Roadha Mihaaru
ކުޑަކުއްޖެއްގެ ކުރެހުމެއް އިޓަލީ ޓީމެއްގެ ޖާޒީގައި

ހަ އަހަރުގެ ކުއްޖެއްގެ ކުރެހުމެއް އިޓަލީ ޓީމެއްގެ ޖާޒީގައި

23 އެޕްރީލް 2020

އިޓަލީގެ އެންމެ ހަ އަހަރުގެ ކުއްޖެއްގެ ކުރެހުމެއް އެ ގައުމުގެ މަޝްހޫރު ފުޓްބޯޅަ ޓީމެއްޖެ ޖާޒީގެ ރަސްމީ ޑިޒައިނެއްގެ ގޮތުގައި ބޭނުންކުރަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިޓަލީގެ އެންމެ ހަ އަހަރުގެ ކުއްޖެއްގެ ކުރެހުމެއް އެ ގައުމުގެ މަޝްހޫރު ފުޓްބޯޅަ ޓީމެއްޖެ ޖާޒީގެ ރަސްމީ ޑިޒައިނެއްގެ ގޮތުގައި ބޭނުންކުރަން ނިންމައިފި އެވެ.

ހަ އަހަރުގެ ލުއީގީ ޑިއަގޯސްޓީނާގެ އެ ކުރެހުމަކީ ޖާޒީގައި ހިމަނާނެ ޑިޒައިނެއް ހޯދުމުގެ ބޭނުމުގައި އިޓަލީގެ ކުލަބެއް ކަމަށްވާ ޕެސްކާރާ އިން އިންތިޒާމުކޮށްގެން ބޭއްވި މުބާރާތެއްގައި ހޯދި ޝަރަފެކެވެ.

އެ ކުއްޖާގެ ކުރެހުމުން ރަމްޒުކޮށް ދެނީ މުޅި ދުނިޔެ މިހާރު ހަނގުރާމަކުރަމުން އަންނަ ކޮވިޑް-19 އިން އަރައިގަނެވިދާނެ ކަމެވެ. އަދި އެކަމަށް ބޭނުން ވަނީ ހިތްވަރެއްކަމެވެ.

އެގޮތުން ކުރެހުމުގައި ސިފަކޮށް ދީފައި ވަނީ ރާޅު ބާނިތަކެއްގެ ތެރެއިން ކޯމަހެއް ފުންމައިގަނެ، ބޯޅައެއްގައި ޖަހާ ތަނެވެ. އަދި ކުރެހުމުން ވިއްސާރަދުނީގެ ކުލަތަކުން އުންމީދު ސިފަކޮށްދީފައިވެ އެވެ. މި ސިފަކޮށްދިނުމުގެ މޮޓޯ އަކީ "ގިވް އަ ކިކް ޓު ކޮވިޑް-19" އެވެ.

ޕެސްކާރާ އިން ބުނިގޮތުގައި ޑިއަގޯސްޓީނާގެ ކުރެހުން ކުރިއަށް އޮތް ފުޓްބޯޅަ ސީޒަން "ސީރީޒް ބީ" ގައި ޓީމުން ބޭނުންކުރާ ޖާޒީގައި ހިމަނާފައި އިންނާނެ އެވެ.

ޕެސްކާރާ އަކީ 1963 ގައި އުފެދުނު ކުލަބެކެވެ. އެ ކުލަބަކީ އިޓަލީގެ އެންމެ މަގުބޫލު ލީގްގެ ތެރޭގައި ހިމެނޭ "އޭ ސީރީޒް" ގައި ވެސް ހަތް ފަހަރު ވާދަކޮށްފައިވާ ޓީމެކެވެ.