Roadha Mihaaru
ނިއުކްލިއަ ހަތިޔާރު މަނާކުރަން ރާއްޖެ އެއްބަސްވެއްޖެ

ނިއުކްލިއަ ހަތިޔާރު މަނާކުރާ މުއާހަދާގައި ރާއްޖޭން ސޮއިކޮށްފި

27 ސެޕްޓެމްބަރ 2019

ނިއުކްލިއަ ހަތިޔާރު މަނާކުރާ މުއާހަދާގައި ރާއްޖޭން މިއަދު ސޮއިކޮށްފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ނިއުކްލިއަ ހަތިޔާރު މަނާކުރާ މުއާހަދާގައި ރާއްޖޭން މިއަދު ސޮއިކޮށްފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ ނިއުކްލިއަ ހަތިޔާރު މަނާކުރާ މުއާހަދާގައި ރާއްޖޭން ސޮއިކުރީ އެމެރިކާގެ ނިއުޔޯކް ސިޓީގައި ހުންނަ އދ.ގެ މައި އިދާރާގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ކަމަށެވެ. އެ މުއާހަދާގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ.

ނިއުކްލިއަ ހަތިޔާރު އުފެއްދުމާއި ބޭނުންކުރުމާއި ބޭންކުރާނެ ކަމުގެ ބިރު ދެއްކުން މުޅިން މަނާކުރާ އެ މުއާހަދާގައި ގައުމުތައް ސޮއިކުރަން ހުޅުވާލީ 2017 ވަނަ އަހަރު އެވެ. އެ މުއާހަދާގައި ސޮއިކުރަން ކެބިނެޓުން ނިންމީ އޮގަސްޓް 27 ގަ އެވެ. އަދި އެ މުއާހަދާގައި ރާއްޖޭން ބައިވެރިވާން ރައްޔިތުންގެ މަޖިލީހުން ރުހުން ދިނީ ސެޕްޓެމްބަރު 3 ގަ އެވެ.

ބޮޑެތި ގެއްލުންދެނިވި ހަތިޔާރު ގެންގުޅުން މަނާކުރާ މުއާހަދާޔާއި ނިއުކްލިއަ ހަތިޔާރު ފެތުރުން މަނާކުރާ މުއާހަދާގައި ރާއްޖޭން ކުރިން ވަނީ ބައިވެރިވެފަ އެވެ. ނިއުކްލިއަ ހަތިޔާރު ފެތުރުން މަނާކުރާ މުއާހަދާގައި ރާއްޖޭން ސޮއިކުރީ 1970 ގަ އެވެ.