05 ސެޕްޓެމްބަރ 2019
ދުނިޔޭގެ ރެކޯޑެއް ގާއިމުކޮށް، ދުނިޔޭގެ ޓުރިޒަމް ދުވަސް ކުލަގަދަކޮށް ފާހަގަކުރަން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީސް (މަޓީ) އާއި ޓޫރިޒަމް މިނިސްޓްރީން ނިންމައިފި އެވެ.
ދުނިޔޭގެ ރެކޯޑެއް ގާއިމުކޮށް، ދުނިޔޭގެ ޓުރިޒަމް ދުވަސް ކުލަގަދަކޮށް ފާހަގަކުރަން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީސް (މަޓީ) އާއި ޓޫރިޒަމް މިނިސްޓްރީން ނިންމައިފި އެވެ.
ޓޫރިޒަމް ދުވަސް ފާހަގަކުރުމަށް އެހީތެރިވާ ފަރާތްތަކުގެ އަގުވަޒަން ކުރުމަށް މިއަދު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު އަލީ ވަހީދު ވަނީ މިއަހަރުގެ ޓޫރިޒަމް ދުވަސް ފާހަގަކުރުމަށް ބާއްވާ ހަރަކާތްތަކާ ގުޅޭގޮތުން މައުލޫމާތު ދެއްވައިފަ އެވެ.
ޓޫރިޒަމް ދުވަހުގެ ހަރަކާތްތައް ފަށަން ހަމަޖައްސާފައިވަނީ މި މަހުގެ 26 ވަނަ ދުވަހު އެވެ.
މި އަހަރުގެ ޓޫރިޒަމް ދުވަސް ފާހަގަކުރުމަށް ހަމަޖެހިފައިވަނީ ވ. އަތޮޅުގަ އެވެ. މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ އެ އަތޮޅަކީ މީގެ ކުރިން އެއްވެސް ވަރަކަށް އަޅާލާފައިވާ އަތޮޅެއް ނޫން ކަމަށެވެ. އެ އަތޮޅުގައި ހަރަކާތްތައް ބާއްވަން ނިންމީ އެ އަތޮޅުގެ ރައްޔިތުން ޓޫރިޒަމް ކުރިއެރުވުމަށް ކުރި މަސައްކަތާ ގުޅިގެން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ވ. އަތޮޅަކީ މިއަދު ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގައި އެހެން ބަޔަކު ގަބޫލުކުރި ގަބޫލު ކުރުން އެހެން ގޮތަކަށް ބަދަލުކޮށްލި އަތޮޅެއް. އެ އަތޮޅުގެ ރައްޔިތުން ގުޅިގެން ކުރި މަސައްކަތުން މިކަން ވަނީ ކާމިޔާބުވެފައި،" މިނިސްޓަރު އަލީ ވަހީދު ވިދާޅުވި އެވެ.
މިނިސްޓަރު އަލީ ވަހީދު ޓޫރިޒަމް ދުވަހުގެ ހަރަކާތްތަކާ ގުޅޭގޮތުން މައުލޫމާތު ދެއްވަނީ-- ފޮޓޯ: ހުސައިން ވަހީދު/ މިހާރު
ޓޫރިޒަމް ދުވަސް ފާހަގަކުރުމަށް ރާވާފައިވާ ހަރަކާތްތައް ކުރިއަށް ގެންދަނީ ކޮންމެ މީހަކަށް ވެސް ބައިވެރިވެވޭ ގޮތަށް އާންމުކޮށް ހުޅުވާލައިގެންނެވެ.
ޓޫރިޒަމް ދުވަސް ފާހަގަކުރުމުގެ ގޮތުން އެންމެ ފުރަތަމަ ހަރަކާތެއްގެ ގޮތުގައި ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ ކެނޯ ރޭހެކެވެ. މި ރޭހުގައި ރާއްޖޭގެ އެކި ރަށްތަކުން ބައިވެރިވާ އަންހެނުން ވ. ކެޔޮދޫން އެ އަތޮޅުގެ ފެލިދޫއަށް ކެނޯ ދުއްވާނެ އެވެ. އެއަށްފަހު، ރޭހުގައި ބައިވެރިވާ ފިރިހެނުން ފެލިދޫން ވ. ތިނަދޫއަށް ކެނޯ ދުއްވާނެ އެވެ. މި ރޭހުގައި ނަގާ ފޮޓޯތަކާއި ވީޑިއޯތައް ޓޫރިޒަމް އިޝްތިހާރު ކުރުމަށް ބޭނުންކުރާނެ އެވެ. މި ކެނޯ ރޭހުގައި ނައިބު ރައީސް ފައިސަލް ނަސީމް ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް މިނިސްޓަރު އަލީ ވަހީދު ވިދާޅުވި އެވެ.
ކެނޯ ރޭހަށްފަހު ވ. އަތޮޅުގެ ރައްޔިތުން ބާއްވާ ރޭގަނޑުގެ ޖާފަތެއް އޮންނާނެ އެވެ. ދިވެހި ކާނާގެ މި ޖާފަތުގައި ބައިވެރިވާ މީހުން ވެސް ތިބެންވާނީ ދިވެހިވަންތަ ގޮތެއްގަ އެވެ. މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ އެ ރޭ ސަންގު ފުމުމާއެކު ހުރިހާ ފިރިހެނުން ތިބެންވާނީ ފޭލި އަނދެގެން ކަމަށާއި އަންހެނުން ތިބެން ވާނީ ދިގުހެދުުގައި ކަމަށެވެ. މިއީ ކަލްޗަރަލް ޓޫރިޒަމް ރާއްޖޭގައި ކުރިއެރުވުމުގެ ގޮތުން ބާއްވާ ހަރާކާތެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މި ހަރަކާތުގެ ތެރެއިން ވ. އަތޮޅުގައި ހަވާ އެރުވުން ވެސް އޮންނާނެ އެވެ.
ޓޫރިޒަމް ދުވަހުގެ ތިން ވަނަ ހަރަކާތެއްގެ ގޮތުން މި މަހު 27 ގައި ފްރީ ޑައިވްގެ ވޯލްޑް ރެކޯޑެއް ހަދަން ވަނީ ހަމަޖެހިފަ އެވެ. ބަރޮސް މޯލްޑިވްސްގެ ފަޅުތެރޭގައި ކުރިއަށްގެންދާ މި ހަރަކާތުގައި 500 ފްރީ ޑައިވަރުން ބައިވެރިވާނެ އެވެ. މި ހަރަކާތް ވާނީ ދުނިޔޭގައި އެންމެ ގިނަ ފްރީ ޑައިވަރުން އެއްފަހަރާ ފީނުމުގެ ހަރަކާތަށް ކަމަށް މިނިސްޓަރު އަލީ ވަހީދު ވިދާޅުވި އެވެ. މި ހަރަކާތުގައި ދުނިޔޭގެ ފްރީ ޑައިވިން ޗެމްޕިއަން ވިލިއަމް ޓްރޫބްރިޖް ބައިވެރިވާނެ އެވެ.
ޓޫރިޒަމް ދުވަސް ފާހަގަކުރުމަށް އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ދިރާގަށް ލިޔުން ހަވާލުކުރަނީ. -- ފޮޓޯ: ހުސައިން ވަހީދު/ މިހާރު
މި މަހުގެ 27-30 ގެ ނިޔަލަށް ޓޫރިޒަމް ޖޮބް ފެއާއެއް ކުރިއަށް ގެންދިއުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. މިއީ ޓޫރިޒަމް އިންޑަސްޓްރީގައި ހުރި ވަޒީފާތަކާ ގުޅޭގޮތުން މައުލޫމާތު ފޯރުކޮށްދިނުމަށް މާލެއާއި ހުޅުމާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ހަރަކާތެކެވެ. މިއީ ޓޫރިޒަމް ދުވަހުގެ ޝިއާރު ކަމުގައިވާ "ޓޫރިޒަމް އެންޑް ޖޮބްސް: އަ ބެޓާ ފިއުޗާ ފޯ އޯލް" ގެ ދަށުން ބާއްވާ ހަރަކާތެކެވެ. މިހަރަކާތުގައި ރާއްޖޭގެ ހުރިހާ ފަރާތްތަކަށް ވެސް ބައިވެރިވެވޭނެ އެވެ.
އަނގޮޅި ތީމުގައި ޓޫރިސްޓް ވިޒިޓާ ސެންޓަރެއް އެޅުމަށް ނިންމާފައިވަނީ އެ ރަށުގެ ތާރީހުގެ މުއްސަނދުކަމުންނެވެ. މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ އެރަށަކީ ތާރީހީގޮތުން ފާހަގަކޮށްލެވޭ އަތޮޅެއް ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ސިޔާސީ ހަޔާތް ފެށިގެން އައި ރަށަށް ވުން ވެސް ތާރީހީ ގޮތުން ފާހަގަކޮށްލެވޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަނގޮޅިތީމަކީ ރައީސް ނަޝީދު އަރުވާލެއްވި ރަށެވެ.
"އަނގޮޅިތީމަކީ ދިވެހިރާއްޖެ ޑިމޮކްރަސީއަށް ކުރި ދަތުރުގަ ވަރަށް މުހިންމު ރަށެއް. ވަރަށް ރަނގަޅު ހިސްޓްރީއެއް އޮތް ރަށެއް. އަދި މުސްތަގުބަލުގައި ނުކުންނަން ތިބި ސިޔާސީ ލީޑަރުންނަށް ވެސް އިންސްޕަޔާ ވާން ރަނގަޅު ވިޒިޓާ ސެންޓަރެއް އަޅުގަނޑުމެންނަށް މި ރަށުގައި ގާއިމުކުރެވިދާނެ." މިނިސްޓަރު އަލީ ވަހީދު ވިދާޅުވި އެވެ.
ޓޫރިޒަމް މިނިސްޓްރީން ދޭއް އޮކްޓޯބަރުގައި ބާއްވާ އޯޕަން ޑޭ އަކީ އެ މިނިސްޓްރީގެ މަސައްކަތްތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ދިނުމަށް ބާއްވާ ހަރަކާތެކެވެ. މި ހަރަކާތުގައި ސްކޫލްތަކުގެ ދަރިވަރުންނަށް މިނިސްޓްރީ އަށް ޒިޔާރަތްކޮށް މަސައްކަތް ކުރާ ގޮތް ބަލައި ވެރިންނާ ސުވާލު ކުރުމުގެ ފުރުސަތު ލިބޭނެ އެވެ.
ޓޫރިޒަމް ދުވަސް ފާހަގަކުރުމަށް އެހީތެރިކަން ފޯރުކޮށްދޭތީ އުރީދޫ އަށް އަގުވަޒަންކުރުމުގެ ލިޔުން އަރުވަނީ-- ފޮޓޯ: ހުސައިން ވަހީދު/ މިހާރު
އަންނަ މަހުގެ ތިންވަނަ ދުވަހު ބާއްވާ ކިޑްސް ފުޓްބޯލް ފިއެސްޓާ އަކީ ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު ފިއެސްޓާ ކަމަށް މިނިސްޓަރު އަލީ ވަހީދު ވިދާޅުވި އެވެ. ޔޫތު މިނިސްޓްރީ އާއި އެފްއޭއެމާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީން ބާއްވާ މި ހަރަކާތުގައި 13 އަހަރުން ދަށުގެ 16 ޓީމެއް ބައިވެރިވާނެ އެވެ. މި ފިއެސްޓާ ޝަރަފުވެރިކޮށްދެއްވާނީ ރިއަލް މެޑްރިޑާއި ސްޕެއިންގެ ކުރީގެ ކެޕްޓަން މިޝެލް ސަލްގާޑޯ އެވެ. މި ފިއެސްޓާގައި ހޮވާލެވޭ ޓީމުގެ ކުޅުންތެރިންނަށް ގައުމީ 13 އަހަރުން ދަށުގެ ޓީމުގެ ސްކޮޑުން ޖާގަ ލިބޭނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މީގެ އިތުރުން މި ފިއެސްޓާގައި އެންމެ މޮޅު ކުޅުންތެރިޔާގެ ގޮތުގައި ސަލްގާޑޯ ހޮވާލާ ކުޅުންތެރިޔާއަށް ދުބާއީގެ ސްޕެނިޝް ސޮކާ ސްކޫލުން ތަމްރީން ހެދުމުގެ ފުރުސަތު ލިބޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި، އަންނަ އަހަރު ދުބާއީގައި އޮންނަ އިންޓަ ކޮންޓިނެންޓަލް މުބާރާތުގައި ފުރަތަމަ ފަހަރަށް ރާއްޖޭގެ 13 އަހަރުން ދަށުގެ ގައުމީ ޓީމް ބައިވެރި ކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ޓޫރިޒަމް ދުވަހުގެ ހަރަކާތްތައް ނިންމާލުމުގެ ގޮތުން ޓޫރިޒަމް ކޮންފަރެންސެއް ބާއްވަން ވަނީ ހަމަޖެހިފަ އެވެ. މިއީ މި އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ބާއްވަން ހަމަޖެހިފައިވާ ހަރަކާތެކެވެ. މި ކޮންފަރެންސްގައި ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ އިސް ފަރާތްތަކުން ބައިވެރިވެ އެ ދާއިރާގައި ހުރި މުހިންމު ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާ ކުރާނެ އެވެ. މިއަހަރުގެ މި ކޮންފަރެންސްގައި މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާ މައުޟޫތަކުގެ ތެރޭގައި ސެކިއުރިޓީއާއި، ތިމާވެއްޓާއި ދިވެހިންނަށް އޮތް ވަޒީފާގެ ފުރުސަތުތަކުގެ އިތުރުން ދިވެހި ފަންނާނުން އޮތް ފުރުސަތުތައް ހިމެނެ އެވެ.
ޕެރެޑައިޒް އައިލެންޑް ރިސޯޓުގައި ބާއްވާ މި ކޮންފަރެންސުން ރައްޔިތުންނާއި ރިސޯޓު މުވައްޒަފުންގެ ސުވާލުތަކަށް ޖަވާބު ލިބޭނެ ކަމަށް މިނިސްޓަރު އަލީ ވަހީދު ވިދާޅުވި އެވެ.
ޓޫރިޒަމް ކުރިއަރުވާނީ މަޓީގެ އެހީއާ އެކު: އަލީ ވަހީދު
އެމްއެމްއޭގެ ގަވާއިދާ މެދު މަޓީގެ ކަންބޮޑުވުން!
އަމާޒަކީ އަހަރަކު ހަތަރު މިލިއަން ޓޫރިސްޓުން: ފައިސަލް
"ދިވެހި ފަންނާނުންނަށް ގެއްލުންވާނެ ކަމެއް ނުކުރާނަން"
އަމާޒަކީ މިއަަހަރު 10 މިލިއަން ބެޑްނައިޓްސް: މައުސޫމް
ޓޫރިޒަމް ދުވަސް އައްޑޫގައި ފާހަގަނުކުރަން ނިންމައިފި
ޓޫރިޒަމް މިނިސްޓަރު އައްޔަން ނުކޮށް މަހެއް ވަނީ!
އަލީ ވަހީދަށް ކުރާ ތުހުމަތުގައި 15 މީހަކު ބަޔާންދީފި
ފަހުން ހަގީގަތް ހާމަވާނެ: އަލީ ވަހީދު
"ޓޫރިޒަމް ދިރުވަން ދަތުރުފަތުރުގެ ފަސޭހަކަން މުހިންމު"