Roadha Mihaaru
ޓޫރިޒަމް ދުވަސް އައްޑޫގައި ފާހަގަނުކުރަން ނިންމައިފި

މި އަހަރުގެ ޓޫރިޒަމް ދުވަސް އައްޑޫގައި ފާހަގަނުކުރަން ނިންމައިފި

12 ސެޕްޓެމްބަރ 2021

މި އަހަރުގެ ވޯލްޑް ޓޫރިޒަމް ދުވަސް އައްޑޫގައި ފާހަގަ ނުކުރަން ޓޫރިޒަމް މިނިސްޓްރީން ނިންމައިފި އެވެ.

އާނިފާ ހުސެއިން ސިރާޖް އާނިފާ ހުސެއިން ސިރާޖް

މި އަހަރުގެ ވޯލްޑް ޓޫރިޒަމް ދުވަސް އައްޑޫގައި ފާހަގަ ނުކުރަން ޓޫރިޒަމް މިނިސްޓްރީން ނިންމައިފި އެވެ.

ވޯލްޑް ޓޫރިޒަމް ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރަކު ވެސް ސެޕްޓެމްބަރު މަހުގެ 27 ގަ އެވެ.

ކޮވިޑުގެ ކޭސްތައް ކޮންމެވެސް ވަރަކަށް މަދުވެ ލޮކްޑައުން އުވާލުމާ އެކު، ޓޫރިޒަމް މިނިސްޓްރީން ވިސްނާފައި އޮތީ މި އަހަރުގެ ޓޫރިޒަމް ދުވަސް އައްޑޫގައި ކުލަގަދަކޮށް ފާހަގަކުރުމަށެވެ.

އެގޮތުން ޓޫރިޒަމް ދުވަހާ ގުޅުވައި މި މަހުގެ 27 އިން ފެށިގެން ހަފްތާއަކަށް ދެމިގެންދާ ގޮތަށް އައްޑޫގައި ގިނަ ހަރަކާތްތަކެއް ހިންގަން ވެސް މިނިސްޓްރީން އޭރު އޮތީ ނިންމައިފަ އެވެ.

އެކަމަކު އައްޑޫގެ ކޮވިޑް ހާލަތު އަނެއްކާ ވެސް ގޯސްވުމާ ގުޅިގެން ކުރިން ރާވާފައި އޮތް ގޮތަށް ޓޫރިޒަމް ދުވަސް އައްޑޫގައި ފާހަގަ ނުކުރަން މިހާރު ވަނީ ނިންމައިފަ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ، އައްޑޫގައި ބާއްވަން ހަމަޖެހިފައި އޮތް ހަރަކާތްތައް ކެންސަލްކޮށް، މި އަހަރުގެ ޓޫރިޒަމް ދުވަސް ވެސް އެހާ ކުލަގަދަކޮށް ފާހަގަ ނުކުރަން މިހާރު ނިންމާފައިވާ ކަމަށެވެ.

ނަމަވެސް، އެ ދުވަހާ ގުޅިގެން މިނިސްޓްރީގެ ފަރާތުން ތައާރަފުކުރާ ބައެއް ކަންކަން މާލޭގައި އޮންނާނެ ކަމަށް ވިދާޅުވި އެވެ.

"... ގޯލްޑަން އިޔާ ކަލަންޑާ އާއި އެމްޕްލޯއީމަންޓަށް އަޅުގަނޑުމެން ތައާރަފުކުރާ އެޕްލިކޭޝަނެއް ލޯންޗުކުރުމުގެ ކަންކަން [ޓޫރިޒަމް ދުވަހު] ކުރިއަށްދާނެ،" ޓޫރިޒަމް މިނިސްޓްރީގެ އޮފިޝަލް ވިދާޅުވި އެވެ.

ކޮވިޑް-19 ގެ ހާލަތާ ގުޅިގެން މިދިޔަ އަހަރު ވެސް ޓޫރިޒަމް ދުވަސް ރާއްޖޭގައި އެހާ ކުލަގަދަކޮށް ފާހަގަކޮށްފައެއް ނުވެއެވެ.

އައްޑޫން މިހާތަނަށް ކޮވިޑް ޖެހުނު ޖުމްލަ މީހުންގެ އަދަދު ވަނީ 1،100 އިން މައްޗަށް އަރައިފަ އެވެ. އޭގެ އޭގެ ތެރޭގައި އެކްޓިވް ކޭސްތަކުގެ އަދަދު 308 އަށް އަރަ އެވެ.