Roadha Mihaaru
ލަންކާގެ ރިޔާސީ އިންތިޚާބުގައި 35 ކެންޑިޑޭޓުން

ލަންކާގެ ރިޔާސީ އިންތިޚާބުގައި 35 ކެންޑިޑޭޓުން

07 އޮކްޓޯބަރ 2019

ކޮލަމްބޯ (އޮކްޓޯބަރު 7) - އަންނަ މަހު 16 ވަނަ ދުވަހު ބާއްވާ ސްރީ ލަންކާގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ރެކޯޑް އަދަދެއް ކަމަށްވާ 35 ކެންޑިޑޭޓުން ހުށަހަޅާފައިވާ ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކޮލަމްބޯ (އޮކްޓޯބަރު 7) - އަންނަ މަހު 16 ވަނަ ދުވަހު ބާއްވާ ސްރީ ލަންކާގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ރެކޯޑް އަދަދެއް ކަމަށްވާ 35 ކެންޑިޑޭޓުން ހުށަހަޅާފައިވާ ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފި އެވެ.

ދެހާސް ދިހަ ވަނަ އަހަރުގެ އިންތިޚާބުގައި ވާދަކޮށްފައި ވަނީ 22 ކެންޑިޑޭޓުންނެވެ.

ކޮމިޝަންގެ ޗެއާމަން މަހިންދާ ޑެޝަޕްރިޔާ ވިދާޅުވީ އިންތިޚާބުގައި ވާދަކުރުމަށް އެދި 41 ފަރާތަކުން ޑިޕޮސިޓް ބެހެއްޓި ކަމަށެވެ. އޭނާ ވިދާޅުވީ މި އަހަރުގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ އަދަދު އިތުރުވުން ބައެއް ދަތިތައް ދިމާވާނެ ކަމަށެވެ. އަދި އެކަމަށް ހައްލު ހޯދަން އިލެކްޝަންސް ކޮމިޝަނަށް އިތުރު މުވައްޒަފުން ހޯދާނެ ކަމަށް ވިދާޅުވި އެވެ. އިންތިޚާބަށް ކޮމިޝަނުން ވަނީ 400 މިލިއަން ރުޕީސްގެ ބަޖެޓެއް ކަނޑައަޅައިފަ އެވެ.

އިންތިޚާބުގައި ސިޔާސީ ޕާޓީތަކުން ނުކުންނަ ކެންޑިޑޭޓުންގެ އިތުރުން ގިނަ އަދަދެއްގެ އަމިއްލަ ކެންޑިޑޭޓުން ވެސް ވާދަކުރެ އެވެ. ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ) ގެ ކެންޑިޑޭޓެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ޕާޓީގެ ޑިޕިއުޓީ ލީޑަރު ސަޖިތު ޕްރަމަދާސާ އެވެ. އަދި ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާގެ ސްރީ ލަންކާ ޕޮޑުޖަނާ ޕެރަމުނާ (އެސްއެލްޕީޕީ) ގެ ކެންޑޭޓަކީ ގޯޓާބޭ ރާޖަޕަކްސާ އެވެ.

ދެ ވަނަ ދައުރަކަށް ވާދަނުކުރެއްވުމަށް ރައީސް މައިތުރިޕާލާ ސިރިސޭނާ ވަނީ ނިންމަވައިފަ އެވެ. މިއީ ލަންކާގައި 1978 ވަނަ އަހަރު ރިޔާސީ ނިޒާމް ތައާރަފްކުރި ފަހުން ސްރީ ލަންކާ ފްރީޑަމް ޕާޓީ (އެސްއެލްއެފްޕީ) އިން ކެންޑިޑޭޓަކު ނުނެރޭ ފުރަތަމަ ފަހަރެވެ.

އިންތިޚާބަށް ކުރިމަތިލި ފަރާތްތަކުގެ ތެރޭގައި ބުޑިސްޓް ދެ ކެންޑިޑޭޓުން، މުސްލިމް ކޮމިއުނިޓީން ހަތަރު ކެންޑިޑޭޓުން އަދި ތަމަޅައިންގެ ދެ ކެންޑިޑޭޓުން ހިމެނެ އެވެ. އިންތިޚާބަށް ކުރިމަތިލާފައި ވަނީ އެންމެ އަންހެން ކެންޑިޑޭޓެކެވެ.

ލަންކާގެ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައި ވަނީ 15.99 މިލިއަން މީހުންނަށެވެ.