Roadha Mihaaru
ނޫސްވެރިކަމުގެ ގިނަ އެވޯޑުތައް "މިހާރު" އަށް

ނޫސްވެރިކަމުގެ ގިނަ އެވޯޑުތައް "މިހާރު" އަށް

16 ސެޕްޓެމްބަރ 2019

މިދިޔަ އަހަރުގެ ނޫސްވެރިކަމުގެ ގިނަ އެވޯޑުތަކެއް "މިހާރު" ގެ ނޫސްވެރިން މިރޭ ހޯދައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

މިދިޔަ އަހަރުގެ ނޫސްވެރިކަމުގެ ގިނަ އެވޯޑުތަކެއް "މިހާރު" ގެ ނޫސްވެރިން މިރޭ ހޯދައިފި އެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ މިދިޔަ އަހަރުގެ އެވޯޑުގެ އަށް ކެޓަގަރީއަކުން ދިން އެ އިނާމުގައި ވާދަކުރި ހުރިހާ ކެޓަގަރީއަކަށް "މިހާރު"ގެ ނޫސްވެރިން ނޮމިނޭޓްވި އެވެ. އަދި ފަސް ކެޓަގަރީ އަކުން "މިހާރު" ގެ ނޫސްވެރިން ވަނީ އެވޯޑު ހާސިލްކޮށްފަ އެވެ.

މި ރަންވަނަތަކާ އެކު "މިހާރު" ވެފައި ވަނީ މި ފަހަރުގެ އެވޯޑުގައި އެއް މީޑިއާ އަކަށް މިހާ ގިނަ އިނާމު ލިބުނު ހަމައެކަނި ތަނަށެވެ.

"މިހާރު" އަށް އިނާމު ލިބުނީ އިޖުތިމާއީ ދާއިރާއިންނާއި ސިޔާސީ ދާއިރާ އާއި ކުޅިވަރުގެ ދާއިރާ އާއި ފީޗާ ލިޔުމުގެ ދާއިރާ އަދި ފޮޓޯގްރަފީގެ ދާއިރާ އިންނެވެ.

އަދި ޚާއްސަކޮށް ކުޅިވަރުގެ ދާއިރާ އާއި ފީޗާ ލިޔުމުގެ ދާއިރާ އިން "މިހާރު" ގެ ކުޅިވަރު ލިޔުންތެރިޔާ މުހައްމަދު ހަމްދޫން ވަނީ ވަނަ ހާސިލްކޮށްފަ އެވެ. މިއީ ނޫސްވެރިކަމުގެ އިނާމުގެ ތާރީޚުގައި ވެސް ދެ ކެޓަގަރީ އަކުން އެއް ނޫސްވެރިއަކު އިނާމު ގެންދިޔަ ފުރަތަމަ ފަހަރެވެ.

ހަމްދޫނަކީ ކުޅިވަރު ދާއިރާގެ އިތުރުން ދިވެހި ތާރީޚާ ގުޅޭ ގިނަ ރިޕޯޓުތަކެއް ފަހަކަށް "މިހާރު" އަށް ލިޔަމުން ގެންދާ ކުޅަދާނަ ނޫސްވެރިއެކެވެ.

މިދިޔަ އަހަރުގެ ނޫސްވެރިކަމުގެ އިނާމު ހޯދި "މިހާރު" ހަތަރު ނޫސްވެރިންގެ ތެރެއިން (ކ-ވ) ފަޒީނާ، ހަމްދޫން އަދި ހުސައިން ވަހީދު އެވޯޑާ އެކު ފޮޓޯއަކަށް ހުއްޓިގެން: ފަސް ކެޓަގަރީ އަކުން "މިހާރު" ވަނީ އިނާމު ހާސިލް ކޮށްފައި.

މިދިޔަ އަހަރުގެ ނޫސްވެރިކަމުގެ އިނާމު ހޯދި "މިހާރު" ހަތަރު ނޫސްވެރިންގެ ތެރެއިން (ކ-ވ) ފަޒީނާ، ހަމްދޫން އަދި ހުސައިން ވަހީދު އެވޯޑާ އެކު ފޮޓޯއަކަށް ހުއްޓިގެން: ފަސް ކެޓަގަރީ އަކުން "މިހާރު" ވަނީ އިނާމު ހާސިލް ކޮށްފައި.

އިޖުތިމާއީ ދާއިރާއިން ޕްރިންޓް އަދި އޮންލައިން ނޫސްތަކުގެ ކެޓަގަރީން އިނާމު ހޯދީ މިހާރު ނޫހުގެ އާސިއަތު މުހައްމަދު ސައީދެވެ. އެ އެވޯޑަށް ވާދަކުރީ އެ ނޫހުގެ އަހުމަދު ސާއިލް އަލީ އާއި އަވަސް ނޫހުގެ އައިމިނަތު އިބްރާހީމެވެ.

އިޖްތިމާއީ ދާއިރާގެ ބްރޯޑްކާސްޓިން ކެޓަގަރީން އިނާމު ހާސިލްކުރީ ވީމީޑިއާގެ އައިމިނަތު އަމީނާ ނައީމެވެ. އެ އެވޯޑަށް ނޮމިނޭޓްވީ ވެސް އޭނާ އެކަންޏެވެ.

ސިޔާސީ ދާއިރާ އިން ޕްރިންޓް އަދި އޮންލައިން ނޫސްތަކުގެ ކެޓަގަރީން އިނާމު ހޯދީ "މިހާރު" ނޫހުގެ ފަޒީނާ އަހުމަދެވެ. އެ އެވޯޑަށް ވާދަކުރީ އެ ނޫހުގެ މުހައްމަދު ޔާމީނާއި "އަވަސް" ނޫހުގެ މޫސާ ރަޝީދެވެ.

ސިޔާސީ ދާއިރާއިން ބްރޯޑްކާސްޓިން ކެޓަގަރީން އިނާމު ހާސިލް ކުރީ ރާއްޖެ ޓީވީގެ މުރުޝިދު އަބްދުލްހަކީމެވެ.

ކުޅިވަރުގެ ދާއިރާގެ ޕްރިންޓް އަދި އޮންލައިން ނޫސްތަކުގެ ކެޓަގަރީން އިނާމު ހޯދީ "މިހާރު" ނޫހުގެ މުހައްމަދު ހަމްދޫނެވެ. މި އެވޯޑަށް ވާދަކުރީ އެ ނޫހުގެ އައްޒާމް އަލިފުޅާއި "އަވަސް" ނޫހުގެ ހުސެން ހަބީބެވެ.

ފީޗާ ދާއިރާގެ ޕްރިންޓް އަދި އޮންލައިން ނޫސްތަކުގެ ކެޓަގަރީން އެވޯޑް ހޯދީ ވެސް ހަމްދޫނެވެ. އެ އެވޯޑަށް ވާދަކުރީ ވެސް އެ ނޫހުގެ އާސިޔަތު މުހައްމަދު ސައީދާއި މުހައްމަދު ޔާމީނެވެ.

ފީޗާ ދާއިރާގެ ބްރޯޑްކާސްޓިން ކެޓަގަރީން އިނާމު ހޯދީ ރާއްޖެެ ޓީވީގެ ހުސައިން ހަސަން އެވެ. އެވޯޑަށް ވާދަކުރީ ވީމީޑިއާގެ އައިމިނަތު އަމީނާ އެވެ.

ފޮޓޯގްރަފީގެ ދާއިރާއިން އިނާމު ހާސިލް ކުރީ "މިހާރު" ނޫހުގެ ހުސައިން ވަހީދެވެ. އެވޯޑަށް ވާދަކުރީ އެ ނޫހުގެ ނިޝާން އަލީ އާއި "ވަގުތު" ނޫހުގެ އަމީން ފަހުމީ އެވެ.

މިދިޔަ އަހަރުގެ ފޮޓޯގްރަފީގެ އެވޯޑު ހާސިލްކުރި "މިހާރު" ގެ ހުސައިން ވަހީދު (މ) އާ އެކު، އެ ނޫހުގެ އެޑިޓަރު މޫސާ ލަތީފް (ވ) އާއި ލޯކަލް އެޑިޓަރު އަހުމަދު ހަމްދޫން ފޮޓޯއަކަށް މިރޭ ހުއްޓިގެން.

މިދިޔަ އަހަރުގެ ފޮޓޯގްރަފީގެ އެވޯޑު ހާސިލްކުރި "މިހާރު" ގެ ހުސައިން ވަހީދު (މ) އާ އެކު، އެ ނޫހުގެ އެޑިޓަރު މޫސާ ލަތީފް (ވ) އާއި ލޯކަލް އެޑިޓަރު އަހުމަދު ހަމްދޫން ފޮޓޯއަކަށް މިރޭ ހުއްޓިގެން.

ޝަރުއީ އަދި ގާނޫނީ ދާއިރާގެ ޕްރިންޓް އަދި ގާނޫނީ ދާއިރާގެ އެވޯޑް ހޯދީ "އަވަސް" ނޫހުގެ ނާޒިމް ހަސަން އެވެ. އެ އެވޯޑަށް ވާދަކުރީ "މިހާރު" ނޫހުގެ މުއިއްޒު އިބްރާހިމް އާއި "ވަގުތު" ނޫހުގެ އަލީ ވިޝާމެވެ.

ވިޔަފާރި އާއި އިގްތިސޯދީ ދާއިރާއިން އެވޯޑު ހާސިލް ކުރީ "އަވަސް" ނޫހުގެ މުހައްމަދު އަފްރާހެވެ. މި އެވޯޑަށް ރާއްޖެ ޓީވީގެ ރިޒްނާ ޒަރީރާއި "ވަގުތު" ނޫހުގެ ރީހާން ރަޝީދު ވާދަކުރި އެވެ.

ކުޅިވަރުގެ ދާއިރާ އާއި ޝަރުއީ އަދި ގާނޫނީ ދާއިރާގެ ބްރޯޑްކާސްޓިން ކެޓަގަރީ އަދި ވީޑިއޯގްރަފީ އެކަށީގެންވާ ވަރަށް އެއްވެސް މީހަކަށް މާކުހެއް ލިބިފައެއް ނުވެ އެވެ.

ނޫސްވެރިކަމުގެ ދާއިރާއަށް އަލަށް ނިކުންނަ ޒުވާނުންނަށް ދޭ އެންމެ އުއްމީދީ ނޫސްވެރިޔަކަށް ހޮވާފައިވަނީ ސަން އޮންލައިންގެ ނަޖާހު މަސްއޫދެވެ. މި އެވޯޑަށް ފަސް ނޫސްވެރިއެއްގެ ނަން ވަނީ ހުށަހަޅާފަ އެވެ.