Roadha Mihaaru
އަމާޒަކީ މިއަަހަރު 10 މިލިއަން ބެޑްނައިޓްސް: މައުސޫމް

މިއަަހަރު 10 މިލިއަން ބެޑްނައިޓްސް ހާސިލްވާނެ: މައުސޫމް

27 ސެޕްޓެމްބަރ 2021

މި އަހަރު ރާއްޖެ އަށް 1.3 މިލިއަން ޓޫރިސްޓުން ގެނެސް 10 މިލިއަން ބެޑްނައިޓްސްގެ އަމާޒް ހާސިލް ވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މި އަހަރު ރާއްޖެ އަށް 1.3 މިލިއަން ޓޫރިސްޓުން ގެނެސް 10 މިލިއަން ބެޑްނައިޓްސްގެ އަމާޒް ހާސިލް ވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ޓޫރިޒަމް ދުވަހާ ގުޅިގެން "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި މައުސޫމް މިއަދު ވިދާޅުވީ، މި އަހަރު ސަރުކާރުން ކަނޑައެޅީ އެއް މިލިއަން ޓޫރިސްޓުން ނަމަވެސް، ތިން ލައްކަ ޓޫރިސްޓުން އިތުރަށް އަންނާނެ ކަމުގެ ޔަގީންކަން ބޮޑުވެފައިވާ ކަމަށެވެ.

"ބަޖެޓުގައި އިންނާނީ އެއް މިލިއަން. އެކަމަކު 1.3 މިލިއަން ހާސިލުވާނެ ކަމުގެ އުންމީދު މިވަނީ ބޮޑުވެފައި. މިދިޔަ އަހަރު އަޅުގަނޑުމެން ޓާގެޓް ކުރިން 10 މިލިއަން ބެޑްނައިޓްސް ވެސް ހާސިލުކުރަން. އެކަން ވެސް ހާސިލުވާނެ ކަމުގެ އުންމީދު ވަރަށް ބޮޑު. މިކަން މި ހާސިލު ވާނީ އިންޑަސްޓްރީގެ އެންމެންގެ ބުރަ މަސައްކަތުން،" އޭނާ ވިދާޅުވި އެވެ.

މި އަހަރުގެ މިހާތަނަށް ހަތް މިލިއަން ބެޑްނައިޓްސް ވަނީ ހަމަވެފަ އެވެ. މި އަހަރުގެ މިހާތަނަށް ރާއްޖެ އަށް 833،000 ޓޫރިސްޓުން އައިސްފައިވެ އެވެ. އަދި މިދިޔަ އޮގަސްޓް މަހުން ފެށިގެން ރާއްޖެ އަށް ދުވާލެއްގެ މައްޗަށް އަންނަ ޓޫރިސްޓުންގެ އަދަދު ވަނީ 4،000 އަރައިފަ އެވެ.

"ބަޖެޓުގައި އިންނާނީ އެއް މިލިއަން. އެކަމަކު 1.3 މިލިއަން ހާސިލުވާނެ ކަމުގެ އުންމީދު މިވަނީ ބޮޑުވެފައި. މިދިޔަ އަހަރު އަޅުގަނޑުމެން ޓާގެޓް ކުރިން 10 މިލިއަން ބެޑްނައިޓްސް ވެސް ހާސިލުކުރަން. އެކަން ވެސް ހާސިލުވާނެ ކަމުގެ އުންމީދު ވަރަށް ބޮޑު. މިކަން މި ހާސިލު ވާނީ އިންޑަސްޓްރީގެ އެންމެންގެ ބުރަ މަސައްކަތުން."

މަސައްކަތް ކުރަނީ އިންކްލޫސިވް ޓޫރިޒަމަށް

މި އަހަރުގެ ދުނިޔޭގެ ޓޫރިޒަމް ދުވަހުގެ ޝިއާރަކީ "ޓޫރިޒަމް ފޯ އިންކްލޫސިވް ގްރޯތް" އެވެ. މައުސޫމް ވިދާޅުވީ، ރާއްޖެއިން ވެސް އެންމެ ބޮޑު އިސްކަމެއް ދެނީ ޓޫރިޒަމް ދާއިރާގެ ހުރިހާ ބަޔަކަށް ދިވެހިންގެ ޝާމިލުވުން އިތުރުކޮށް، ދިވެހިންގެ އޮނާޝިޕް ބޮޑު ކުރުމަށް ކަމަށެވެ.

"މިހާރު ވެސް ސަފާރީގެ ހިދުމަތްދެވޭނީ ދިވެހިންނަށް. ގެސްޓްހައުސްތަކުގެ ވެސް 49 ޕަސެންޓް ހިއްސާ އޮންނަން ޖެހޭނީ ދިވެހިންނަށް. އަދި ރިސޯޓުތަކުގެ ޝެއާ ވެސް ދިވެހިންނަށް އިތުރުވާނެ ގޮތްތައް ގެންނަން މަސައްކަތް ކުރަން،" އޭނާ ވިދާޅުވި އެވެ.

މައުސޫމް ވިދާޅުވީ، ބޭރު މީހުންނާ ގުޅިގެން ވެސް ދިވެހިންގެ ހިއްސާ މި ދާއިރާ އަށް އިތުރުކުރަން ސަރުކާރުގެ ސިޔާސަތުތައް ބައްޓަން ކުރަމުން އަންނަ ކަމަށެވެ. ރިސޯޓުތަކުގެ ހިއްސާ ދިވެހިންގެ އަތުގައި އޮތް ވަރު މަދު ނަމަވެސް އަލަށް ފަށާ ހޯމް ސްޓޭ ޓޫރިޒަމާ އެކު ދިވެހިންގެ ހިއްސާ ޓޫރިޒަމް ދާއިރާ އަށް ވަރަށް ބޮޑަށް އިތުރު ކުރެވޭނެ ކަމަށް މިނިސްޓަރު ދެކިވަޑައިގަންނަވަ އެވެ.

ރާއްޖޭގައި 155 ރިސޯޓުން ހިދުމަތް ދޭ އިރު ގިނައީ ބޭރުގެ ބޮޑެތި އިންވެސްޓަރުގެ ރިސޯޓުތަކެވެ. ރިސޯޓުތަކުގެ ހިއްސާ 100 ޕަސެންޓް ބޭރުގެ އިންވެސްޓަރުންނަށް ނެގުމުގެ ފުރުސަތު ގާނޫނުން ލިބިދީފައި އޮވެ އެވެ.

މިދިޔަ އަހަރު ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން ރާއްޖޭގެ ޓޫރިޒަމް ވަރަށް ބޮޑަށް އަޑިއަޅާ ލުމަށްފަހު އަނެއްކާ ވެސް މިވަނީ މި ދާއިރާ ހިގައިގަންނަން ފަށައިފަ އެވެ. މި ވަގުތު ޓޫރިޒަމް ދާއިރާގައި 55،000 އެނދު ހުރި އިރު ހިދުމަތް ދެނީ 50،000 އެނދެ އެވެ. މީގެ ތެރޭގައި ރިސޯޓާއި ގެސްޓްހައުސް އަދި ސަފާރީތައް ހިމެނެ އެވެ.