Roadha Mihaaru
އައިއެސް މީހުން ތިބި ޖަލެއް ކުރުދީން ހުސްކޮށްފި:ތުރުކީ

އައިއެސްގެ ހަނގުރާމަވެރިން ތިބި ޖަލެއް ކުރުދީން ހުސްކޮށްފި: ތުރުކީ

14 އޮކްޓޯބަރ 2019

ސީރިޔާގެ ކުރުދީންނާ ދެކޮޅަށް ތުރުކީ ސިފައިން ދޭން ފެށި ހަމަލާތައް އަމާޒުވެފައިވާ ސަރަހައްދުގައި އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ހަނގުރާމަވެރިންނާއި އެ މީހުންގެ އާއިލާތައް ބައިތިއްބާފައި ތިބި ޖަލެއް ހުސްކޮށްފައިވާ ކަަމަށް ތުރުކީން ބުނެފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ސީރިޔާގެ ކުރުދީންނާ ދެކޮޅަށް ތުރުކީ ސިފައިން ދޭން ފެށި ހަމަލާތައް އަމާޒުވެފައިވާ ސަރަހައްދުގައި އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ހަނގުރާމަވެރިންނާއި އެ މީހުންގެ އާއިލާތައް ބައިތިއްބާފައި ތިބި ޖަލެއް ހުސްކޮށްފައިވާ ކަަމަށް ތުރުކީން ބުނެފި އެވެ.

ސީރިޔާގެ އިރު އުތުރުގައި ކުރުދީން ކޮންޓްރޯލްކުރާ ސަރަހައްދުތަކުގައި ހަދާފައިވާ ކޭމްޕްތަކެއްގައި ބަންދުކޮށްފައިވާ އައިއެސްގެ ހަނގުރާމަވެެރިންނާއި އައިއެސްއާ ގުޅުން އޮންނަ ކަމަށް ބުނެ ބަންދުކުރި އާއްމުންނަކީ އެމެރިކާއާ ބައިވެރިވެގެން އައިއެސްއާ ދެކޮޅަށް ކުރި ހަނގުރާމައިގައި އަަސީރުކުރި މީހުންނެވެ. ތުރުކީގެ ޑިފެންސް މިނިސްޓްރީން މިއަދު ބުނީ ކުރުދީން އެ ޖަލު ހުސްކުރުމަށް ފަހު އައިއެސް މީހުން އެހެން ތަނަކަށް ގެންގޮސްފައިވާ ކަމަށެވެ.

ކުރުދީންގެ ބާރުގެ ދަށުގައިވާ ސަރަހައްދުތަކަށް ތުރުކީ ސިފައިން މިދިޔަ ހަފުތާގައި ހަމަލާދޭން ފެށީ އެ ސަރަހައްދުގައި ތިބި އެމެރިކާ ސިފައިން ބާލަން ފެށުމުންނެވެ. އެމެރިކާ ސަރުކާރުން އެޅި އެ ފިޔަވަޅާ ގުޅިގެން އެތެރެ އާއި ބޭރުން އެ ސަރުކާރަށް ވަނީ ފާޑުކިއުން އަމާޒުވެފަ އެވެ.

ކުރުދީންގެ ބާރުގެ ދަށުގައި އޮތް ސަރަހައްދަށް ތުރުކީން ހަމަލާދޭން ފެށުމާ އެކު އެމެރިކާ އާއި އެ ގައުމުގެ ބައިވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް ވީ ކޭމްޕްތަކުގައިވާ އައިއެސް ހަނގުރާމަވެރިން ދޫވެދާނެ ކަމުގެ ބިރެވެ. ތުރުކީން ބުނަމުން ދިޔައީ އެފަދަ ކަންބޮޑުވުމެއް ނެތް ކަމަށެވެ.

އަންކާރާގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ތުުރުކީގެ ޑިފެންސް މިނިސްޓަރު ހުލޫސީ އަކަރު ވިދާޅުވީ ތުރުކީ ސިފައިން ވަދެފައިވާ ސަރަހައްދުގައި ހުރީ އައިއެސް މީހުން ބަންދުކޮށްފައިވާ އެންމެ ޖަލެއް ކަަމަށާއި އެހެން ނަމަވެސް ތުރުކީ ސިފައިން އެ ސަރަހައްދަށް ދިޔަ އިރު އެ ޖަލު ހުސްކޮށްފައިވާ ކަމަށެވެ.

"އަޅުގަނޑުމެން [ތުރުކީ ސިފައިން] އެ ސަރަހަށް ދިޔަ އިރު ފެނުނީ އެތަން ހުސްކޮށްފައި ހުއްޓާ. އެތަނުގައި ތިބި އިސްލާމިކް ސްޓޭޓް ހަނގުރާމަވެރިން ވަނީ އެހެން ތަނަކަށް ގެންގޮސްފައި. އަޅުގަނޑުމެން މިކަން ކަށަވަރުކުރީ ފޮޓޯއާއި ވީޑިއޯގެ އެހީގައި،" އޭނާ ވިދާޅުވި އެވެ.

ސީރިއާގެ ކުރުދީންނާ ދެކޮޅަށް ތުރުކީން ހަނގުރާމަ ފެށީ، ހަމަލާ ނުދޭން ޔޫރަޕިއަން ޔޫނިއަން އާއި އެމެރިކާ އިން ގޮވައިލަމުން ދަނިކޮށެވެ. ތުރުކީން ދެމުން ގެންދާ ހަމަލާތައް ހުއްޓާ ނުލައިފި ނަމަ ތުރުކީއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަަވަޅު އަޅާނެކަމުގެ އިންޒާރު ވެސް ޔޫރަޕިއަން ޔޫނިއަނުން ވަނީ ދީފަ އެވެ. އެެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ ތުރުކީގެ ހަމަލާތަކުގެ ސަބަބުން ނޭޓޯގެ ބައިވެރިންނަށް (ކުރުދީންނަށް) ބޮޑެތި ގެއްލުންތައް ލިބެމުންދާ ކަަމަށެވެ. ނޭޓޯގެ އެހެން ދެ ގައުމެއް ކަމަށްވާ ޖަރުމަނާއި ފްރާންސުން ބުނީ ހަމަލާތައް ކުރިއަށް ގެންދާ ނަމަ ތުރުކީ އަށް ހަތިޔާރު ވިއްކުން މަނާކުރާނެ ކަމަށެވެ. ތުރުކީގެ ހަމަލާތައް އަރަބް ލީގުން ވެސް ވަނީ ކުށްވެރިކޮށްފަ އެވެ.

ސީރިއާގެ އިރު އުތުރުގައި ކުރުދީން އުފައްދާފައިވާ ސަރަހައްދީ ސަރުކާރުން ބުނީ ތުރުކީގެ ހަމަލާތަކުގެ ސަބަބުން 200،000 އަށް ވުރެ ގިނަ މީހުން ގެދޮރު ދޫކޮށް ގޮސްފައިވާ ކަމަށެވެ. ޔޫއެން-ވޯލްޑް ފުޑް ޕްރޮގްރާމުން ބުނީ ކުރުދީން ދިރިއުޅޭ ރައުސުލް އައިން އާއި ތަލް އަބްޔަޟު ދޫކޮށް ދިޔަ އާއްމުންގެ އަދަދު 100،000 އަށް ވުރެ ގިނަ ކަމަށެވެ.