Roadha Mihaaru
އެއޯސިސް އަކީ ބަދަލެއް ގެނެވޭ ފަދަ ބާރެއް: ރައީސް

އެއޯސިސް އަކީ ބަދަލެއް ގެނެވޭ ފަދަ ބާރެއް: ރައީސް

23 ސެޕްޓެމްބަރ 2021

ކުދި ޖަޒީރާ ގައުމުތަކުގެ އިއްތިހާދު (އެއޯސިސް)ގެ ގުޅިފައިވާ ތަސައްވުރުގެ ސަބަބުން އެ އިއްތިހާދަކީ ދުނިޔޭގައި ބަސްވިކޭ، ބަދަލެއް ގެނެވޭ ފަދަ ބާރަކަށް ވެއްޖެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިއްޔެ ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކުދި ޖަޒީރާ ގައުމުތަކުގެ އިއްތިހާދު (އެއޯސިސް)ގެ ގުޅިފައިވާ ތަސައްވުރުގެ ސަބަބުން އެ އިއްތިހާދަކީ ދުނިޔޭގައި ބަސްވިކޭ، ބަދަލެއް ގެނެވޭ ފަދަ ބާރަކަށް ވެއްޖެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިއްޔެ ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ ނިއުޔޯކްގައި މިހާރު ކުރިއަށް ގެންދާ އދ. ގެ އާއްމު މަޖިލީހުގެ 76 ވަނަ ސެޝަނުގެ ހަވާސާގައި ބޭއްވި، އެއޯސިސްގެ ލީޑަރުންގެ ސަމިޓްގައި އެ މަނިކުފާނު ވިދާޅުވީ، ކުދި ޖަޒީރާ ގައުމުތަކަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ގެއްލުމާއި ކުރިމަތިލުމުގެ ދިގު މާޒީއެއް އޮތް ގައުމުތަކެއް ކަމަށެވެ. އެއީ ރަައީސް ވިދާޅުވިގޮތުގައި ނާޒުކު އެތައް މަސައްލަަތަކުން އަރައިގަތުމަށް މަސައްކަތް ކުރުމުގެ ވެސް ދިގު މާޒީއެއް އޮތް ގައުމުތަކެކެވެ.

"އަޅުގަނޑުމެންނަކީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރިފައިވާ ކުދިކުދި ގައުމުތަކެއް. އެކަމަކު އަޅުގަނޑުމެންގެ ގުޅިފަައިވާ ތަސައްވުރުގެ ސަބަބުން، އެއޯސިސްގެ ގޮތުގައި އަޅުގަނޑުމެންނަކީ ބަސްވިކޭ، ބަދަލެއް ގެނުވޭނެ ބާރެއް،" އެ މަނިކުފާނު ވިދާޅުވި އެވެ.

އެއޯސިސް އިން މިއަދު ފާސްކުރާ ގަރާރުގެ ސަބަބުން، މޫސުމަށް އަންނަ ބަދަލުތަކުގެ ގެއްލުމާ މެދު ކުދި ޖަޒީރާ ގައުމުތަކުގެ ކަންބޮޑުވުމާއި ސީރިއަސްކަން އޮތް ވަރު ދުނިޔެއަށް އަނެއްކާ ވެސް ހާމަވެެގެން ދާނެ ކަަމަށް ވެސް ރައީސް ވިދާޅުވިި އެވެ. އެ މައްސަލަތަކަށް އެޑްރެސް ކުރަން މަސައްކަތް ކުރާނެ ގައުމުތަކަށް ބޭނުންވެފައިވާ ވަރު ވެސް ރައީސް ވިދާޅުވި ގޮތުގައި އެއޯސިއްގެ ގަރާރުން އެނގޭނެ އެވެ.

"އަޅުގަނޑުމެންނަކީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރިފައިވާ ކުދިކުދި ގައުމުތަކެއް. އެކަމަކު އަޅުގަނޑުމެންގެ ގުޅިފަައިވާ ތަސައްވުރުގެ ސަބަބުން، އެއޯސިސްގެ ގޮތުގައި އަޅުގަނޑުމެންނަކީ ބަސްވިކޭ، ބަދަލެއް ގެނުވޭނެ ބާރެއް،" --- ރައީސް

އެ މަނިކުފާނު ވިދާޅުވީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަަބަބުން ދުނިޔޭގެ އިގްތިސާދަށް އައި މަޑުޖެހުމުގެ ގެއްލުން ކުދި ޖަރީޒާ ގައުމުތަކަށް ވެސް ކޮށް، ބޮޑެތި ގެއްލުންތަކާ ކުރިމަތިވި ކަމަށެވެ. އެ ބަލިމަޑުކަމުގެ ސަބަބުން ދުނިޔޭގެ ދަތުރުފަތުރުގެ ނިޒާމު ދިގު މުއްދަތަކަށް މަޑުޖެހިފައި އޮތުމުން އޭގެ ނޭދެވޭ އަސަރު ރާއްޖޭގެ އިގްތިސާދަށް ވެސް ކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

ކުދި ޖަޒީރާ ޤައުމުތަކުގެ ފުރަތަމަ ކޮންފަރެންސް 1989 ވަނަ އަހަރު ރާއްޖޭގައި ބޭއްވުމަށް ފަހު، ރާއްޖެ އިން ވަނީ ކުދި ޖަޒީރާ ގަމުތައް އެކުލެވޭ ޖަމާއަތެއް އުފެއްދުމުގެ މަސައްކަތް ބާރަށް ކުރިއަށް ގެންގޮސްފަ އެވެ.

އެގޮތުން އައްސޭރިފަށުގެ ބިންތިރި، ކުދި ގައުމުތައް ތަމްސީލުކުރާ ޖަމާޢަތް ކަމުގައިވާ 'އެއޯސިސް' އުފެދުނީ 1990 ގައި ޖެނީވާގައި ބޭއްވި ދުނިޔޭގެ ދެވަނަ ކްލައިމެޓް ކޮންފަރެންސްގެ ތެރެއިންނެވެ. އެއޯސިސް އަކީ ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) އާއި ބައިނަލްއަގްވާމީ އެންވަޔަރަންމަންޓް ޕޮލިސީ އަށް ވަކާލާތުކޮށް އަދި ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލަ އަށް ހާއްޞަ ސަމާލުކަމެއްދޭ ޖަމާއަތެކެވެ.