Roadha Mihaaru
އީޔޫގެ ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމުކުރަނީ

އީޔޫގެ ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމުކުރަން މަަސައްކަތްކުރާނަން: ފައްޔާޒް

09 އޮކްޓޯބަރ 2019

ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ގައުމުތަކުގެ ވިޔަފާރިތަކަށް ފަހި އަދި ރައްކާތެރި މާހައުލެއް ރާއްޖޭގައި ގާއިމުކުރަން ސަރުކާރުން މަސައްކަތްކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް މިއަދު ވިދާޅުވެއްްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ގައުމުތަކުގެ ވިޔަފާރިތަކަށް ފަހި އަދި ރައްކާތެރި މާހައުލެއް ރާއްޖޭގައި ގާއިމުކުރަން ސަރުކާރުން މަސައްކަތްކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް މިއަދު ވިދާޅުވެއްްޖެ އެވެ.

އީޔޫ އާއި ރާއްޖޭން އިއްޔެ ބޭއްވި ވަށްމޭޒު ޖަލްސާ އަށް ފަހު ނެރުނު ގުޅިފައިވާ ބަޔާނުގައި ފައްޔާޒު ވިދާޅުވީ އީޔޫ އަކީ ރާއްޖޭގެ މުހިއްމު ބައިވެރިއެއް ކަމަށާއި މިފަހަރުގެ މަޝްވަރާތަކަކީ އީޔޫއާ އެކު އެޅުނު ފުރަތަމަ ފިޔަވަޅު ކަމަށެވެ. އީޔޫ އާއި ރާއްޖެއާ ދެމެދު އޮންނަ ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ޕްލެޓްފޯމެއް ގާއިމުކުރަން އުއްމީދުކުރާ ކަމަށް ހަމަ އެ ބަޔާނުގައި އީޔޫ އިން ބުންޏެވެ.

"އީޔޫ އަކީ ދިވެހިރާއްޖެ އަށް މުހިއްމު ބައިވެރިއެއް އަދި އަޅުގަނޑުމެންގެ ފުރަތަމަ މަޝްވަރާތަކުގައި އުފެއްދި ޑަޔަލޮގަކީ ދެފަރާތުގެ ގުޅުން އިތުރަށް ބަދަހިކުރަން ކުރާ ގިނަ މަސައްކަތްތަކެއްގެ ތެރެއިން ފުރަތަމަ ފިޔަވަޅު،" ފައްޔާޒް ވިދާޅުވި ކަމަށް ބަޔާނުގައިވެ އެވެ.

"އިންވެސްޓިން އިން ދަ މޯލްޑިވްސް" މި ޝިއާރުގެ ދަށުން ރާއްޖެ އާއި އީޔޫ އިން ހޮޓެލް ޖެންގައި ބޭއްވިި ބައްދަލުވުމުަގައި އީޔޫގެ ފަރާތުން ބައިވެރިވި ވަފުދުގެ ވެރިޔަކީ އެޖަމާއަތުން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޓުންގް ލައި މާގް އެވެ. ރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނެވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒެވެ.

ބައްދަލުވުމުގައި ގިނަ މިނިސްޓްރީތަކަކުން އިސް ބޭފުޅުން ބައިވެރިވެވަޑައިގެން އެ މިނިސްޓްރީތަކާ ގުޅޭ ދާއިރާތަކާ ބެހޭ ޕްރެޒެންޓޭޝަންތައް ހުށަހެޅުއްވި އެވެެ.

ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ ބޭފުޅުންގެ ތެރޭގައި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް، ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު، ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު، ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު އަދި އެންވަޔަރްމެންޓް މިނިސްޓަރު ހުސައިން ރަޝީދު ހަސަން ހިމެނެ އެވެ.

އީޔޫއާ ރާއްޖޭން ވިޔަފާރީގެ ގުޅުން ބަދަހިކުރުުމުގެ ގޮތުން ކޮންމެ އަހަރަކު މިފަދަ ބައްދަލުވުންތައް ބާއްވަން ދެފަރާތުން ކުރިން ވަނީ އެއްބަސްވެފަ އެވެ.