Roadha Mihaaru
އިއްޔެއާ ހަމައަށް ވެސް އުންމީދަކީ ރިލްވާނާ ބައްދަލުވުން

އިއްޔެއާ ހަމަ އަށް ވެސް އުންމީދުކުރީ ރިލްވާނާ ބައްދަލުވާނެ ކަމަށް

02 ސެޕްޓެމްބަރ 2019

ދަރިފުޅު އަހްމަދު ރިލްވާން ވަގަށް ނެގިތާ ފަސް އަހަރު ވީ އިރު ވެސް އެ އާއިލާއިން އަބަދުވެސް އުއްމީދު ކުރަމުން އައީ ކޮންމެވެސް ދުވަހަކުން އޭނާއާ ބައްދަލުވާނެ ކަމަށެވެ. އެކަމުގެ އުއްމީދުގައި އެތައް މަސައްކަތެއް ކޮށްފި އެވެ. ނަމަވެސް ގެއްލުވާލާފައިވާ މީހުންނާއި ގޮތްނޭންގޭ މަރުތަކުގެ މައްސަލަތައް ތަހުގީގު ކުރި ރިޔާސީ ކޮމިޝަނުން އިއްޔެ ހާމަ ކުރި މައުލޫމާތާއެކު، ރިލްވާން ދިރިހުއްޓާ ފެންނާނެ ކަމުގެ އުއްމީދު ގެއްލިއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ދަރިފުޅު އަހްމަދު ރިލްވާން ވަގަށް ނެގިތާ ފަސް އަހަރު ވީ އިރު ވެސް އެ އާއިލާއިން އަބަދުވެސް އުއްމީދު ކުރަމުން އައީ ކޮންމެވެސް ދުވަހަކުން އޭނާއާ ބައްދަލުވާނެ ކަމަށެވެ. އެކަމުގެ އުއްމީދުގައި އެތައް މަސައްކަތެއް ކޮށްފި އެވެ. ނަމަވެސް ގެއްލުވާލާފައިވާ މީހުންނާއި ގޮތްނޭންގޭ މަރުތަކުގެ މައްސަލަތައް ތަހުގީގު ކުރި ރިޔާސީ ކޮމިޝަނުން އިއްޔެ ހާމަ ކުރި މައުލޫމާތާއެކު، ރިލްވާން ދިރިހުއްޓާ ފެންނާނެ ކަމުގެ އުއްމީދު ގެއްލިއްޖެ އެވެ.

ރިލްވާން ވަގަށް ނެގިތާ މިދިޔަ އޮގަސްޓް 8 ވަނަ ދުވަހު ފަސް އަހަރު ވިއިރު، އެކަމާ ގުޅޭގޮތުން ފުރަތަމަ ފަހަރަށް އިއްޔެ ތަފްސީލް ހާމަކުރަމުން ރިޔާސީ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ވިދާޅުވީ މިހާތަނަށް ލިބުނު މައުލޫމާތުން، ރިލްވާން އުޅޭ އެޕާޓްމަންޓް ކައިރިން ވަގަށް ނަގައިގެން ގެންގޮސް ރިލްވާން އެންމެ ފުރަތަމަ އެރުވީ ޑިންގީއަކަށެވެ. ޑިންގީގައި ގެންގޮސް ކަނޑުމަތިން އެހެން އުޅަނދަކަށް އަރުވައި އޭނާ މަރާލާފައިވާ ކަމަށް، މިހާތަނަށް ލިބިފައިވާ ހެކިން އެނގޭ ކަމަށް ސުއޫދު ވިދާޅުވި އެވެ. އެކަމަކު ހެކި ބަހުގައި ފުށުއެރުންތަކެއް ހުރުމުން މިއީ މަރެއް ސާބިތުކުރުމަށް އެކަށީގެންވާ މިންވަރެއް ނޫންކަން ސުއޫދު ފާހަގަކުރެއްވި އެވެ.

ނޫސްވެރިޔާ ރިލްވާން--

ނޫސްވެރިޔާ ރިލްވާން--

ރިލްވާން މަރާލީ ދީނީ ހަރުކަށި ފިކުރުގެ މީހުން ކަމަށް ބެލެވޭ ކަމަށް ސުއޫދު އިއްޔެ ވަނީ ވިދާޅުވެފަ އެވެ. ރިލްވާން މިނިވަން ނޫހުގައި ލިޔެފައިވާ ލިޔުންތަކަކާ ގުޅިގެން އޭނާ އަކީ ދީން ގަބޫލު ނުކުރާ މީހެއް ކަމަށް ބުނެ އެ މީހުން ރިލްވާނާ ދައްކާފައި ހުރި މެސެޖްތަކެއް ސުއޫދު އިއްޔެ ވަނީ ހާމަކުރައްވައިފަ އެވެ. އެ މެސެޖްތަކުގައި އޭނާ އަކީ ދީން ގަބޫލު ނުކުރާ މީހެއް ކަމަށް ބުނާ ބުނުމާ ދެކޮޅަށް ރިލްވާން ވާހަކަ ދައްކާފައި ހުއްޓެވެ.

ރިލްވާންގެ ދައްތަ ޝެހެނާޒް އާދަމް "މިހާރު" އަށް ބުނިގޮތުގައި އިއްޔެއާ ހަމައަށް ވެސް އެ އާއިލާއިން އުންމީދު ކޮށްގެން ތިބީ ރިލްވާނާ ބައްދަލުވާނެ ކަމަށެވެ. ނަމަވެސް އިއްޔެ ލިބުނު ތަފްސީލުތަކާއެކު އެ އުންމީދު ގެއްލި، ރިލްވާން މަރާލާފައިވާ ކަމަށް ގަބޫލުކުރަން ޖެހިފައިވާ ކަމަށް ވިދާޅުވި އެވެ.

"އަނިޔާ ދިން މީހުންނަކީ ކޮން ބައެއްކަން އެބަ އެނގޭ. އެއީ ރަހުމު ކުޑަ ބައެއް. އެ ހުރިހާ ކަމަކަށް ބަލާއިރު އެގޮތަށް [މަރާލާފައިވާ ކަމަށް] ބުރަވެވެނީ،" ރޮމުން ވާހަކަ ދައްކަމުން ޝެހެނާޒް ބުންޏެވެ.

"މިހާ ދުވަސްވީއިރު ދުނިޔޭގައި ހުރި ނަމަ ގުޅަން މަސައްކަތް ކުރާނެ. އެ ދެކެވޭ ވާހަކަތަކުށް ބުރަވެވެނީ [މަރާލާފައިވާ] ކަމަށް."

ރިލްވާނަށް ވީގޮތެއް ހޯދަން އޭނާގެ އާއިލާ އާއި އެކުވެރިން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. ކަމާގުޅޭ އިދާރާތަކުގައި އާދޭސްކުރި އެވެ. އެއްވުންތަކާއި ފޯރަމްތައް ބާއްވައި ޕްރެޝަރުކޮށްފައިވެ އެވެ. ރިލްވާނަށް ވީގޮތެއް ބުނެދިނުމަށް އެދި އެވެ.

ރިލްވާންގެ އެއްބަނޑު އެއްބަދާ ދައްތަ ޝެހެނާޒް: ރިލްވާން މަރާލާފައިވާ ކަމަށް އާއިލާއިން ގަބޫލު ކުރޭ-- ފޮޓޯ: މިހާރު

ރިލްވާންގެ އެއްބަނޑު އެއްބަދާ ދައްތަ ޝެހެނާޒް: ރިލްވާން މަރާލާފައިވާ ކަމަށް އާއިލާއިން ގަބޫލު ކުރޭ-- ފޮޓޯ: މިހާރު

ޝެހެނާޒް ބުނިގޮތުގައި އިއްޔެ ރިޔާސީ ކޮމިޝަނުން ހާމަ ކުރި މައުލޫމާތުތަކަކީ އެ އާއިލާ އަށް މުޅިން އަލަށް އެނގުނު ކަންކަން ކަމަށެވެ. އޭނާ ބުނީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ކުރީ ސަރުކާރުގެ ވެރިންގެ ގާތުން އާދޭސް ކުރުމުން ވެސް އޭރު އެއްވެސް ޖަވާބެއް ނުދެއްވި ކަމަށެވެ.

"އިއްޔެ އެ ލިބުނު މައުލޫމާތުން ބަސް ހުއްޓިއްޖެ. މަންމަ ވެސް އެ ހިތާމާގައި އެހުރީ،" އާއިލާގެ ހާލަތު ޝެހެނާޒް ކިޔައިދިނެވެ.

ރިލްވާން ގެއްލުވާލުމާ ގުޅޭ ތަފްސީލު ލިބުނަސް އިންސާފު ލިބޭނެ ކަމަށް އާއިލާ އިން އަދިވެސް ގަބޫލެއް ނުކުރެ އެވެ. ޝެހެނާޒް ބުނިގޮތުގައި އެ އާއިލާ އަށް އިންސާފު ލިބެން އޮތީ ރާއްޖޭގެ ކޯޓްތަކަށް ބަދަލުތަކެއް އައިސްގެންނެވެ. މިހާރު ކޯޓްތައް ހިނގަމުން ދާ ގޮތުން އިންސާފު ލިބޭނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށް ޝެހެނާޒް ބުންޏެވެ.

ރިލްވާން ރާއްޖޭން ބޭރަށް ދިޔަ ކަމަށް ދެއްކުމަށް އޭނާގެ ޕާސްޕޯޓް ހޯދަން ފުލުހުންގެ އިންޓެލިޖެންސްގެ ދެ ފުލުހަކު ކުރީގެ ކޮންޓްރޯލާ ހަސަން އަލީ އާ ބައްދަލުކޮށްފައިވާ ކަމަށް ވެސް ސުއޫދު ވިދާޅުވި އެވެ. އަދި އެކަމުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބައިވެރިވެވަޑައިގެންފައިވާ ކަމަށްވެސް ސުއޫދު ވިދާޅުވި އެވެ.

ޝެހެނާޒް ބުނި ގޮތުގައި ރިލްވާންގެ މައްސަލާގައި ކޯޓްތަކާއި ފުލުހުންގެ ބޮޑު އިހުމާލެއް އެބަ އޮތެވެ. އެ މީހުންގެ މައްސަލަތައް އަވަހަށް ތަހުގީގު ކޮށްދިނުމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދަށް ޝެހެނާޒް ގޮވާލި އެވެ.

އާއިލާ އަށް ރިލްވާންއާ އެންމެ ފަހުން ބައްދަލުވީ، އޮގަސްޓް 7، 2014 ވަނަ ދުވަހުގެ ރެ އެވެ. ރިލްވާން އެންމެ ފަހުން ފެނުނީ މާލޭގައި ހުންނަ ހުޅުމާލެ ފެރީ ޓާމިނަލުން އެ ރޭ ދަންވަރު 12:44 ގަ އެވެ. ސީސީޓީވީ ފުޓޭޖްތަކުން ފެންނަ ގޮތުގައި އޭނާ ހުރީ ކަޅު ކުލައިގެ ދަބަހެއް އަޅުވައިގެންނެވެ. ވަޅިން ބިރު ދައްކައި ރަތް ކުލައިގެ ކާރަކަށް އަރުވައިގެން ގެންދިޔައީ، ފުލުހުން ބުނެފައިވާ ގޮތުގައި، ހުޅުމާލޭގައި އޭނާ ދިރިއުޅޭ އެޕާޓްމެންޓް ކުރިމަތިންނެވެ. އެކަމަކު އެ މައްސަލާގައި ދައުވާ ލިބުނު އެންމެން ވަނީ ކުށް ސާބިތު ނުވެ ސަލާމަތްވެފަ އެވެ.