Roadha Mihaaru
އީޔޫގެ އެހީ ޓޫރިޒަމްގެ ކުދި ވިޔަފާރިތަކަށް

އީޔޫއިން ދޭ ހިލޭ އެހީއަށް އެދުމުގެ ފުރުސަތު ޓޫރިޒަމްގެ ކުދި ވިޔަފާރިތަކަށް ހުޅުވާލައިފި

15 ޑިސެމްބަރ 2021

ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ކުދި ވިޔަފާރިތައް ކުރިއެރުވުމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ދޭ ހިލޭ އެހީއަށް އެދި ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ކުދި ވިޔަފާރިތައް ކުރިއެރުވުމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ދޭ ހިލޭ އެހީއަށް އެދި ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

"އީޔޫ ސަޕޯޓް ފޯ ރެޒިލިއަންޓް ރިކަވަރީ އޮފް އެސްއެމްއީ ޓޫރިޒަމް އިންޑަސްޓްރީ އިން ދަ މޯލްޑިވްސް" ޕްރޮޖެކްޓުގެ ދަށުން އީޔޫ އިން ވަނީ ރާއްޖެ އަށް ދެ މިލިއަން ޔޫރޯ (34.7 މިލިއަން ރުފިޔާ) ގެ ހިލޭ އެހީ ދޭން ނިންމައިފަ އެވެ. މީގެ ތެރެއިން 1.4 މިލިއަން ޔޫރޯ (24 މިލިއަން ރުފިޔާ) އަށް އެދުމުގެ ފުރުސަތު މިހާރު ވަނީ ޓޫރިޒަމް ދާއިރާގެ ކުދި ވިޔަފާރިތަކަށް ހުޅުވާލައިފަ އެވެ.

މިއީ ކޮވިޑް-19ގެ ސަބަބުުން ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ކުދި ވިޔަފާރިތަކަށް މާލީ ގޮތުް ދިމާވެފައިވާ ދަތިތަކުން އަރައިގަތުމަށް ދޭ ހިލޭ އެހީއެކެވެ.

އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ، މި އެހީ ލިބޭނީ ރާއްޖޭގައި ހިންގާ ގެސްޓު ހައުސްތަކާއި ސަފާރީތަކުގެ ތެރެއިން 40 އެނދަށް ވުރެ މަދުން އޮޕަރޭޓް ކުރާ ތަންނަތަނަށް ކަމަށެވެ. އަދި ޝަރުތު ހަމަވާ ކޮންމެ ވިޔަފާރިއަކަށް އެނދުގެ ނިސްބަތުން ކޮންމެ އެނދަކަށް 2،453.76ރ. ދޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އެހީއަށް އެދޭ ވިޔަފާރިތަކުގެ ޝަރުތުތައް

- ރަޖިސްޓަރީ ކޮށްގެން ހިންގާ އަމިއްލަ ފަރުދެއް ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރިއެއް ނުވަތަ ޕާޓްނާޝިޕް ވިޔަފާރިއަކަށް ވުން.

- ގެސްޓް ހައުސް ނުވަތަ ސަފާރީ ހިންގުމުގެ ލަައިސަންސް، ޑިސެމްބަރު 2019 އަދި ޖެނުއަރީ، ފެބްރުއަރީ 2020ގައި ލިބިފައިވުން.

- އެނދުގެ އަދަދު 40 އަށް ވުރެ އިތުރު ނުވުން.

މި އެހީއަށް އެދި ހުށަހަޅާއިރު، ގެސްޓް ހައުސް ނުވަތަ ސަފާރީ ހިންގުމުގެ ލައިސަންސާއި ފާއިތުވި އެއް މަސް ދުވަހުގެ ބޭންކް ސްޓޭޓްމަންޓް ހުށަހަޅަން ޖެހޭނެ އެވެ. އެހީއަށް އެދި ހުށަހަޅަން ޖެހޭނީ އެކަމަށް ހާއްސަ ކޮށްފައިވާ ޕޯޓަލް https://eusupport.mfmc.mv/ މެދުވެރިކޮށެވެ.

އީޔޫގެ އެހީއަށް އެދި ހުށަހެޅުމުގެ ސުންގަނޑިއަކީ މޭ 31، 2022 ގެ މެންދުރު 2:00 އެވެ.