Roadha Mihaaru
ޔާމީންގެ ޝަރީއަތް މި މަހު 17 އަށް ތާވަލުކޮށްފި

ޔާމީންގެ ޝަރީއަތް މި މަހު 17 އަށް ތާވަލުކޮށްފި

07 ނޮވެމްބަރ 2019

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ދައުލަތުން ދައުވާކުރާ މަނީ ލޯންޑްރިންގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް މި މަހުގެ 17 ވަނަ ދުވަހު ބާއްވަން ކްރިމިނަލް ކޯޓުން ތާވަލުކޮށްފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ދައުލަތުން ދައުވާކުރާ މަނީ ލޯންޑްރިންގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް މި މަހުގެ 17 ވަނަ ދުވަހު ބާއްވަން ކްރިމިނަލް ކޯޓުން ތާވަލުކޮށްފި އެވެ.

ޔާމީންގެ ޝަރީއަތުގެ ހުރިހާ އަޑުއެހުންތަކެއް ނިމި، ހުުކުމްކުރަން އޮތީ މިދިޔަ އަންގާރަދުވަހު އެވެ. އެކަމަކު އެ މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަަދު ހައިލަމް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ސަސްޕެންޑްކުރުމުން ޝަރީއަތް ކެންސަލްކުރީ އެވެ.

ޖޭއެސްސީ އިން ހައިލަމަށް ފިޔަވަޅު އެޅީ ނަސްރުގެ ދުވަހުގެ ތަހުނިޔާ ފޮނުވުމުގެ ގޮތުން އޭނާ ކްރިމިނަލް ކޯޓުގެ ވައިބާ ގްރޫޕަކަށް ފޮނުއްވި ކުރެހުމެއްގެ މައްސަލައިގަ އެވެ. އެ ކުރެހުމުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުުގައި ޗޭނު ޖަހާފައި ހުރެ އެވެ.

ހައިލަމް ސަސްޕެންޑް ކުރުމަށް ފަހު ކްރިމިނަލް ކޯޓު ހިންގުން ގާޒީ އަލީ ރަޝީދު ހުސައިނާ ހަވާލުކޮށްފައި ވާއިރު، ޝަރީއަތް އަލުން ޝެޑިއުލްކޮށްފައި ވަނީ ވެސް އިސް ގާޒީ ސެކްޝަނުން ކަމަށް އެނގިފައިވެ އެވެ.

ޖިނާއީ އިޖްރާއާތުގެ ގާނޫނު ބުނާގޮތުން ދެން އެ މައްސަލާގައި އަމަލު ކުރާނެ ގޮތެއް ކަނޑައަޅާނީ ކޯޓު ހިންގުމާ ހަވާލުވެ ވަޑައިގަންނަވާ ފަނޑިޔާރެކެވެ. އެގޮތުން އެ މައްސަލަ ގޮސްފައި އޮތް ހިސާބުން ފެށިގެން އެހެން ފަނޑިޔާރަކާ މައްސަލަ ހަވާލު ކޮށްގެން އެ މައްސަލަ ކުރިއަށް ގެންދަން ނިންމުން ނުވަތަ ޝަރީއަތް އަލުން ފަށަން ނިންމިދާނެ ކަމަށް އެ ގާނޫނުގައިވެ އެވެ.

ޔާމީންގެ މައްޗަށް ދައުލަތުން މަނީ ލޯންޑްރިންގެ ދައުވާކުރަނީ އެމަނިކުފާނުގެ ނަމުގައި އޮތް އެކައުންޓަކަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތުގެ ފައިސާ ދައުރުކުރި ކަމަށް ތުހުމަތު ކުރެވޭ އެސްއޯއެފް ކުންފުނިން އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލާގަ އެވެ. އެ ފައިސާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ އެކު ހަދާ އެސްކްރޯ އެކައުންޓެއްގައި ބަހައްޓަން އެއްބަސްވެ ވަޑައިގަތުމަށް ފަހު އެހެން ފައިސާތަކެއް އެސްކްރޯ އެކައުންޓަށް ޖަމާކޮށް އަދި އެސްއޯއެފް އިން ޖަމާކުރި ފައިސާ އިސްލާމިކް ބޭންކްގެ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލުކޮށް އެ ފައިސާގެ އަސްލު އޮޅުވާލީ ކަމަށް އެ ދައުވާގައިވެ އެވެ.