Roadha Mihaaru
ހާލެއް ދިން ހަމަލާއަކުން މީހަކު މަރުވެއްޖެ

ހާލެއް ދިން ހަމަލާއަކުން މީހަކު މަރުވެއްޖެ

08 ސެޕްޓެމްބަރ 2019

އޮސްޓްރޭލިއާގެ އަންހެނަކު ގޭގައި ގެންގުޅުނު ހާލެއް އޭނާ އަށް ދިން ހަމަލާތަކަކާ ގުޅިގެން ފަރުވާދެނިކޮށް މަރުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އޮސްޓްރޭލިއާގެ އަންހެނަކު ގޭގައި ގެންގުޅުނު ހާލެއް އޭނާ އަށް ދިން ހަމަލާތަކަކާ ގުޅިގެން ފަރުވާދެނިކޮށް މަރުވެއްޖެ އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި 76 އަހަރުގެ އަންހެން މީހާ މަރުވީ އޮޅުކޮށްގެން ގެންގުނު ހާ އޭނާގެ ވާތު ފަޔަށް ކޮށް ޖަހައި ތަކުރާރުކޮށް ހަމަލާ ދިނުމުންނެވެ. މި ހާދިސާގައި އަންހެން މީހާ އަށް ލިބުނު އަނިޔާތަކާ ގުޅިގެން ހަށިގަނޑުން ގިނަ އަދަދަކެއް ލޭ ވެސް ފައިބައިފައިވެ އެވެ. ކޮށް ޖަހައި ޒަހަމްކޮށްލާފައި ވަނީ ފައިގެ ލޭ ނާރެކެވެ.

އަންހެން މީހާ އަށް ހަމަލާ ދިނީ ކުކުޅުކޮށީގައި ހުރި ބިސް ހޮވަން އުޅެނިކޮށެވެ.

ފޮރެންސިކް ސައިންސް، މެޑިސިން އެންޑް ޕެތޮލޮޖީ ޖާނަލްގައީ ޝާއިއުކޮށްފައިވާ ލިޔުމެއްގައި ބުނިގޮތުގައި މަރުވި މީހާ އަކީ މީގެ ކުރިން ވެސް ސިއްހީ އެކި މައްސަލަތައް ކުރިމަތިވެފައިވާ މީހެކެވެ.

އޭގެ ތެރޭގައި ހަކުރު ބައްޔާއި ހައިޕަޓެންޝަނާއި ހައިޕަލިޕިޑީމިއާގެ އިތުރުން ފައިގެ ނާރުތައް ފިތި ދުޅަވުން ފަދަ މައްސަލަތައް ހިމެނެ އެވެ.

ހާލެއް އަންހެން މީހާ އަށް ހަމަލާ ދިން ހާދިސާއާ ގުޅިގެން ޕެތޮލޮޖީ ޖާނަލްގައި ބުނީ ކިތަންމެ ބޮޑަށް އޮޅުކޮށްގެން ޖަނަވާރާއި ދޫނި ފަދަ ތަކެތި ގެންގުޅުނަސް ހާ ހަމަލާދިން ހާދިސާ އަކީ މިކަހަލަ ކަންކަމަށް ސަމާލުވެ ތިބުމުގެ މުހިއްމުކަން ހާމަކޮށް ދިން ކަމެއް ކަމަށެވެ.