Roadha Mihaaru
މިިދިޔަ ހަފްތާގައި 100އަށް ވުރެ ގިނަ ވެހިކަލް ޓޯކުރި

ގަވާއިދާ ހިލާފަށް ޕާކު ކުރި 100 އަށް ވުރެ ގިނަ ވެހިކަލް މިދިޔަ ހަފްތާގައި ޓޯކުރި

06 އޮކްޓޯބަރ 2019

ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުރި 100 އަށް ވުރެ ގިނަ ވެހިކަލް މިދިޔަ ހަފްތާގައި ޓޯކުރި ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުރި 100 އަށް ވުރެ ގިނަ ވެހިކަލް މިދިޔަ ހަފްތާގައި ޓޯކުރި ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

ޓްރެފިކް ފުލުހުން އަންނަނީ ކޮންމެ ހަފުތާއެއްގައި އެތަނުން ކުރި މަސައްކަތުގެ ތަފްސީލު ހާމަކުރަމުންނެވެ. މިިދިޔަ މަހުގެ 28 އިން ފެށިގެން މިދިޔަ ހުކުރު ދުވަހާ ހަމައަށް އެތަނުން 105 ވެހިކަލް ޓޯކުރި އިރު، އޭގެ ކުރީ ހަފްތާގައި ޓޯކޮށްފައި ވަނީ 75 އުޅަނދެކެވެ.

ގަވާއިދާ ހިލާފަށް އުޅަނދު ޕާކުކުރުން އާންމުވެފައި ވެފައި ވާތީ އެކަމަށް ހާއްސަ ސަމާލުކަމެއް ދީ، މާލޭގެ ތިން ސަރަހައްދެއްގައި ޕާކުކުރުން ފުލުހުން ވަނީ މަނާކޮށްފަ އެވެ. އަދި އެ ސަރަހައްދުތަކުގައި ޕާކުކޮށްފި ނަމަ ޓޯކުރާނެ ކަމަށް ވެސް އެތަނުން ވަނީ ބުނެފަ އެވެ.

ފުލުހުން މިއަދު ކުރި ޓްވީޓެއް

ފުލުހުން ބަލާ ފާސްކުރި ވެހިކަލްގެ އަދަދު ވެސް މިދިޔަ ހަފްތާ ގިނަ އެވެ. މިދިޔަ ހަފްތާގައި އެތަނުން 1332 އަށް ވުރެ ގިނަ ވެހިކަލް ފާސްކޮށްފައިވާ އިރު، އޭގެ ކުރީ ހަފްތާގައި ފާސްކޮށްފައި ވަނީ އެންމެ 196 އުޅަނދެކެވެ.

އެ ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ހަފްތާގައި 44 މަގުމަތީ އެކްސިޑެންޓެއް ހިނގި އެވެ. އަދި ފަސް މީހަކު އަނިޔާވި ކަމަށް ވެސް ފުލުހުން ބުންޏެވެ.

މިދިޔަ ދެ ހަފްތާ އަށް ބަލާ އިރު، ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުރި ވެހިކަލްތަކުގައި ސްޓިކާ ޖަހާފައި ވަނީ ގާތްގަނޑަކަށް އެއް އަދަދަކެވެ. މިދިޔަ ހަފްތާގައި އެތަނުން ސްޓިކާ ޖެހީ 458 ވެހިކަލްގަ އެވެ. އޭގެ ކުރީ ހަފްތާގައި 481 ވެހިކަލްގައި ސްޓިކާ ޖަހާފައިވާ ކަމަށް އެތަނުގެ ހިސާބުތަކުން ދައްކަ އެވެ.

ލައިސެންސް ނެތް 94 މީހަކު މިދިޔަ ހަފްތާ ފުލުހުން ހިފެހެއްޓި އިރު، ލައިސަންސް ކާޑު ނުލާ ދުއްވި 56 މީހަކު ވެސް އެތަނުން ވަނީ ހިފަހައްޓާފަ އެވެ. ސައިކަލް ދުއްވި ކުޑަ ދެކުދިން ހިފަހައްޓާފައިވާ ކަމަށް ފުލުހުން ވެސް ބުންޏެވެ.

މި ކަންކަމުގެ އިތުރުން، ހެލްމެޓް ނާޅާ ދުއްވުމާއި ފޯނު ނުވަތަ ހެޑް ސެޓް ޖަހައިގެން ދުއްވުމާއި ގަވާއިދާ ހިލާފަށް ވެހިކަލްތަކުގައި މުދާ އުފުލުމުގެ މައްސަލަތަކާއި ދުންފަތުގެ އިސްތިއުމާލު ކުރަމުން ދުއްވުމުގެ ބައެއް މައްސަލަތައް ވެސް މިދިޔަ ހަފުތާގައި ފާހަގަކުރެވެ އެވެ.