Roadha Mihaaru
އިންތިޚާބު ކާމިޔާބުކުރީ ރާޖަޕަކްސާގެ އެސްއެލްޕީޕީ

ލަންކާގެ އިންތިޚާބު ކާމިޔާބުކުރީ ރާޖަޕަކްސާގެ އެސްއެލްޕީޕީ

07 އޯގަސްޓް 2020

ކޮލަމްބޯ (އޮގަސްޓް 7) - ސްރީ ލަންކާގައި ބުދަ ދުވަހު ބޭއްވި އާއްމު އިންތިޚާބު ކާމިޔާބުކޮށްފައި ވަނީ ވެރިކަން ކުރާ ސްރީ ލަންކާ ޕޮޑުޖުނާ ޕެރަމުނާ (އެސްއެލްޕީޕީ) އިން ކަމަށް ރައީސް ގޮޓާބޯ ރާޖަޕަކްސާ އިއުލާން ކުރައްވައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކޮލަމްބޯ (އޮގަސްޓް 7) - ސްރީ ލަންކާގައި ބުދަ ދުވަހު ބޭއްވި އާއްމު އިންތިޚާބު ކާމިޔާބުކޮށްފައި ވަނީ ވެރިކަން ކުރާ ސްރީ ލަންކާ ޕޮޑުޖުނާ ޕެރަމުނާ (އެސްއެލްޕީޕީ) އިން ކަމަށް ރައީސް ގޮޓާބޯ ރާޖަޕަކްސާ އިއުލާން ކުރައްވައިފި އެވެ.

މިހާތަނަށް އިއުލާންކުރި ނަތީޖާތަކަށް ފަހު ގޯޓާބޭ ވިދާޅުވީ އެމަނިކުފާނުގެ ސިޔާސަތުތައް ތަންފީޒް ކުރަން ވަރުގަދަ ޕާލަމެންޓެއް ގާއިމްކުރައްވާނެ ކަމަށެވެ.

ވޯޓުގެ ބޮޑުބައެއް ގުނައި ނިމުނުއިރު އެސްއެލްޕީޕީ އުޅެނީ އެވްރެޖްކޮށް 70 ޕަސެންޓް ކުރީގަ އެވެ. ދެ ވަނައިގައި އުޅެނީ ކުރީގެ އިދިކޮޅު ލީޑަރު ސަޖިތު ޕްރެމަދާސާ އުފެއްދެވި ސަމަގީ ޖަނާ ބަލަވެގަޔާ (އެސްޖޭބީ) އެވެ. ޖޭވީޕީގެ ލީޑަރު އަނޫރާ ކުމާރަ ޑިސަނައިކަގެ ޖަތިކަ ޖަނާ ބަލަވެގަޔާ (ޖޭބީބީ) ތިން ވަނައިގައި އުޅޭއިރު ހަތަރު ވަނަ ލިބިފައި ވަނީ ކުރީގެ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަގެ ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ) އަށެވެ.

ތަޖްރިބާކާރުން ބުނަމުން ދިޔައީ މި ފަހަރުގެ އިންތިޚާބުގައި ބޮޑުވަޒީރު މަހިންދާ ރާޖަޕަކްސާ އާއި ރައީސް ގޯޓާބޭ ރާޖަޕަކްސާގެ ޕާޓީން 225 ގޮނޑި ހިމެނޭ ޕާލަމެންޓުގެ ތިންބައިކުޅަ ދެބައި އަޣުލަބިއްޔަތު ހޯދާނެ ކަމަށެވެ.

ކޮރޯނާވައިރަސް ފެތުރޭތީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު ކުރިއަށް ގެންދިޔަ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 16.23 މިލިއަން މީހުންގެ 70 ޕަސެންޓް މީހުން ވޯޓުލި އެވެ. އިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާންކުރާނީ ހުކުރު ދުވަހު އެވެ.