ސީރިޔާގެ ކުރުދީންނާ ދެކޮޅަށް ތުރުކީން ފެށި ހަމަލާތައް ހުއްޓައިލުމަށް ބާރު އަޅަން އެމެރިކާއިން ތުރުކީއަށް އިގުތިސާދީ ގޮތުން ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅައިފި އެވެ.
15 އޮކްޓޯބަރ 2019
ސީރިޔާގެ ކުރުދީންނާ ދެކޮޅަށް ތުރުކީން ފެށި ހަމަލާތައް ހުއްޓައިލުމަށް ބާރު އަޅަން އެމެރިކާއިން ތުރުކީއަށް އިގުތިސާދީ ގޮތުން ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅައިފި އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރިޔާސީ ގަރާރަކުން ތުރުކީއަށް ފިޔަވަޅު އެޅީ ކުރުދީންނާ ދެކޮޅަށް ތުރުކީީން ހަމަލާދޭން ތައްޔާރުވަމުން ދަނިކޮށް، ސީރިއާގެ އުތުރުގައި ތިބި އެމެރިކާ ސިފައިން ބޭލުމުން އެތެރެ އާއި ބޭރުން ޓްރަމްޕް ސަރުކާރަށް ފާޑުކިއުންތައް އަމާޒުވެފައި ވަނިކޮށެވެ. ތުރުކީ އަށް ފިޔަވަޅު އެޅި ނަމަވެސް އެމެރިކާ ސަރުކާރުން ބުނީ ސީރިޔާގައި ތިބި އެގައުމުގެ އެންމެ ފަހު، ހާހެއްހާ ސިފައިން ބޭލުން ކުރިން ރާވާފައިވާ ގޮތަށް ކުރިއަށްދާނެ ކަމަށެވެ.
އެމެރިކާގެ ނައިބު ރައީސް މައިކް ޕެންސް ނޫސްވެރިންނާ ވާހަަދައްކަވަމުން ވިދާޅުވީ ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާންއާ ފޯނުން ގުޅުއްވައި، ހަމަލާތައް ހުއްޓައިލުމުގެ އެއްބަސްވުމަކަށް އައުމަށް އެދިވަޑައިގެންނެވި ކަމަށެވެ. ހަމަލާތައް ވަގުތީ ގޮތުން ހުއްޓައިލުމުގެ އެއްބަސްވުމެއް ގާއިމްކުރަން މަޝްވަރާކުރަން އެ ސަރަހައްދަށް ވަޑައިގަންނަވާނެ ކަމަށް ވެސް ޕެންސް ވިދާޅުވި އެވެ.
"ތުރުކީން ސީރިއާގެ ސަރަަހައްދުތައްް ހިފަމުން ދިއުން ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާއިން ބަރުދާސްތެއް ނުކުރާނެ. އަހަރެމެން ތުރުކީއަށް މި ގޮވައިލަނީ ކުރިމަތިލުން ހުއްޓައިލުމަށް. ހަމަނުޖެހުން ހުއްޓައިލުމަށް ފަހު މަޝްވަރާގެ މޭޒަށް އައުމަށް،" ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވި އެވެ.
ޓްރަމްޕްގެ ރިޔާސީ ގަރާރުން ތުރުކީއާ ދެކޮޅަށް އެޅި ފިޔަވަޅުތަކުގެ ތެރޭގައި އެގައުމުން އެމެރިކާއަށް އިމްޕޯޓްކުރާ ދަގަނޑުން ނަގާ ޓެރިފް ކުރިން އޮތް ގޮތަށް 50 ޕަސެންޓަށް އަލުން ބޮޑުކުރުމާއި 100 ބިލިޔަން ޑޮލަރުގެ ވިޔަފާރީގެ އެއްބަސްވުމެއްގެ މަޝްވަރާތައް ހުއްޓައިލުން ހިމެނެ އެވެެ. އޭގެ އިތުރުން ތުރުކީގެ ސަަރުކާރުގެ ބައެއް އިސް ވެރިންނަށް ފަރުދީ ގޮތުން ވެސް ވަނީ ފިޔަވަޅު އަޅައިފަ އެވެ.
ސީރިއާގެ ކުރުދީންނާ ދެކޮޅަށް ތުރުކީން ހަނގުރާމަ ފެށީ، ހަމަލާ ނުދޭން ޔޫރަޕިއަން ޔޫނިއަން އާއި އެމެރިކާ އިން ގޮވައިލަމުން ދަނިކޮށެވެ. ތުރުކީން ދެމުން ގެންދާ ހަމަލާތައް ހުއްޓާ ނުލައިފި ނަމަ ތުރުކީއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަަވަޅު އަޅާނެކަމުގެ އިންޒާރު ވެސް ޔޫރަޕިއަން ޔޫނިއަނުން ވަނީ ދީފަ އެވެ.
އެެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ ތުރުކީގެ ހަމަލާތަކުގެ ސަބަބުން ނޭޓޯގެ ބައިވެރިންނަށް (ކުރުދީންނަށް) ބޮޑެތި ގެއްލުންތައް ލިބެމުންދާ ކަަމަށެވެ. ނޭޓޯގެ އެހެން ދެ ގައުމެއް ކަމަށްވާ ޖަރުމަނާއި ފްރާންސުން ބުނީ ހަމަލާތައް ކުރިއަށް ގެންދާ ނަމަ ތުރުކީ އަށް ހަތިޔާރު ވިއްކުން މަނާކުރާނެ ކަމަށެވެ. ތުރުކީގެ ހަމަލާތައް އަރަބް ލީގުން ވެސް ވަނީ ކުށްވެރިކޮށްފަ އެވެ.
ސީރިއާގެ އިރު އުތުރުގައި ކުރުދީން އުފައްދާފައިވާ ސަރަހައްދީ ސަރުކާރުން ބުނީ ތުރުކީގެ ހަމަލާތަކުގެ ސަބަބުން 200،000 އަށް ވުރެ ގިނަ މީހުން ގެދޮރު ދޫކޮށް ގޮސްފައިވާ ކަމަށެވެ. ޔޫއެން-ވޯލްޑް ފުޑް ޕްރޮގްރާމުން ބުނީ ކުރުދީން ދިރިއުޅޭ ރައުސުލް އައިން އާއި ތަލް އަބްޔަޟު ދޫކޮށް ދިޔަ އާއްމުންގެ އަދަދު 100،000 އަށް ވުރެ ގިނަ ކަމަށެވެ.
ތުރުކީއާ ދެކޮޅަށް ކުރުދީން ގުޅުނީ ސީރިއާ ސަރުކާރާ އެކު
އައިއެސް މީހުން ތިބި ޖަލެއް ކުރުދީން ހުސްކޮށްފި:ތުރުކީ
ކުރުދީންގެ މައިރަށަކަށް ތުރުކީ ސިފައިން ވަދެއްޖެ
ދުނިޔޭގެ އެހީ ސީރިޔާ އާއި ތުރުކީ އަށް
ތުރުކީގެ ވައިގެ ސަރަހައްދު ރަޝިޔާ އަށް ބަންދު
ސީރިއާގައި އަނެއްކާވެސް ދިވެއްސަކު މަރުވެއްޖެ
ސީރިޔާގެ ކުރުދީންނަށް ތުރުކީން ހަމަލާދޭން ފަށައިފި
ތުރުކީ ސިފައިން ސީރިޔާގެ މަންބިޖްގައި ފޯރިމަރަނީ
ސީރިޔާ މިނިވަން ވަންދެން ހިޒްބުﷲއާއި އީރާން ނުފައިބާނެ
ބައްޝާރަކީ ޓެރަރިސްޓެއް، އޭނާއާ އެކު ސުލްހައެއް ނެތް