Roadha Mihaaru
ޔޫރޯ ކޮލިފައިންގައި ގަދަ ބާރުތަކަށް މުހިއްމު މޮޅުތަކެއް

ފްރާންސާއި އިންގްލެންޑް އަދި ޕޯޗުގަލަށް މުހިއްމު މޮޅުތަކެއް

08 ސެޕްޓެމްބަރ 2019

ލަންޑަން (ސެޕްޓެމްބަރު 8) - އަންނަ އަހަރުގެ ޔޫރޯ ކޮލިފައިންގައި ރޭ ޔޫރަޕްގެ ގަދަބާރުތައް ކަމަށްވާ ފްރާންސާއި އިންގްލެންޑް އަދި އެންމެ ފަހުގެ ޔޫރަޕްގެ ޗެމްޕިއަން ޕޯޗުގަލް މުހިއްމު މޮޅުތަކެއް ހޯދައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލަންޑަން (ސެޕްޓެމްބަރު 8) - އަންނަ އަހަރުގެ ޔޫރޯ ކޮލިފައިންގައި ރޭ ޔޫރަޕްގެ ގަދަބާރުތައް ކަމަށްވާ ފްރާންސާއި އިންގްލެންޑް އަދި އެންމެ ފަހުގެ ޔޫރަޕްގެ ޗެމްޕިއަން ޕޯޗުގަލް މުހިއްމު މޮޅުތަކެއް ހޯދައިފި އެވެ.

އަމިއްލަ ދަނޑުގައި ބަލްގޭރިއާއާ ދެކޮޅަށް ކުޅުނު މެޗުން އިންގްލެންޑް މޮޅުވީ 4-0 އިންނެވެ. ފްރާންސް ވަނީ އަލްބޭނިއާގެ މައްޗަށް 4-1 އިން ކުރިހޯދައިފަ އެވެ. އަދި ރަށުން ބޭރުގައި ފޯރިގަދަ މެޗަކަށް ފަހު ޕޯޗުގަލް އިން 4-2 އިން ސާބިއާ ބަލިކުރިއިރު، މިއީ މި ފަހަރުގެ ކޮލިފައިންގައި މިހާތަނަށް ކުޅުނު ތިން މެޗުން ޕޯޗުގަލަށް ހޯދުނު ފުރަތަމަ މޮޅެވެ.

ފްރާންސާއި އަލްބޭނިއާ ކުޅެން އޮތް މެޗު ރޭ ފެށީ 10 މިނިޓް ލަހުންނެވެ. އެއީ އަލްބޭނިއާގެ ގައުމީ ސަލާމްގެ ބަދަލުގައި އޮޅުމަކުން އެންޑޯރާގެ ގައުމީ ސަލާމް ޖެހުމުންނެވެ. އަލްބޭނިއާ ކުޅުންތެރިންނާއި އޮފިޝަލުން އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށް ރަނގަޅު ގައުމީ ސަލާމް ނުޖަހަނީސް މެޗު ކުޅެން ދެކޮޅު ހެދުމުން އަލުން ވަނީ އަލްބޭނިއާގެ ގައުމީ ސަލާމް ޖަހައިފަ އެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ފްރާންސް އިން ވަނީ ކިންގްސްލީ ކޯމަން އާއި އޮލިވިއޭ ޖިރޫޑްގެ ޖެހި ލަނޑުތަކުން ދެ ގޯލުގެ ލީޑެއް ނަގައިފަ އެވެ. ތިން ވަނަ ލަނޑެއް ޖަހަން މި ހާފްގައި ފްރާންސްގެ ފޯވާޑް އެންޓޮއިން ގްރީޒްމަން ފޮނުވާލި ޕެނަލްޓީ އަމާޒުވީ ހުރަސްދަނޑިއަށެވެ.

މެޗުގެ 65 ވަނަ މިނިޓްގައި ކޯމަން ފްރާންސްގެ ތިން ވަނަ ގޯލު ޖެހިއިރު، އެ ޓީމުގެ ފަހު ލަނޑު ޖެހީ ލިލް އަށް ކުޅެމުން އަންނަ ޖޮނަތަން އިކޯނޭ އެވެ. މެޗުގެ އިތުރު ވަގުތުގައި އަލްބޭނިއާގެ ހަމައެކަނި ގޯލު ޖެހީ ސޮކޯލް ސިކަލޭޝީ އެވެ.

އަލްބޭނިއާގެ ދެ ކުޅުންތެރިން ކައިރިން ފްރާންސްގެ ކޯމަން ބޯޅަ ހިފައިގެންދަނީ. -- ފޮޓޯ: އޭއެފްޕީ

އަލްބޭނިއާގެ ދެ ކުޅުންތެރިން ކައިރިން ފްރާންސްގެ ކޯމަން ބޯޅަ ހިފައިގެންދަނީ. -- ފޮޓޯ: އޭއެފްޕީ

މި މޮޅާ އެކު ފްރާންސް އިން ވަނީ ކޮލިފައިން ގްރޫޕް އެޗްގެ އެއް ވަނަ އަށް ޖެހިލައިފަ އެވެ. އެ ގްރޫޕްގެ އެއް ވަނައިގައި އޮތް ފްރާންސާއި ދެ ވަނައިގައި އޮތް ތުރުކީ އަދި ތިން ވަނައިގައި އޮތް އައިސްލެންޑަށް ލިބިފައިވަނީ 12 ޕޮއިންޓެވެ. ފްރާންސް ކުރީގައި އޮތީ ފައިދާ ގޯލުންނެވެ.

އިންގްލެންޑްގެ ވެމްބްލީ ސްޓޭޑިއަމްގައި ބަލްގޭރިއާއާ ދެކޮޅަށް ކުޅުނު މެޗުގައި އެ ޓީމުގެ ކެޕްޓަން ހެރީ ކޭން ވަނީ ހެޓްރިކެއް ހަދައިފަ އެވެ. މީގެ ތެރެއިން ދެ ގޯލު ޖެހީ ލިބުނު ޕެނަލްޓީންނެވެ. އިންގްލެންޑްގެ އަނެއް ގޯލު ކާމިޔާބުކުރީ ރަހީމް ސްޓާލިން އެވެ.

ކޮލިފައިންގައި މިހާތަނަށް ކުޅުނު ތިން މެޗުން ވެސް މޮޅުވެ ގްރޫޕް އޭގެ އެއް ވަނައިގައި އިންގްލެންޑް އޮތީ ނުވަ ޕޮއިންޓާ އެކު އެވެ.

ވިލިއަމް ކަވާލިއޯގެ ގޯލުން ޕޯޗުގަލް ފުރަތަމަ ހާފްގެ ފަހުކޮޅުގައި ލީޑުނެގިއިރު، ދެ ވަނަ ހާފްގެ ކުރީކޮޅުގައި އެ ޓީމުގެ ލީޑުފުޅާކޮށްދިނީ ގޮންކާލޯ ގުއޭޑޭޝް އެވެ. ސާބިއާގެ ނިކޮލާ މިލެންކޮވިޗް ގޯލެއް ޖަހައި އެ ޓީމަށް އުއްމީދެއް ހޯދައިދިން ނަމަވެސް މެޗުގެ 80 ވަނަ މިނިޓްގައި ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ޕޯޗުގަލަށް އަލުން ދެ ގޯލުގެ ލީޑެއް ނަގައިދީފަ އެވެ. އެ ލަނޑު ޖެހިތާ ފަސް މިނިޓް ފަހުން އަލެކްސަންޑަ މިޓްރޮވިޗް ވަނީ ގޯލެއް ޖަހައި ސާބިއާ އަށް ކުޑަ އުއްމީދެއް ހޯދައިދީފަ އެވެ. އެކަމަކު އޭގެ މިނިޓެއް ފަހުން ބެނާޑޯ ސިލްވާގެ ގޯލާ އެކު ޕޯޗުގަލް އިން މެޗުގެ ތިން ޕޮއިންޓް ކަށަވަރުކުރި އެވެ.

ކޮލިފައިން ގްރޫޕް ބީގެ އެއް ވަނައިގައި ޔޫކްރޭން އޮތީ ފަސް މެޗުން 13 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި ޕޯޗުގަލް އޮތީ ތިން މެޗުން ފަސް ޕޮއިންޓާ އެކު ޕޯޗުގަލް އެވެ.