Roadha Mihaaru

ހުޅުމާލޭން 787 ވެހިކަލް ޓޯ ކުރި، ގިނައީ އެހެން ޒޯނުތަކުގެ ވެހިކަލް

މަގުމަތީ ބަހައްޓާފައި ހުންނަތާ ގިނަ ދުވަސްވެފައި ހުރި ވެހިކަލްތަކާއި ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް މަގުތަކުން ނަގަން ހިންގި ޕްރޮގްރާމްގައި 787 ވެހިކަލެއް ޓޯކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި ގިނައީ އެހެން ޒޯންތަކަށް ރަޖިސްޓްރީކޮށްފައި ވެހިކަލް ކަމަށް ފުލުހުން ބުނެފި އެވެ.

އެންމެ ގިނައިން ޓޯކުރީ އެހެން ޒޯންތަކުގެ ވެހިކަލް
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

12 ޑިސެމްބަރ 2025

މަގުމަތީ ބަހައްޓާފައި ހުންނަތާ ގިނަ ދުވަސްވެފައި ހުރި ވެހިކަލްތަކާއި ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް މަގުތަކުން ނަގަން ހިންގި ޕްރޮގްރާމްގައި 787 ވެހިކަލެއް ޓޯކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި ގިނައީ އެހެން ޒޯންތަކަށް ރަޖިސްޓްރީކޮށްފައި ވެހިކަލް ކަމަށް ފުލުހުން ބުނެފި އެވެ.

ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ގަވާއިދާ ހިލާފަށް ބަހައްޓާފައި ހުރި ވެހިކަލްތައް ނެގުމުގެ މަސައްކަތް ފުލުހުން ފެށީ މި މަހު ހަވަނަ ދުވަހު އެވެ. އެ ވެހިކަލްތައް ނެގުމުގެ ޕްރޮގްރާމް ފެށުމުގެ ކުރިން ފުލުހުން ވަނީ ހުޅުމާލެ 1 އަދި 2 ގެ މަގުތަކުގައި ހުރި އެފަދަ ވެހިކަލްތައް ނަގަން އަންގައިފަ އެވެ.

ވެހިކަލްތައް ނެގުމުގެ މަސައްކަތް ނިންމާލުމަށް ފަހު ފުލުހުން މިއަދު އާންމުކުރި މައުލޫމާތުގައިވާ ގޮތުން ޓޯކުރި 787 ވެހިކަލްގެ ތެރޭގައި ގިނައީ މާލޭ ޒޯން ނޫން އެހެން ޒޯންތަކަށް ރަޖިސްޓްރީކޮށްފައިވާ ވެހިކަލްތަކެވެ.

ފުލުހުން ވެހިކަލްތަކެއް ޓޯކޮށްގެން ގެންދަނީ. -- ފޮޓޯ: ޕޮލިސް

ފުލުހުން ވެހިކަލްތަކެއް ޓޯކޮށްގެން ގެންދަނީ. -- ފޮޓޯ: ޕޮލިސް

އޭގެ ތެރޭގައި ހިމެނެނީ:

- ރަޖިސްޓްރީކޮށްފައިވާ ޒޯނާ ނުގުޅޭ ބޯޑު ހުރި 252 އުޅަނދު

- ރަޖިސްޓްރީނުކޮށް ނުވަތަ ބޯޑު ނެތި މަގުމަތީގައި ހުރި 186 އުޅަނދު

- މަގުމަތީގައި އަޅާނުލާ ދޫކޮށްލާފައި ހުރި 349 އުޅަނދު

ފުލުހުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ޓޯކުރި ހުރިހާ އުޅަނދެއް ވެސް ގެންދިޔައީ ތިލަފުއްޓަށެވެ.

ވެހިކަލްތައް ދޫކުރަނީ އެ އުޅަނދެއްގެ ވެރިފަރާތުން ދައްކަންޖެހޭ ހުރިހާ ޓްރެފިކް ޖޫރިމަނާއެއް ދެއްކުމުން ކަމަށާއި ވެހިކަލްތައް ދޫކުރުމުގެ މަސައްކަތް ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނުން ކުރާނެ ކަމަށް ބުނެފައިވެ އެވެ. ޖޫރިމަނާތައް ދެއްކުމުން އެ ސްޓޭޝަނުން ދޫކުރާ ސްލިޕާ އެކު ތިލަފުއްޓަށް ގޮސް އުޅަނދު ގެންދެވޭނެ އެވެ.

ފުލުހުން ބުނީ ޓޯ ކުރާ އުޅަނދުތަކުގެ ތެރެއިން ވެރިފަރާތުން ނުގެން ގޮސް ހުންނަ އުޅަނދުތަކާ މެދު އަމަލުކުރާ އުސޫލުގެ ދަށުން، އެ ވެހިކަލްތަކުގެ މައުލޫމާތު އިއުުލާންކޮށް އުޅަނދުތަކާ ހަވާލުވުމަށް 60 ދުވަހުގެ މުއްދަތެއް ދިނުމަށް ފަހު ނުގެންދާ ނަމަ ނައްތާލާނެ އެވެ.

ބޮޑުތަކުރުމަގު ފުޑް ކޯޓު ސަރަހައްދުގައި ޕާކް ކޮށްފައިވާ ކާރެއް، ފުލުހުންގެ ޓޯއަށް ހާއްސަކޮށްފަައިވާ އުޅަނދު ބޭނުންކޮށްގެން ނަގަނީ.-- ފޮޓޯ: ޕޮލިސް

ބޮޑުތަކުރުމަގު ފުޑް ކޯޓު ސަރަހައްދުގައި ޕާކް ކޮށްފައިވާ ކާރެއް، ފުލުހުންގެ ޓޯއަށް ހާއްސަކޮށްފަައިވާ އުޅަނދު ބޭނުންކޮށްގެން ނަގަނީ.-- ފޮޓޯ: ޕޮލިސް

މާލެ ސަރަހައްދުގައި ނުގަވައިދުން ޕާކުކުރާ މައްސަލަ ބޮޑެވެ. އެހެންވެ ފުލުހުން ގެންދަނީ ޓޯކުރުމުގެ މަސައްކަތް ދޭތެރެ ދޭތެރެއިން ކުރަމުންނެވެ. އެކަމަކު މިއީ މިހާތަނަށް އެއްފަހަރާ އެންމެ ގިނަ ވެހިކަލް ޓޯކުރި ފަހަރެވެ.