Roadha Mihaaru
ގެއްލުނު މަސްވެރިޔާ ފެނުނީ ކިނބުލުގެ ބަނޑުން

ގެއްލުނު މަސްވެރިޔާ ފެނުނީ ކިނބުލުގެ ބަނޑުން

03 މެއި 2023

އޮސްޓްރޭލިޔާގެ ކުއީންސްލޭންޑްގެ އުތުރުގައި އޮންނަ އެކަހެރި ސަރަހައްދެއްގައި މަސްވެރިކަމަށް ނުކުމެ އުޅުނު މީހަކު މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ގެއްލިގެން ހޯދަނިކޮށް، އެ ސަރަހައްދުގައި އުޅުނު ބިޔަ ކިނބުލެއްގެ ބަނޑު ތެރެއިން އޭނާގެ ހަށިގަނޑުގެ ބައިތަކެއް ފެނިއްޖެ އެވެ.

އޮސްޓްރޭލިޔާގެ ކުއީންސްލޭންޑްގެ އުތުރުގައި އޮންނަ އެކަހެރި ސަރަހައްދެއްގައި މަސްވެރިކަމަށް ނުކުމެ އުޅުނު މީހަކު މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ގެއްލިގެން ހޯދަނިކޮށް، އެ ސަރަހައްދުގައި އުޅުނު ބިޔަ ކިނބުލެއްގެ ބަނޑު ތެރެއިން އޭނާގެ ހަށިގަނޑުގެ ބައިތަކެއް ފެނިއްޖެ އެވެ.

ކެވިން ޑާމޮޑީ، 65، އެންމެ ފަހުން ފެނުނީ، ކުއީންސްލޭންޑްގެ ތެރެއިން ދަތުރުކޮށްފައި އޮންނަ ކެނެޑީ ކޯރާ ގުޅިފައި އޮންނަ، ލޮނުފެނުގެ ކުޅިއެއްގެ ކައިރީގައި މަސް ބާނަން ހުއްޓަ އެވެ. އެ ކުޅި އޮންނަ ސަރަހައްދަކީ ގިނަ އަދަދަކަށް ކިނބޫ އުޅޭ ސަރަހައްދެއް ނަމަވެސް، ކިނބުލުގެ ފަރާތުން ކުރިމަތިވާ ހާދިސާތައް ވަރަށް މަދެވެ.

ކެވިން ގެއްލިގެން ރިޕޯޓް ކުރުމާ ގުޅިގެން އެ ސަރަހައްދުގެ ފުލުހުން ނުކުމެ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަތާ ދެ ދުވަސް ފަހުން، މިދިޔަ ހޯމަ ދުވަހު އެ ސަރަހައްދުން ފެނުނީ ބޮޑު ދެ ކިނބުލެވެ. ފުލުހުން ބަޑިޖަހައި މަރައިލި އެ ދެ ކިނބުލުގެ ތެރެއިން އެކަތީގެ ދިގުމިނުގައި 13.4 ފޫޓު އަދި އަނެއް ކިނބުލުގެ ދިގުމިނުގައި 9.1 ފޫޓު ހުއްޓެވެ.

ފުލުހުން އެ ދެ ކިނބުލުގެ ބަނޑު ފަޅާލައިގެން ބެލި އިރު، އޭގެ ތެރެއިން ބޮޑު ކިނބުލުގެ ބަނޑު ތެރޭގައި އިންސާނެއްގެ ހަށިގަނޑުގެ ބައިތައް ހުއްޓެވެ. އެ ދުވަސްވަރު އެ ސަރަހައްދުން އިތުރު މީހަކު ގެއްލިފައިވާ ކަމުގެ ރިޕޯޓެއް ލިބިފައި ނެތުމުން، ފުލުހުން ލަފާކުރާ ގޮތުގައި އެއީ ކެވިންގެ ހަށިގަނޑެވެ.

ކެވިން ގެއްލުނު ދުވަހު އެ ހިސާބުގައި އިތުރު މަސްވެރިއަކު ހުރި ނަމަވެސް، އޭނާ ބުނެފައިވަނީ އެ ސަރަހައްދުން ކިނބުލެއް ނުދެކޭ ކަމަށެވެ. ނަމަވެސް މީހަކު ވަރަށް ބާރަށް ހަޅޭއްލެވި އަޑު އިވުނު ކަމަށާއި، އެ އަޑު އިވުނު ސަރަހައްދަށް ގޮސް ބެލި އިރު، އެ ހިސާބުން މީހެއްގެ ހިލަމެއް ނުވި ނަމަވެސް، ކުޅީގެ އައްސޭރި ފަށުގައި ފިރިހެނެއްގެ ބައެއް އަންނައުނު ހުރި ކަމަށް އޭނާ ބުންޏެވެ.

ކިނބުލުގެ ފަރާތުން ކުރިމަތިވާ ހަމަލާތަކުގެ ރެކޯޑްތައް 1985 ވަނަ އަހަރު އޮސްޓްރޭލިޔާގައި ބަލަހައްޓަން ފެށި ފަހުން، މިއީ ކުއީންސްލޭންޑްގައި ކިނބުލުގެ ޝިކާރައަކަށް ވެގެން މީހަކު މަރުވި 13 ވަނަ ހާދިސާ އެވެ.

ކިނބޫ ހަމުގެ ބޭނުމުގައި ކިނބޫ މެރުމަކީ، 1970ގެ އަހަރުތަކުގެ ކުރިން ކުއީންސްލޭންޑްގައި ވަރަށް އާންމު ކަމެކެވެ. ކިނބޫ މެރުން 1974 ވަނަ އަހަރު މަނާކުރި އިރު، ކުއީންސްލޭންޑްގައި އުޅެނީ އެންމެ 5000 ކިނބޫ ކަމަށް ރެކޯޑްތަކުން ދައްކަ އެވެ. ނަމަވެސް އެ އަހަރުން ފެށިގެން ކިނބޫ ޝިކާރަކުރުން މަނާކުރުމާ ވިދިގެން، އެ ސަރަހައްދުގައި ދިރިއުޅޭ ކިނބޫގެ އާބާދީ މިހާރު ވަނީ 30000 އަށް އިތުރުވެފަ އެވެ.

ކުއީންސްލޭންޑްގައި 2019 ވަނަ އަހަރު ހެދި ދިރާސާއަކުން ދެއްކި ގޮތުގައި އެ ސަރަހައްދުގެ ކޮންމެ ކިލޯމީޓަރެއްގައި 1.7 ކިނބުލުގެ ނިސްބަތުން، ކިނބޫ ދިރިއުޅެ އެވެ. އަދި އާންމު ތަންތަނުގައި ވެސް ކިނބޫ އުޅޭތީ، އާންމު ރައްޔިތުންގެ ސަލާމަތަށް ނުރައްކާވާ ފަދަ ހާލަތްތަކުގައި، އެ ސަރަހައްދެއްގައި އުޅޭ ކިނބޫތައް ހިފައި އެހެން ސަރަހައްދުތަކަށް ބަދަލުކުރެ އެވެ. އަދި ބައެއް ހާލަތްތަކުގައި މަރައިވެސް ލެވެ އެވެ.