Roadha Mihaaru
"މަމް އެންޑް ބޭބީ" އެޕް؛ މާބަނޑު މީހުންނަށް ލުޔެއް

"މަމް އެންޑް ބޭބީ" އެޕް؛ މާބަނޑު މީހުންނަށް ލުޔެއް

08 އޮކްޓޯބަރ 2019

މާބަނޑު ދުވަސްވަރު ދިމާވާ ހުރިހާ ހާލަތެއް ދެނެގެވޭ ގޮތަށް ފަރުމާކޮށް މިދިޔަ އަހަރު ޕައިލެޓް ސްކީމެއްގެ ގޮތުގައި ބޭނުންކުރަން ފެށި އިނގިރޭސިވިލާތުގެ ނެޝަނަލް ހެލްތު ސާވިސް (އެންއެޗްއެސް) ގެ މޮބައިލް އެޕް "މަމް އެންޑް ބޭބީ" އެޕްގެ ކާމިޔާބީ އަށް ފަހު އެ އެޕް ރަސްމީކޮށް ބޭނުންކުރަން ތައްޔާރުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މާބަނޑު ދުވަސްވަރު ދިމާވާ ހުރިހާ ހާލަތެއް ދެނެގެވޭ ގޮތަށް ފަރުމާކޮށް މިދިޔަ އަހަރު ޕައިލެޓް ސްކީމެއްގެ ގޮތުގައި ބޭނުންކުރަން ފެށި އިނގިރޭސިވިލާތުގެ ނެޝަނަލް ހެލްތު ސާވިސް (އެންއެޗްއެސް) ގެ މޮބައިލް އެޕް "މަމް އެންޑް ބޭބީ" އެޕްގެ ކާމިޔާބީ އަށް ފަހު އެ އެޕް ރަސްމީކޮށް ބޭނުންކުރަން ތައްޔާރުވެއްޖެ އެވެ.

މި އެޕް ގޫގުލް އާއި އެޕަލް ސްޓްރޯނުން ޑައުންލޯޑް ކުރެވޭނެ އެވެ.

އެންއެޗްއެސް އިން ބުނިގޮތުގައި "މަމް އެންޑް ބޭބީ" މާބަނޑު ދުވަސްވަރު އަންހެނުންގެ ސިއްހީ ހާލަތާއި ބަނޑުގައި އޮންނަ ދަރިފުޅުގެ ސިއްހީ ހާލަތު ވެސް ގޭގައި ހުރެގެން ކޮންމެ ވަގުތަކު ވެސް ދެނެގަނެވޭ ގޮތަށް ތައްޔާރުކޮށްފައިވާ އެޕެކެވެ.

މި އެޕް މިދިޔަ އަހަރު ތަރުޖިބާކުރުމުގެ މަރުހަލާގައި 100،000 މީހުންނާ އެކު އިއުލާންކުރީ މިދިޔަ އަހަރު އެވެ.

އެންއެޗްއެސް އިން ބުނީ އަމާޒަކީ "މަމް އެންޑް ބޭބީ" އިނގިރޭސިވިލާތުގެ މާބަނޑު ހުރިހާ އަންހެނުން ބޭނުންކުރާ އެއްޗަކަށް ހަދައި އެ އެޕް ބޭނުންކުރާ މީހުންގެ އަދަދު އަހަރަކު މަދުވެގެން 650،000 އެރުވުން ކަމަށެވެ. އަދި 2024 އާ ހަމައަށް އަންނަ އިރު އެ އެޕަކީ ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް މާބަނޑު މީހުން ބޭނުންކުރާ އެއްޗަކަށް ހެދުމަށް އެންއެޗްއެސް އިން ވަނީ އަމާޒުހިފައިފަ އެވެ.

"މަމް އެންޑް ބޭބީ" އަކީ މާބަނޑުވާ ހިސާބުން ފެށިގެން ގޮސް ވިހެއުމާ ހަމައަށް އަންހެންނަށް ބޭނުންވާ ހުރިހާ އެހީއެއް ފަސޭހައިން ފޯރުކޮށްދޭނެ އެޕެކެވެ. އޭގެ ތެރޭގައި ލޭގެ ޕްރެޝަރު ރިކޯޑްކުރުމާއި ދަރިފުޅުގެ ހަރަކާތްތަކާއި ދަރިފުޅުގެ ސިއްހީ ހާލަތު ދެނެގަނެވުމާއި އަމިއްލަ އަށް ސްކޭން ފޮޓޯނަގައި ސިއްހީ ހިދުމަތް ހޯދާ ތަނަކާ މައުލޫމާތު ހިއްސާކޮށް ބޭނުންވާ އެހީ ހޯދުން ހިމެނެ އެވެ.

އެންއެޗްއެސްގެ ޗީފް މިޑްވައިފްރީ އޮފިސަރު ޖެކްލިން ޑަންކްލީ ބެންޓް ވިދާޅުވީ "މަމް އެންޑް ބޭބީ" އެޕްގެ އެންމެ ފަަސޭހަކަމަކީ މާބަނޑު ދުވަސްވަރު ބޭނުންވާނެ ފަރުވާތައް ގޭގައި ހުރެގެން ދެނެގަނެވުމެވެ. އަދި މީގެ ސަބަބުން މާބަނޑު ދުވަސްވަރު ކުރުމަތިވާ އެކި ކަހަލަ މައްސަލަތައް ކޮންޓްރޯލްކުރެވޭނެ ކަމަށް ވިދާޅުވި އެވެ.

ބެންޓް ވިދާޅުވި ގޮތުގައި މި އެޕްގެ އެހީގައި މާބަނޑު ދުވަސްވަރު ދިމާވާ ސިއްހީ މައްސަލަތަކުގައި މަރުވާ ކުދިންގެ އަދަދު 2025 އާ ހަމައަށް އަންނަ އިރު މަދުވެގެން 4،000 އަށް ދަށްކުރެވޭނެ އެވެ.

"މާބަނޑު ދުވަސްވަރުގެ ހުރިހާ ހާލަތެއްގެ މައުލޫމާތު ޑިޖިޓަލްކޮށް ފަސޭހަކަމާ އެކު ދަނެގެވުމަކީ މައިމީހާއަށާއި އާއިލާ އަށް ވެސް ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމަކަށް ވާނެ،" އޭނާ ވިދާޅުވި އެވެ.

އެންއެޗްއެސް އިން އެކުލަވާލާފައިވާ ދިގު މުއްދަތުގެ ޕްލޭނުގެ ތެރެއިން ކުރިއަށް ގެންދާ "ޑިޖިޓަލް މެޓަނިޓީ ޕްރޮޖެކްޓް" ގެ ދަށުން މާބަނޑު މީހުންގެ ދުޅަހެޔޮކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަން ވަނީ ރާވައިފަ އެވެ.