Roadha Mihaaru
ތުއްތު ކުދިން ރީނދޫވާ ނަމަ ދެނެގަނެވޭ އެޕެއް

ތުއްތު ކުދިން ރީނދޫވާ ނަމަ ދެނެގަނެވޭ އެޕެއް

04 މާޗް 2020

އުފަންވާ އިރު ކުދިން ރީނދޫވާ ނަމަ އެކަން ދެނެގަނެވޭނެ އެޕެއް އިނގިރޭސިވިލާތުގެ ޑޮކްޓަރުންގެ ޓީމަކުން ހަދައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އުފަންވާ އިރު ކުދިން ރީނދޫވާ ނަމަ އެކަން ދެނެގަނެވޭނެ އެޕެއް އިނގިރޭސިވިލާތުގެ ޑޮކްޓަރުންގެ ޓީމަކުން ހަދައިފި އެވެ.

ރީނދޫވުމުގެ އެންމެ ނުރައްކާތެރި ހާލަތުގައި ސިކުނޑި އަށް ނިއުރޯޓޮކްސިކްގެ އަސަރުކޮށް ސެރެބަލްޕަލްސީ އާއި ހެދިބޮޑުވުމަށް ހުރަސް އެޅުމާއި އަޑުއިވުމުގެ ހިއްސު ވެސް ގެއްލުމުގެ ފުރުސަތު ބޮޑުވާ ކަމަށް ދިރާސާތަކުން ދައްކަ އެވެ. ރީނދޫވެއްޖެ ނަމަ ގައިގެ ހަމާއި ލޮލުގެ ހުދު ބައި ވެސް ހުންނާނީ ގަދަ ރީނދޫކުލައެއްގަ އެވެ.

އެހެންވެ މިފަދަ ސިއްހީ މައްސަލަތަކުން ދުރާލައި ރައްކާތެރިކަން ހޯދުމަށް ތައްޔާރުކުރި އެޕަކީ ޔުނިވަސިޓީ ކޮލެޖް ލަންޑަނާއި ޔުނިވަސިޓީ ކޮލެޖް ލަންޑަން (ޔޫސީއެލް) ގެ ޓީމަކުންކޮށްފައިވާ މަސައްކަތެކެވެ. އަދި މި އެޕް މިހާރު ވަނީ ޓެސްޓް ވެސްކޮށްފަ އެވެ.

ޓެސްޓްތަކުން ދައްކާ ގޮތުގައި އެޕްގެ އެހީގައި ވަރަށް ފުރިހަމަ އަށް އުފަންވާ ކުދިންގެ ކިބައިން ރީނދޫވުމުގެ އެއްވެސް އަލާމާތެއް ފެންނަ ނަމަ އެކަން ވަރަށް ފަސޭހައިން ދެނެގަނެވެ އެވެ. އަދި މިކަމުގެ ސަބަބުން ވީހާ ވެސް އަވަހަކަށް ފަރުވާ ފަށައި ރައްކާތެރި ފިޔަވަޅު އެޅުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް އެޕް އުފެއްދި ޓީމުން ބުންޏެވެ.

އެޕް އުފެއްދި ޓީމްގައި އިސްކޮށް މަސައްކަތްކުރެއްވި ޔޫސީއެލްގެ ޑރ. ޓެރެންސް ލިއުންގް ވިދާޅުވީ އާންމުކޮށް ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް މި ކަމަށް ޓެސްޓް ހަދަނީ ކުދިންގެ ލޮލަށް ބަލައިގެން ކަމަށް ވިޔަސް އެއީ އެކަން ދެނެގަނެވޭނެ އެންމެ ފުރިހަމަ ގޮތް ނޫން ކަމަށެވެ.

"އެކަމަކު އަހަރެމެން އުދެއްދި ސްމާޓް އެޕަކީ ރީނދޫވުމުގެ އެއްވެސް އަލާމާތެއް ހުރި ނަމަ އެކަން މާ ފަސޭހައިން ދެނެގަނެވޭ ގޮތަށް ފަރުމާކޮށްފައިވާ އެޕެއް. މީގައި ލޭގެ ޓެސްޓް ވެސް މުހިއްމު ރޯލެއް ކުޅޭނެ،" އޭނާ ވިދާޅުވި އެވެ.

ނަމެއް އަދި ދީފައި ނުވާ މި އެޕް މިހާރު އަންނަނީ ރަސްމީކޮށް ގާނާގައި ޓެސްޓްކުރަމުންނެވެ. ނަމަވެސް މި އެޕް އާންމުކޮށް ބޭނުންކުރަން ދޫކޮށްލާނެ އިރެއް އަދި ހާމައެއްނުކުރެ އެވެ.

މީގެ ތިން އަހަރު ކުރިން އެމެރިކާގެ ވޮޝިންޓަން ޔުނިވަސިޓީން ވަނީ ކެންސަރު ބަލީގެ މީހުން ރީނދޫވުމުން ރައްކާތެރިކޮށްދޭން ވެސް މިފަދަ އެޕެއް އުފައްދައިފަ އެވެ.