Roadha Mihaaru
ނަފުސާނީ ބަލީގެ ދުވަސް: ދިވެހިންގެ ހާލަތު ކިހިނެއް؟

ނަފުސާނީ ބަލީގެ ދުވަސް: ދިވެހިންގެ ހާލަތު ކިހިނެއް؟

10 އޮކްޓޯބަރ 2019

ތިން ކުދިންގެ މަންމައަށް އެންޒައިޓީގެ ސަބަބުން ވަނީ އުޅެން އުނދަގޫވެފަ އެވެ. މުޅި ހަތަރުދަމު އޭނާ އުޅެން ޖެހިފައި ވަނީ ބިރާއި އާދަޔާ ހިލާފު ކަންބޮޑުވުންތަކުގެ ތެރޭގަ އެވެ. ދަރިންގެ ކަންތައްތަކާއި ގޭތެރޭ ކަންކަމަށް ވެސް މާ ބޮޑު ސަމާލުކަމެއް ދެވެނީއެއް ނޫނެވެ. ފަރުވާ ހޯދަން އޭނާ ކިތަންމެހާ ވެސް ބޭނުމެވެ. ނަމަވެސް ފިރިމީހާ އެކަމަށް ހުރަސް އަޅާތީ އެކަން އޮތީނުވެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ތިން ކުދިންގެ މަންމައަށް އެންޒައިޓީގެ ސަބަބުން ވަނީ އުޅެން އުނދަގޫވެފަ އެވެ. މުޅި ހަތަރުދަމު އޭނާ އުޅެން ޖެހިފައި ވަނީ ބިރާއި އާދަޔާ ހިލާފު ކަންބޮޑުވުންތަކުގެ ތެރޭގަ އެވެ. ދަރިންގެ ކަންތައްތަކާއި ގޭތެރޭ ކަންކަމަށް ވެސް މާ ބޮޑު ސަމާލުކަމެއް ދެވެނީއެއް ނޫނެވެ. ފަރުވާ ހޯދަން އޭނާ ކިތަންމެހާ ވެސް ބޭނުމެވެ. ނަމަވެސް ފިރިމީހާ އެކަމަށް ހުރަސް އަޅާތީ އެކަން އޮތީނުވެ އެވެ.

"އޭނާ [ފިރިމީހާ] ބުނަނީ އީމާންތެރިކަން ދަށީއޭ. ގޮތް ދައްކަނިއްޔޭ،" އެ ހާލުގައި ހުރި އަންހެން މީހާއަށް ފިރިމީހާ ދިން ޖަވާބަކީ އެއީ އެވެ.

ނަފްސާނީ ބަލިތަކަށް ކުރިއަށް ވުރެ މިހާރު މީހުން ހޭލުންތެރި ނަމަވެސް އެކަން ގަބޫލުނުކުރާ ގިނަ ބަޔަކު އަދިވެސް އުޅެ އެވެ. ބައިނަލްއަގުވާމީ ނަފްސާނީ ބަލީގެ ދުވަސް މިއަދު ފާހަގަކުރާއިރު އެ ވާހަކަ ގިނައިން ދައްކަން ޖެހެ އެވެ.

ނަފްސާނީ ބަލިތައް ގަބޫލުނުކުރަން ވެގެން އެކަމާ ގުޅުން ނެތް އެކި ކަންތައްކޮށް ފަރުވާ ދިނުން ރާއްޖޭގައި އާންމެވެ. އާއިލާ މީހުންނާއި އެކުވެރިންގެ ނުފޫޒުތަކާ ހެދި ނަފްސާނީ ބައްޔަށް ފަރުވާ ހޯދޭނެ ގޮތެއް ނެތި ތިބި އެތައް ބަޔަކު ވެސް އެބަ އުޅެ އެވެ.

ނަފްސާނީ މައްސަލަތައް ދައްކުވައިދޭ ކްރެހުމެއް--

ނަފްސާނީ މައްސަލަތައް ދައްކުވައިދޭ ކްރެހުމެއް--

ކުރިއަށް ވުރެ ހޭލުންތެރިކަން ބޮޑު

ނަފުސާނީ ބަލިތަކަށް ފަރުވާ ހޯދާ މީހުން މިހާރު މަދެއް ވެސް ނޫނެވެ. މި އަހަރުގެ މާޗްމަހުގެ ނިޔަލަށް ވޭތުވެދިޔަ ހަ މަހު އައިޖީއެމްއެޗުން އެކަނި ވެސް 2،500 މީހުން ވަނީ ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދައިފަ އެވެ. އަދި އެފަދަ ބަލިތަކަށް ހާއްސަކޮށްގެން މިދިޔަ މާޗްމަހު އެ ހޮސްޕިޓަލުގައި ސެންޓަރެއް ހުޅުވިތާ މަހެއްހާ ދުވަހުގެ ތެރޭގައި 395 މީހުން ފަރުވާ ހޯދި އެވެ. ތަފާސްހިސާބު ލިބެން ހުރީ އެ ހޮސްޕިޓަލުން އެކަންޏެވެ. އަމިއްލަ ހޮސްޕިޓަލްތަކާއި ކްލިނިކްތަކުން ވެސް އެތައް ބަޔަކު އަންނަނީ ނަފުސާނީ ބަލިތަކަށް ފަރުވާ ދެމުންނެވެ.

ތިބާ ސައިކޮލޮޖީގެ ފައުންޑާ އަދި ސައިކޮލިޖިސްޓެއް ކަމަށްވާ ނަދާ ޝަރީފް ވިދާޅުވީ އުމުރުން ދޮޅު އަހަރާއި 70 އަހަރާ ދެމެދުގެ ދިވެހިން ނަފްސާނީ އެކި ބަލިތަކުގައި ފަރުވާ ހޯދަން އަންނަ ކަމަށެވެ. އޭގެ ތެރެއިން ތުއްތު ކުދިން ގިނައިން އަންނަނީ ސިކުނޑި އާއި ނާރުތައް ހެދިބޮޑުވުމަށް ދިމާވާ މައްސަލަތަކާއި ވާހަކަ ދެއްކުން ލަސްވުމާއި އޯޓިޒަމް އާއި އޭޑީއެޗްޑީ ފަދަ މައްސަލަތަކުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި އެންމެ އާންމު ނަފްސާނީ ބައްޔަކީ މާ ބޮޑަށް ބިރުގަތުމާއި ބޮޑަށް ހާސްވުން ކަމަށް ވާ އެންޒައިޓީ އެވެ. ނަދާ ވިދާޅުވި ގޮތުގައި ނުވަ އަހަރުން މަތީގެ ގިނަ އަދަދެއްގެ ދިވެހިން ދަނީ އެބަލި ތަހައްމަލް ކުރަމުންނެވެ. އެގޮތުން ބައެއް މީހުންނަށް ބޭރުތެރެއަށް ނުކުމެ އުޅެން ދަތިވެފައިވާއިރު އަނެއް ބަޔަކު އުޅެނީ ސިއްހީ މައްސަލައެއް ދިމާވެދާނެތީ ތާ އަބަދު ބިރުން ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންކަމުން، ނަދާ ގަބޫލުކުރައްވާ ގޮތުގައި، ނަފުސާނީ ގޮތުން ހާސްވުމެއްގެ ތެރޭގައި އުޅޭ ދިވެހިން ގިނަ އެވެ.

ނަދާ ވިދާޅުވި ގޮތުގައި ޒުވާންގެ ތެރޭގައި ޑިޕްރެޝަން ތަހައްމަލް ކުރަމުންދާ މީހުން ވެސް މަދެއް ނޫނެވެ. އެންމެ ގިނައިން ޑިޕްރެޝަން ކުރިމަތިވެފައިވަނީ އުމުރުން 40 އަހަރާއި 50 އަހަރާ ދެމެދުގެ އަންހެނުންނަށް ކަމަށް އޭނާ ވިދާޅުވި އެވެ.

އެ މީހުން ޑިޕްރެޝަނަށް ދިޔަ ސަބަބުތަކުގެ ތެރޭގައި ކުޑައިރު ދިމާވެފައިވާ ޖިންސީ ގޯނާ އާއި އެކި އަނިޔާތައް ހިމެނެ އެވެ. އަދި ގެވެށި އަނިޔާ އާއި ކައިވެނި ރޫޅުން ފަދަ މައްސަލަތައް ވެސް ހިމެނެ އެވެ. އޭގެ އިތުރުން، ނަދާ ވިދާޅުވި ގޮތުގައި، ފިރިމީހާ ނުވަތަ އަނބިމީހާ މަރުވުމުން ޑިޕްރެޝަނަށް ގޮސްފައިވާ ގިނަ ބަޔަކު ވެސް އުޅެ އެވެ.

ޑިޕްރެޝަނަކީ ވެސް ދިރިއުޅުމަށް އޮތް ގޮންޖެހުމެއް

ޑިޕްރެޝަނަކީ ވެސް ދިރިއުޅުމަށް އޮތް ގޮންޖެހުމެއް

މީހާގެ ހޭބުއްދިއަށް އަސަރު ކުރާ ބަލިތައް ކަމަށްވާ ބައިޕޯލާ އާއި ސިޒޮފްރޭނިއާ ވެސް ރާއްޖޭގައި އިތުރެވެ.

ނަފްސާނީ ބަލިތައް އެހާ އާންމުވަނީ ކީއްވެ؟

ރާއްޖޭގައި ނަފްސާނީ މައްސަލަތައް ކިތަންމެ އާންމު ނަމަވެސް އޭގެ ސަބަބުތައް ހޯދަން ތަފްސީލީ ދިރާސާތަކެއް އަދި ހެދިފައެއް ނެތެވެ. ކަންކަން ބަލަން ޖެހެނީ ފަރުވާ ދޭ މީހުންގެ ވާހަކަތަކަށް ބަލައިގެންނެވެ.

އެފަދަ ބަލިތައް ޖެނެޓިކްގެ ސަބަބުން ވެސް ދިމާވެދާނެ އެވެ. އެހެންކަމުން އެއީ ބައެއް ފަހަރަށް އާއިލީ ގޮތުން ވާރުތަ ކުރާނެ ބަލިތަކެވެ. އާއިލާގައި އެފަދަ ބައްޔެއް ޖެހިފައިވާ މީހެއް ހުރި ނަމަ އެހެން މީހުން އެކަމަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހެ އެވެ.

ނަދާ ވިދާޅުވި ގޮތުގައި ގިނަ ދިވެހިންނަށް ނަފްސާނީ އެކިއެކި މައްސަލަތައް ކުރިމަތިވަނީ ކުޑައިރު ދިމާވެފައިވާ ކަންކަމުގެ ސަބަބުންނެވެ. ޖިންސީ ގޯނާތަކާއި ޖިސްމާނީ އެކި އަނިޔާތަކެވެ.

"އުމުރުން 40 އަށް ވުރެ ގިނަ ދުވަސް ވެފައިވާ މީހުން ތެރަޕީތަކަށް އައިސް އެވާހަކަތައް އެ ކިޔައިދެނީ އެމީހުންގެ ހަޔާތުގައި ވެސް ފުރަތަމަ ފަހަރަށް. އެހެންވީމަ އެހުރިހާ ދުވަހު ވަރަށް ބޮޑަށް ކަންކަން ތަހައްމަލްކޮށްފައި ނޫންތޯ ހުންނާނީ،" ފަރުވާ ދެއްވާތާ ހަތް އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ ނަދާ ވިދާޅުވި އެވެ.

ބްލީގެ ޝިކާރައަކަށް ވުމާއި އެކިއެކި ޓެސްޓްތަކާ އެކު މީހާއަށް ކުރިމަތިވާ ޕްރެޝަރުތަކަކީ ވެސް ނަފްސާނީ އެކި މައްސަލަތަކަށް ހުށަހެޅޭ ކަންކަމެވެ. މި ޒަމާނުގައި ނަމަ ސޯޝަލް މީޑިއާގެ ޒަރިއްޔާއިން ކުރިމަތިވާ ދިމާކުރުންތަކުން ވެސް އެފަދަ ބަލިތަކަށް މަގުފަހިވެ އެވެ. އަދި ރޭގަނޑު ހަމަނިދި ނުނިދައި އުޅުމާއި ސިއްހަތާ ނުރަނގަޅު އާދަތަކުގެ ސަބަބުން ވެސް އެ ބައްޔަށް ހުށަހެޅެ އެވެ.

ފަރުވާއަށް ހުރަސްތަކެއް

ނަދާ ވިދާޅުވި ގޮތުގައި ފިރިމީހާގެ ނުގަބޫލުގައި ވެސް ފަރުވާއަށް އަންނަ އެތައް އަންހެނަކު އުޅެ އެވެ.

"ފިރިމީހާ ބޭނުން ނުވަނީ އޭނާގެ އަންހެނުންނަކީ ނަފްސާނީ މައްސަލައެއް ހުންނަ މީހެއް ކަމަށް ގަބޫލުކުރަން. ނަފްސާނީ މައްސަލައެއް ހުރުމަކީ މޮޔަވުން ކަމަށް ހީވާތީ ބައެއް މީހުން ނާންނަނީ،" ނަދާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ފަރުވާއަށް އެންމެ މުހިންމު ކަމަކީ ނަފްސާނީ މައްސަލައެއް ހުރިކަން ގަބޫލުކުރުމެވެ. އަދި އާއިލާ އާއި ރައްޓެހިން ވެސް އެކަން ގަބޫލުކޮށް އެމީހަކަށް އެހީތެރިވުން މުހިންމު ކަމަށް ވިދާޅުވި އެވެ.

"ގަބޫލު ނުކުރެވޭހާ އިރަކު ނާންނާނެ. އާއިލާގެ ތެރެއިން ވެސް ޖެހޭ ގަބޫލުކުރަން. ގަބޫލުކުރާ ހިސާބުން ފަރުވާ ހޯދަން އާދެވޭނީ. ރާއްޖޭގައި އަދިވެސް ގަބޫލުނުކުރާ މީހުން އެބަ ތިބި. ގިނަ މީހުން ފަރުވާއަށް ނާންނަނީ އެހެންވެ،" ނަދާ ވިދާޅުވި އެވެ.

ނަފްސާނީ މައްސަލަތަކަށް ހޯދަން ޖެހޭ އަސްލު ފަރުވާ ނުހޯދައި، ލިބިގަންނަ އެހެން ކަހަލަ ފަރުވާތަކުގެ ސަބަބުން ނަފްސާނީ ބަލި އިތުރަށް ބޮޑުވެ އެވެ. ޑޮކްޓަރުންގެ ބޭހަށް ނުވަތަ ތެރަޕީއަށް ދިއުމުގެ ބަދަލުގައި ބައެއް މީހުން ހިޔާރުކުރަނީ އަދި މުޅިން އެހެން ކަހަލަ ގޮތްތަކެކެވެ.

"އެކަންކަން ފެއިލް ވީމާ ދެން އަންނައިރު މި އޮންނަނީ މާ ބޮޑަށް ގޯސްވެފައި. ފަރުވާ ދެވޭލެއް ލަސްވީމާ އިތުރަށް އެބަ ގޯސްވޭ،" ނަދާ ވިދާޅުވި އެވެ.

އާ ސެންޓަރާ އެކު ހިލޭ ހިދުމަތް

ނަފްސާނީ ބަލީގެ މީހުންނަށް ފަރުވާދޭ ހާއްސަ ސެންޓަރެއް މިދިޔަ މާޗް މަހު އައިޖީއެމްއެޗުގައި ވަނީ ހުޅުވައިފަ އެވެ. މިއީ މި ބައްޔަށް ފަރުވާ ދިނުމަށް ހާއްސަކޮށް ރާއްޖޭގައި ހުޅުވި ފުރަތަމަ ސެންޓަރެވެ. އޭގެ ކުރިން އައިޖީއެމްއެޗްގައި ވެސް ފަރުވާ ދެމުން އައީ އެހެން ބަލިތަކަށް ފަރުވާދޭ އުސޫލުންނެވެ. ނަމަވެސް އާ ސެންޓަރާ އެކު ފަރުވާގެ ފެންވަރު ވަނީ ރަނގަޅުވެފަ އެވެ. އަދި އާސަންދައިން އެ ބައްޔަށް ހިލޭ ބޭހާއި ތެރަޕީގެ ހިދުމަތް ވެސް ލިބެ އެވެ.

އައިޖީއެމްއެޗްގެ މެންޓަލް ހެލްތު ސެންޓަރު ރައީސް ހުޅުއްވައިދެއްވަނީ: މިއީ ވަރަށް ބޮޑު ލުޔެއް -- ފޮޓޯ: ރައީސް އޮފީސް

އައިޖީއެމްއެޗްގެ މެންޓަލް ހެލްތު ސެންޓަރު ރައީސް ހުޅުއްވައިދެއްވަނީ: މިއީ ވަރަށް ބޮޑު ލުޔެއް -- ފޮޓޯ: ރައީސް އޮފީސް

ނަފްސާނީ ބަލިތަކަށް ބޭސް ދޭ ސައިކޭޓްރިސްޓުންނާއި ތެރަޕީ ދޭ ސައިކޮލިޖިސްޓުން އެސެންޓަރުގައި މަސައްކަތް ކުރެ އެވެ. ބާރު ބޮޑުކަމުން ޖާގަ ލިބެން ދުވަސްކޮޅެއް ނެގި ނަމަވެސް ދޭ ފަރުވާގެ ފެންވަރު ރަނގަޅެވެ.

ނަފްސާނީ ބަލިތަކަށް ނަގަން ޖެހޭ ތެރަޕީއަށް ކުރިން މުޅިންހެން ދާން ޖެހެނީ އަމިއްލަ ކްލިނިކްތަކަށެވެ. އަގު ބޮޑުވުމުގެ ސަބަބުން އެކަން ގިނަ މީހުންނަށް އޮންނަނީ ނުވެފަ އެވެ. އެއް ގަޑިއިރުގެ ތެރަޕީ ސެޝަނެއްގެ އަގު އާއްމުކޮށް އުޅެނީ 500ރ. އަށެވެ. ބައެއް މީހުންގެ ހާލަތު ހުންނަ ގޮތުން ހަފްތާއަކު ދެ ސެޝަން ވެސް ނަގަން ޖެހެ އެވެ. ނަމަވެސް މިހާރު ހިލޭ އެ ހިދުމަތް އައިޖީއެމްއެޗުން ލިބެ އެވެ.

އާ ސެންޓަރާ އެކު މި ބަލީގެ ފަރުވާ ކުރިއަށް ވުރެ ރަނގަޅުވިޔަސް އަދިވެސް އުނދަގޫ ގިނަ ކަންތައްތަކެއް އެބަ ހުއްޓެވެ. މާޔޫސްވުމުގެ ބައްޔަށް ޑޮކްޓަރުން ދޭ ބޭސް ފަސޭހައިން ނުލިބޭ މައްސަލަ އެވެ. ހާއްސަކޮށް ސަރުކާރުގެ މައި ކުންފުނި އެސްޓީއޯއިން ބޭސް ހުސްވެފައި ހުންނަ ދުވަސްތައް ވަރަށް ގިނަ އެވެ.

"މި ބަލިން ވާ އުނދަގުލަށް ވުރެ ބޭސް ހޯދަން އުނދަގޫ ބައެއް ފަހަރު. މަދު ފަހަރެއްގައި ނޫނީ އެސްޓީއޯއިން ވެސް ހުރިހާ ބޭހެއް ނުލިބޭނެ. ކޮންޓްރޯލް ޑްރަގްސް ވެސް އެ ތަނުން ހުސްވެފައި ހުރޭ،" ނަފްސާނީ ބައްޔަށް ބޭސްކުރާތާ ދެ ތިން އަހަރު ވެފައިވާ މީހަކު، ނަން ނުޖަހާ ގޮތަށް، ބުންޏެވެ.

ހަމައެކަނި ބޭސް ހުސްވެފައި ހުރުމެއް ނޫނެވެ. ޑޮކްޓަރުން ދޭން ބޭނުންވާ ބޭސް ރާއްޖެ އެތެރެނުކުރާ މައްސަލަ ވެސް ބޮޑެވެ. ދުނިޔޭގެ ތަރައްގީވެފައިވާ ގައުމުތަކުގައި ނަފްސާނީ ބަލިތަކަށް ދެމުން އަންނަ ބޭސްތައް ރާއްޖެ ގެންނަން އެދުނު ނަމަވެސް ކަމާ ގުޅުން ހުރި ފަރާތްތަކުން އެކަން ނުކުރާ ކަމަށް ބައެއް ޑޮކްޓަރުން ބުނެ އެވެ.

"އެންމެ ފަހުގެ ފޯނާއި ކާރު މި ރާއްޖެ އެބަ ގެނޭ. އެކަމަކު އެންމެ ރަނގަޅު ބޭހެއް ނުގެނޭ. އަޅުގަނޑުމެން [ބޭސް] ލިސްޓް ދިނީމަ ހެލްތުގައި ހުންނަ ސިޔާސީ މީހާ މި ބުނަނީ އެ ބޭހެއް ނޫނޭ ގެންނާނީ. އަޅުގަނޑުމެން ބަލިމީހުން ބަލާ މީހާއަށް ދޯ އެނގޭނީ؟" ނަފްސާނީ ބައްޔަށް ފަރުވާދޭތާ ގިނަ ދުވަސް ވެފައިވާ ޑޮކްޓަރަކު، ނަން ނުޖަހަން ޝަރުތުކޮށް، ވިދާޅުވި އެވެ.

ނަފްސާނީ ދުޅަހެޔޮ ކަމަށް ވިސްނަން ޖެހެނީ އެކަން ބޮޑު ބައްޔަކަށް ވީމާ އެކަންޏެއް ނޫނެވެ. ތިމާ ފުރިހަމަ ސިއްހަތެއްގައި ހުރުމަށް ނަފްސާނީ ސިއްހަތަށް އަބަދުވެސް އިސްކަން ދޭން ޖެހެ އެވެ. އެގޮތުން ހަފްތާއަކު ފަސް ދުވަހު، ދުވާލަކު މަދުވެގެން 30 މިނެޓް ކަސްރަތު ކުރުމާއި އެކުވެރިންނާ ކަންކަން ހިއްސާ ކުރުމާއި އަމިއްލަ ނަފްސަށް ވަގުތު ދިނުން އިތުރުކުރުމެވެ. އަދި ގަވައިދުން ނަމާދު ކުރުމާއި މެޑިޓޭޓް ކުރުމަކީ ވެސް ވަރަށް މުހިންމު ކަމެއް ކަމަށް، ޑޮކްޓަރުން ބުނެ އެވެ.