Roadha Mihaaru
ސީރިޔާގެ ކުރުދީންނަށް ތުރުކީން ހަމަލާދޭން ފަށައިފި

ސީރިޔާގެ ކުރުދީންނާ ދެކޮޅަށް ތުރުކީން ހަނގުރާމަ ފަށައިފި، އެމެރިކާ ދެކޮޅު

10 އޮކްޓޯބަރ 2019

ސީރިޔާގެ އުތުރުގައި ތުރުކީއާ އިންވެގެން އޮންނަ ސީރިޔާގެ ސަރަހައްދު ކޮންޓްރޯލްކުރާ ކުރުދީ ހަނގުރާމަވެރިންނާ ދެކޮޅަށް ތުރުކީން އަނެއްކާވެސް ވަރުގަަދަ ހަމަލާތަކެއް ދޭން އިއްޔެ ފަށައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ސީރިޔާގެ އުތުރުގައި ތުރުކީއާ އިންވެގެން އޮންނަ ސީރިޔާގެ ސަރަހައްދު ކޮންޓްރޯލްކުރާ ކުރުދީ ހަނގުރާމަވެރިންނާ ދެކޮޅަށް ތުރުކީން އަނެއްކާވެސް ވަރުގަަދަ ހަމަލާތަކެއް ދޭން އިއްޔެ ފަށައިފި އެވެ.

ސީރިޔާގެ އެތެރޭގެ ހަނގުރާމަ ފެށި ފަހުން ތުރުކީން ކުރުދީންނާ ދެކޮޅަށް އެތައް ފަހަރަކު ހަމަލާދީފައިވެ އެވެ. އެކަމަކު "އޮޕަރޭޝަން ޕީސް ސްޕްރިންގް"ގެ ނަމުގައި މިފަހަރު ފެށި ހަމަލާތައް ދެމިގެންދާނެ ކަމުގެ އިންޒާރު ތުރުކީން ވަަނީ ދީފަ އެވެ.

ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވީ އެ ގައުމުން ކުރުދީންނާ ދެކޮޅަށް ފެށި ހަމަލާތަކުގެ ބޭނުމަކީ ތުރުކީގެ ދެކުނުގައި ކުރުދީން "ޓެރާ ކޮރިޑޯއެއް" އުފެއްދުން ހުއްޓުވައި އެ ސަރަހައްދަށް ސުލްހަ ގެނައުން ކަމަށެވެ.

ތުރުކީން އިއްޔެ ފުރަތަމަ ދިނީ ވައިގެ ހަމަލާތަކެވެ. އެގޮތުން ކުރުދީންގެ 181 އަމާޒަކަށް ހަމަލާދީފައިވާ ކަމަށް ތުރުކީން ބުންޏެވެ. އެއަށް ފަހު ތުރުކީގެ އެއްގަމު ސިފައިންގެ ފައުޖުތައް ވެސް މިހާރު ވަނީ ސީރިޔާ ތެރެއަށް ވަދެފަ އެވެ. ތުރުކީ ޑިފެންސްް މިނިސްޓްރީން ބުނީ އެގައުމުގެ ސިފައިން ފުރާތު ކޯރުގެ އިރުމަތީ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

ކުރުދީން ބުނާ ގޮތުގައި ތުރުކީން ދިން ހަމަލާތަކުގައި މިހާތަނަށް އާއްމުންގެ ފަސް މީހަކު މަރުވެ 25 މީހުން ޒަހަމްވި އެވެ. އަދި ތުރުކީ ސިފައިންނާ ދެކޮޅަށް ކުރުދީންގެ އެންމެން ހަނގުރާމަކުރުމަށާއި ސީރިޔާ އާއި ތުރުކީ ގުޅޭ ސަރަހައްދީ ރޮނގުގެ ކައިރިއަށް ޖަމާވުމަށް ކުރުދީންގެ އެންމެ ނުފޫޒު ގަދަ ވައިޕީޖީ ޖަމާއަތުން ވަނީ ގޮވާލައިފަ އެވެ.

ވައިޕީޖީއަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށާއި އެއީ ތުރުކީގައި ހަރަކާތްތެރިވާ ކުރުދިސްތާން ވޯކާސް ޕާޓީއާ ގުޅިފައިވާ ބައެއް ކަމަށް ތުރުކީން ކުރިއްސުރެ ތުހުމަތުކުރެ އެވެ.

ތުރުކީން ހަމަލާ ދިނުމާ އެމެރިކާ ދެކޮޅު

ތުރުކީން ކުރުދީންނާ ދެކޮޅަށް ދޭ ހަމަލާތަކަށް އެމެރިކާއިން ރުހުން ދިން ކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުން ކުރިން ވަނީ ރިޕޯޓްކޮށްފަ އެވެ. އެއީ ތުރުކީގެ އަމާޒަކަށް ވެފައިވާ ވައިޕީޖީން ކޮންޓްރޯލްކުރާ ސަރަހައްދުތަކުން އެމެެރިކާ ސިފައިން ބޭލުމުންނެވެ. އެކަމަކު ހަމަލާ ދިނުމުގައި "އިމުން ބޭރުވާ ނަމަ" ތުރުކީގެ އިގުތިސާދު ހަލާކުކޮށްލާނެ ކަމުގެ އިންޒާރެއް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވި އެވެ.

އެެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ ވިދާޅުވީ ތުރުކީން ކުރުދީންނަށް ހަމަލާދޭން އެމެރިކާއިން ރުހުން ދިން ވާހަކަ އަކީ ދޮގެއް ކަމަށެވެ.

އެމެރިކާއިން ކުރުދީންނަށް ހިމާޔަތް ނުދީ، ތުރުކީގެ ހަމަލާތައް އަމާޒުވާން ދޫކޮށްލި މައްސަލައިގައި ޓްރަމްޕަށް ވަނީީ އެތެރެ އާއި ބޭރުން ވެސް ފާޑުކިއުން އަމާޒުވެފަ އެވެ. އެ ފާޑުކިއުންތަކަށް ރައްދު ދެއްވައި ނޫސްކޮންފަރެންސެއްގައި ވާހަކަ ދައްވަމުން ޓްރަމްޕް ވިދާޅުވީ ތުރުކީ މީހުންނާއި ކުރުދީންނަކީ ހަނގުރާމަކުރާތާ އެތައް ގަރުނެއް ވެފައިވާ ދެ ބައި މީހުން ކަމަށެވެ. އަދި ކުރުދީންނަކީ ދެވަނަ ބޮޑު ހަނގުރާމައިގައި އެމެރިކާއަށް މަދަދުކުރި ބައެއް ވެސް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ޔޫރަޕިއަން ޔޫނިއަނުން ބުނެފައި ވަނީ، ތުރުކީގެ އެތެރޭގެ ސަލާމަތާއި ރައްކާތެރިކަމަށް އެ ގައުމުން އިސްކަންދިނުމަކީ މައްސަލައެއް ނޫން ކަމަށާއި އެކަމަކު އިމުން ބޭރުން، ނުުވަތަ އެކަށީގެންވާ ވަރަށް ވުރެ ބޮޑު ހަމަލާތަކެއް ދީގެން ނުވާނެ ކަމަށެވެ. އަދި ހަމަލާ އިސްނުކޮށް، ކެތްތެރިކަމާ އެކު މަސައްކަތްކުރަން ވެސް އީޔޫން ގޮވާލާފައިވެ އެވެ.