22 ސެޕްޓެމްބަރ 2016
ކުއްލިއްޔާގެ އިރަށް އޮންނަ ލޮރެންޒޯ ޕާކް ތެރޭގައި މީގެ ހަތަރު އަހަރު ކުރިން މަރާލި އަހުމަދު އަރުހަމްގެ މަރުގެ ދައުވާ ލިބުނު މުހައްމަދު ވިސާމް މަރަން ކްރިިމިނަލް ކޯޓުން ދެންމެއަކު ހުކުމްކޮށްފި އެވެ. އެކަމަކު، ދައުވާ ލިބުނު އެހެން އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި އެވެ.
ކުއްލިއްޔާގެ އިރަށް އޮންނަ ލޮރެންޒޯ ޕާކް ތެރޭގައި މީގެ ހަތަރު އަހަރު ކުރިން މަރާލި އަހުމަދު އަރުހަމްގެ މަރުގެ ދައުވާ ލިބުނު މުހައްމަދު ވިސާމް މަރަން ކްރިިމިނަލް ކޯޓުން ދެންމެއަކު ހުކުމްކޮށްފި އެވެ. އެކަމަކު، ދައުވާ ލިބުނު އެހެން އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި އެވެ.
މޭ 2012 ގައި ލޮރެންޒޯ ޕާކު ތެރޭގައި އަރުހަމް މަރާލާފައި އޮއްވާ ފެނުނު މައްސަލައިގައި ދައުލަތުން ދައުވާކުރީ ލ. މާވަށު އެވާބްލޫގޭ ވިސާމްގެ އިތުރުން، އެރަށު އަސަރީގޭ މަންސޫރު ޔޫސުފާއި ގދ. ގައްދޫ ގުންޒަރު މުހައްމަދު ސުފްޔާން އަދި މއ. ސީނަރީވިއު އާތިފް ރަޝީދުގެ މައްޗަށެވެ.
މިރޭ ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ހުކުމް އިއްވަވަމުން އެ މައްސަަލަ ބެއްލެވި ގާޒީ އިބްރާހިމް އަލީ ވިދާޅުވީ ވިސާމްގެ މައްޗަށް އެ ކުށް ސާބިތު ވަނީ އޭނާ އަރުހަމްގެ ގަޔަށް ވަޅި ހަރަނިކޮށް ފެނުނު ކަމަށް އެކަކު ހެކިބަސް ދީފައިވާތީ އާއި ލޮރެންޒޯ ޕާކު ހުންނަ ގޯޅި ތެރެއިން ވިސާމް ނުކުންނަނިކޮށް ފެނުނު ކަމަށް އިތުރު ހެކިވެރިއަކު ހެކިބަސް ދީފައިވާތީ ކަމަށެވެ. އަދި އަރުހަމަށް ބަޔަކު ހަމަލާދެމުން ދިިޔައިރު އޭނާގެ ގައިގައި ވިސާމް ހިފަހައްޓައިގެން ހުރި ތަން ފެނުނު ކަމަށް އެހެން ހެކިވެރިއަކު ބުނެފައިވާކަން ގާޒީ ފާހަގަކުރެއްވި އެވެ.
ގާޒީ ވިދާޅުވީ އެއްވެސް ހައްގަކާ ނުލާ އަރުހަމް މަރާލާފައި ވަނީ ތޫނު އެއްޗަކުން ހަމަލާދީގެންކަން އެނގެން އޮތުމުން އަރުހަމަށް ހަމަލާދިނީ މަރާލުމުގެ ގަސްދު އޮވެގެން ކަމަށް އިސްލާމީ ފިގުހީ އުސޫލުތަކުން ބަލަންޖެހޭ ކަމަށެވެ. ގާޒީ ވިދާޅުވި ގޮތުގައި އެއްވެސް ހައްގަކާ ނުލާ އަރުހަމަށް ހަމަލާދީ އޭނާ މަރާލީ ވިސާމް ކަން ޝަރީއަތަށް ސާބިތުވާތީ ވިސާމްގެ ލޭގެ ހުރުމަތް މިހާރު ވަނީ ކެނޑިފަ އެވެ.
އަރުހަމްގެ ވާރިސުންގެ ގޮތުގައި ތިބި އެންމެން ވެސް ބޭނުން ވަނީ މަރަށް މަރު ހިފަން ކަމަށް ވާތީ ވިސާމް މަރަން ހުކުމް ކުރީ ކަމަށް ހުކުމް އިއްވަވަމުން ގާޒީ އިބްރާހިމް ވިދާޅުވި އެވެ.
"މުހައްމަދު ވިސާމް މަރާލުމަށް ކަމާ ބެހޭ ފަރާތްތަކަށް އަންގައި އަމުރުކޮށްފިން،" ގާޒީ ވިދާޅުވި އެވެ.
ވިސާމް މަރަން ހުކުމް ކުރެއްވީ ކަމަށް ގާޒީ އިބްރާހިމް ވިދާޅުވުމާ އެކު، ޝަރީއަތް އަޑުއަހަން ވަދެ އިން ވިސާމްގެ މަންމަގެ ރުއިމުގެ އަޑު އެ ތަނުގައި ގަދަވެގެން ދިޔަ އެވެ. އޭރު އެ ތަނުގައި އަރުހަމްގެ މަންމަ އާއި ބައްޕަ ވެސް ތިއްބެވެ.
ގާޒީ އިބްރާހިމް ވިދާޅުވި ގޮތުގައި ބާކީ ތިބި ތިން މީހުން ކަމަށްވާ މަންސޫރާއި ސުފްޔާން އަދި އާތިފްގެ މައްޗަށް ކުށް ސާބިތު ނުވީ އެ މީހުންނާ ދެކޮޅަށް ލިބިފައި ހުރި ހެކިބަސްތަކުގައި ބޮޑެތި ފުށުއެރުންތަކެއް ހުރުމުންނެވެ.
ޖިނާއީ މައްސަލަތައް ސާބިތުކުރާ އާންމު މިންގަނޑަކީ "އެކަށީގެންވާ ޝައްކެއް ނެތް މިންގަނޑުން" ކަމަށް ވިޔަސް އިސްލާމް ދީނުގައި ހައްދު ކަނޑައެޅިފައިވާ ކަންކަމުގައި ކުށް ސާބިތުވާން ޖެހޭނީ "އެއްވެސް ޝައްކެއް ނެތް މިންގަނޑުން" ކަމަށް ސުޕްރީމް ކޯޓުން ނިންމާފައިކަން ފާހަގަ ކުރައްވައި ގާޒީ ވިދާޅުވީ އެ ތިން މީހުންނާ ދެކޮޅަށް ހުރި ހެކިބަސްތަކުގައި ފުށުއެރުން ހުރުމުން އެ މީހުންގެ މައްޗަށް ކުށް ސާބިތު ކުރެވޭނެ ކަމަށް ނުފެންނަ ކަމަށެވެ.
ދައުވާ ލިބުނު މީހުންގެ ތެރެއިން އާތިފް މި އަހަރު ކުރީކޮޅުން ފެށިގެން ހުރީ ބަންދުން ދޫކޮށްލައިފަ އެވެ. ބާކީ ތިބި ތިން މީހުން މިއަދާ ހަމައަށް ވެސް ތިބީ ބަންދުގަ އެވެ.
ވިސާމް މަރަން ހުކުމް ކުރިޔަސް އެ ހުކުމް ތަންފީޒު ކުރެވޭނީ އިސްތިއުނާފްގެ ހުރިހާ މަރުހަލާއެއް ނިމި، ސުޕްރީމް ކޯޓުން އެ ހުކުމަށް ތާއީދުކޮށްފި ނަމަ އެވެ. ވިސާމްގެ ފަރާތުން 30 ދުވަހުގެ ތެރޭގައި އެ މައްސަލަ އިސްތިއުނާފް ނުކޮށްފި ނަމަ އެ ހުކުމް ކަށަވަރު ކުރަން ދައުލަތުން އިސްތިއުނާފް މަރުހަލާ އަށް ދާންޖެހޭނެ އެވެ.
ގާޒީ އިބްރާހިމްގެ ކުރިން އެހެން ދެ ގާޒީއަކު ވެސް އެ މައްސަލަ ބެއްލެވި އެވެ. އެންމެ ފުރަތަމަ ގާޒީ މުހުތާޒް ފަހުމީ އެ މައްސަލަ ބައްލަވަމުން ދަނިކޮށް އޭނާ އަތުން އެ މައްސަލަ ނެގުމަށް ފަހު ދެން ހަވާލުކުރީ ކްރިމިނަލް ކޯޓުގެ އޭރުގެ ގާޒީ އަބްދުﷲ ދީދީއާ އެވެ. އަބްދުﷲ ދީދީ އެ މައްސަލަ ބެއްލެވުމާއި ހަވާލުވެ ވަޑައިިގެން އަޑުއެހުމެއް ނުބޭއްވެނީސް އޭނާ ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރުމުން އެ މައްސަލަ ގާޒީ އިބްރާހިމާ ހަވާލުކުރީ އެވެ.
ދަރުމަވަންތް ސްކޫލުގައި ކިޔަވަމުންދިޔަ އުމުރުން 14 އަހަރުގެ އަރުހަމް މަރާލާފައިވަނީ ލޮރެންޒޯ ޕާކް ތެރޭގައި ދަންވަރު އޭނާ ނިދާފައި އޮއްވާ ގްރޫޕަކުން ގޮސް ހަމަލާ ދީގެންނެވެ. އޭނާގެ މަރުވެފައި އޮތް ހަށިގަނޑު ފެނުނީ ޖެހިގެން އައި ދުވަހުގެ ހެނދުނު އެވެ. ފުލުހުން ބުނެފައިވާ ގޮތުން އަރުހަމް މަރާލީ ދެ ގްރޫޕެއްގެ ދެމެދުގައި އޮތް ހަމަނުޖެހުމެއްގެ ބަދަލު ހިފުމުގެ ގޮތުންނެވެ.
އަރުހަމްގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންގެ އިތުރުން ވެސް ދެ މީހެއްގެ މައްޗަށް ދައުވާކޮށްދޭން އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފުލުހުން ފޮނުވި އެވެ. އެކަމަކު، ހެކި ނެތުމުގެ ސަބަބުން އެ ދެ މީހުންނާ ދެކޮޅަށް ދައުވާއެއް ނުކުރެ އެވެ.
އަރުހަމްގެ މަރު:ހައިކޯޓުގެ ހުކުމް އަނެއްކާ ފަސްކޮށްފި
ގާސިމްގެ ގާތިލް އަދުހަމް މަރަން ހުކުމްކޮށްފި
ޒިޔަދަމް މަރު: އެކަކު މަރަން ހުކުމް ކޮށްފި
ސާލިމް މަރަން ކުރި ހުކުމް ކަށަވަރުކުރަން ހައިކޯޓަށް
ބޮބީގެ މަރު:ދެ މީހަކު ކުށްވެރި، އެކަކަށް ސާބިތެއްނުވި
އަރުހަމް މަރާލި މައްސަލައިގެ ހުކުމް މިރޭ
ލަމްހާ އަނެއްކާވެސް ދޫކޮށްލުމުން ޕީޖީން ހައި ކޯޓަށް
ޝަރުތުތަކާ އެކު ލަމްހާ އަނެއްކާވެސް ދޫކޮށްލައިފި
ޝަހުމް މަރަން ކުރި ހުކުމް ދަމަހައްޓަން އެދިއްޖެ
ޝަހުމް މަރަން ހުކުމްކުރި މައްސަލަ ސުޕްރީމްކޯޓުން ފަށަނީ