Roadha Mihaaru
ތަގުރީރު ކުރެއްވުމަށް ރައީސް އެމެރިކާއަށް ފުރާވަޑައިގެންފި

ތަގުރީރު ކުރެއްވުމަށް ރައީސް އެމެރިކާ އަށް ފުރާވަޑައިގެންފި

21 ސެޕްޓެމްބަރ 2019

އދ. ގެ އާންމު މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އެމެރިކާ އަށް މިއަދު ފުރާވަޑައިގެންފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

އދ. ގެ އާންމު މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އެމެރިކާ އަށް މިއަދު ފުރާވަޑައިގެންފި އެވެ.

މިއީ މިދިޔަ ހަތް އަހަރުގެ ތެރޭގައި ރާއްޖޭގެ ރައީސަކު އދ. ގެ އާންމު މަޖިލީހުގައި ތަގުރީރު ކުރައްވާ ފުރަތަމަ ފަހަރެވެ. އެންމެ ފަހުން އދ. ގައި ތަގުރީރު ކުރައްވާފައިވާ ރާއްޖޭގެ ރައީސަކީ ޑރ. މުހައްމަދު ވަހީދެވެ. ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް އެމަނިކުފާނުގެ ބަދަލުގައި ވަހީދު ވަނީ އދ. ގައި ތަގުރީރު ކުރައްވާފަ އެވެ. ޔާމީންގެ ވެރިކަމުގެ ދައުރު ހަމަވިއިރު ތަގުރީރު ކުރެއްވުމަށް އދ. އަށް ވަޑައިގެންފައެއްނުވެ އެވެ.

ރައީސް އޮފީހުން ބުނިގޮތުގައި ރައީސްގެ ތަގުރީރުގެ ސަބަބުން ވޭތުވެދިޔަ ހަތް އަހަރުގެ ތެރޭގައި ބައިނަލްއަގުވާމީ މަސްރަހުން ރާއްޖެ އަށް ކުރިމަތިވެފައިވާ ހުރަސްތައް ނިމުމަކަށް ގެނެވޭނެ އެވެ. އަދި ބައިނަލްއަގުވާމީ ޖަމިއްޔާތަކާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހި ކުރަން އެ ތަގުރީރުގެ ސަބަބުން މަގުފަހިވާނެ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

އދ. ގައި ރައީސް ތަގުރީރު ކުރެއްވުމަށް ނިންމާފައިވަނީ އަންނަ އަންގާރަ ދުވަހު އެވެ.

އެ ދަތުރުފުޅުގައި އެމެރިކާގެ ނިއު ޔޯކަށް ވަޑައިގެން އެކި ގައުމުތަކުގެ ވެރިންނާއި، އދ. ގެ އެކި ޖަމާއަތްތަކުގެ އިސް ބޭފުޅުންނާ ވެސް ރައީސް ބައްދަލުކުރައްވާނެ އެވެ.

މިއަދަކީ، ރާއްޖެއިން އދ. ގެ މެމްބަރަކަށްވީތާ 54 އަހަރު ފުރުނު ދުވަހެވެ. ރާއްޖެއިން އދ. ގެ މެމްބަރަކަށް ވެފައި ވަނީ 21 ސެޕްޓެމްބަރު 1965 ގަ އެވެ.