑީޕީގެ ޒަމާންވީ އުސޫލުތައް ބޮލައިލާ ނުޖެހުމަށް ނަޝީދު ގޮވާލެއްވި ގޮވާލެއްވުމަށް އެމްޑީޕީގެ "ޒުވާނުންގެ ހިތްވަރު" ން ފުރިހަމަ އަށް ތާއީދުކުރާ ކަމަށެވެ.

އެ ޕާޓީން އަބަދުވެސް ވަކާލާތު ކުރާ އެންމެ މުހިންމު އެއް އަސާސަކީ އަނިޔާވެރިކަމާ ދެކޮޅުވުން ކަމަށާއި އިންތިހާބުތަކުގައި ވެސް އެންމެ ބޮޑަށް ވައުދުވީ ވެސް އެކަމަށް ކަމަށް ޒުވާނުންގެ ގޮފިން ބުންޏެވެ.

ނަމަވެސް ނޫސްވެރިޔާ އަހުމަދު ރިލްވާނާއި ބްލޮގަރު ޔާމީން ރަޝީދު މަރާލުމާއި ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއަކީ ބަޔަކު ރޭވުންތެރިކަމާއެކު، އެ މީހުންގެ ބޮލުގައި ލޭބަލްތަކެއް އަޅުވައި، ނަފްރަތު އުފެއްދުމުގެ ނަތީޖާއެއްކަން އެނގެން އޮތް ކަމަށާއި އެކަން ހުއްޓުވޭނީ ނަފްރަތު ކުށަކަށް ހަދަން ސަރުކާރު ފަރާތުން ހުށަހަޅާފައިވާ ބިލު ފާސްކޮށް، ވަކިވަކި ފަރުދުންނާ މެދު ނަފްރަތު އުފެއްދުމަކީ ގާނޫނީ ކުށަކަށް ހަދައިގެން ކަމަށް އެ ބަޔާނުގައި ވެ އެވެ.

ނަމަވެސް "ޒުވާނުންގެ ހިތްވަރު" ން ބުނިގޮތުގައި، ސަރުކާރުގެ އިއްތިހާދުގައި ބިމެނޭ ބައެއް ޕާޓީތައް ނުރުހުން ފާޅުކުރި ހިސާބުން، ސަރުކާރުން ފޮނުވި ބިލު ސަރުކާރުން ދިފާއު ނުކޮށް، ނަފްތަރު ހުއްޓުވުމާއި އަނިޔާވެރި އަމަލުތަކާ ދެކޮޅަށް އެމްޑީޕީން ވެފައިވާ ވައުދުތައް ވަނީ ހަނދާން ނައްތާލާފައިފަ އެވެ. އެއީ އެ ޕާޓީގެ އަސާސްތަކާ ހިލާފަށް ސަރުކާރުން ނިންމި ނިންމުމެއް ކަމަށް ވެސް ބަޔާނުގައި ބުންޏެވެ.

"...ރާއްޖޭގެ ޒުވާނުންގެ މުސްތަގުބަލު ސަލާމަތް ކުރެވެން އޮތީ ސިޔާސީ މަންފާ އަށް ވުރެ ރައްޔިތުންގެ އަސާސީ ހައްގުތައް ހިމާޔަތް ކުރުން އިސްކޮށް، މި ޕާޓީން ރައްޔިތުންނަށް ވިއްކި ވައުދުތައް ފުއްދުން އަވަސް ކޮށްގެން،" "ޒުވާނުންގެ ގޮފި" ން ބުންޏެވެ.

ނަޝީދު އިއްޔެ އިނގިރޭސި ބަހުން ނެރުއްވި ބަޔާނުގައި ވިދާޅުވީ، ކޯލިޝަންގެ އެހީތެރިކަމާ އެކު މި ސަރުކާރަށް ވެރިކަން ލިބުނަސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކޮންމެ ނިންމެވުމެއް ބިނާވެފައި ވަނީ އެ ކޯލިޝަންގައި ކުޑަ ހިއްސާއެއް އޮންނަ އަދާލަތު ޕާޓީގެ ބަހާ އެކު ކަމަށާއި އެއީ ސަރުކާރު ކޯލިޝަންގެ އެއްބަސްވުމާ ހިލާފު ކަމެއް ކަމަށެވެ. އަދި ނަފްރަތުގެ ބިލު ފާސްކުރަން އެމްޑީޕީގެ ލީޑަޝިޕް ނުދެކޭ ނަމަ ސަރުކާރަށް ތާއިދުކުރަން އުނދަގޫވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ސަރުކާރުގެ ބައެއް ކަންކަމާ މެދު އުފެދުނު ހިޔާލު ތަފާތުވުންތަކާ ގުޅިގެން ނަޝީދު ވަނީ ސިޔާސީ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެއްބާރުލުން ދެއްވުން މިދިޔަ ހަފުތާ އިން ފެށިގެން ހުއްޓާލައްވައިފަ އެވެ.

އޭގެ އެއް ސަބަބަކީ އެމަނިކުފާނު ވިދާޅުވާ ގޮތުގައި ނަފްރަތު ބިލަށް ސަރުކާރުން ތާއީދު ނުކުރުމެވެ. އެ ބިލް ހުށަހެޅީ ސަރުކާރުން ކަމަށް ވިޔަސް އެތައް ބައެއްގެ ފިއްތުންތަކާއެކު، ސަރުކާރުން ފަހުން ބޭނުންވީ އެ ބިލް މަޖިލީހުން ބޭރުކޮށްލާށެވެ. އެ ބިލް ފާސްކުރުމަށް ބާރު އަޅައި އެމްޑީޕީން ރަސްމީކޮށް ބަޔާން ނެރުނަސް އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގައި އެ ބިލުގެ މައްސަލައިގައި އޮތީ ހިޔާލު ތަފާތުވުމާއި ބައިބައިވުމެވެ.