Roadha Mihaaru
ޓެރަރިޒަމްގެ ގާނޫނުގެ އިސްލާހު ތަސްދީގު ކުރައްވައިފި

ޓެރަރިޒަމްގެ ގާނޫނަށް ގެނައި އިސްލާހު ތަސްދީގު ކުރައްވައިފި

11 އޮކްޓޯބަރ 2019

ޓެރަރިޒަމްގެ ކުށްތައް ހުއްޓުވަން ޚާއްސަ ބާރުތަކެއް ފުލުހުންނަށް ލިބޭ ގޮތަށް ޓެރަރިޒަމްގެ ގާނޫނަށް ގެނައި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއްޔެ ތަސްދީގު ކުރައްވައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޓެރަރިޒަމްގެ ކުށްތައް ހުއްޓުވަން ޚާއްސަ ބާރުތަކެއް ފުލުހުންނަށް ލިބޭ ގޮތަށް ޓެރަރިޒަމްގެ ގާނޫނަށް ގެނައި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއްޔެ ތަސްދީގު ކުރައްވައިފި އެވެ.

ޓެރަރިޒަމްގެ ކުށްތަކުގެ ތުހުމަތު ކުރެވޭ މީހުން ހުއްޓުވައި ބަލައި ފާސް ކުރުމާއި ހައްޔަރު ކުރުމުގައި ޚާއްސަ ބާރުތަކެއް ދިނުމުގެ އިތުރުން ޓެރަރިޒަމްގެ ކުށްތަކަށް ވެސް އެ އިސްލާހުގައި ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން ސަރުކާރުގެ ހުއްދަ ނެތި ހަނގުރާމަވެރި ސަރަހައްދަކަށް ދިއުމާއި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދު ކުރުން ކުށަކަށް ހަދާފައިވާއިރު، ހަނގުރާމައަށް ދާ މީހުން ރާއްޖެ ގެނައުމަށް ފަހު ރިހެބިލިޓޭޓް ކުރަންޖެހޭ ގޮތަށް ވެސް އެ އިސްލާހުގައި ހިމަނާފައިވެ އެވެ.

ސަރުކާރުން މަޖިލީހަށް ހުށަހަޅައި މިދިޔަ މަހު ފާސްކުރި އެ ބިލުގައި ޚާއްސަ ބާރުތަކެއް ފުލުހުންނަށް ލިބޭ ގޮތަށް އޮތުމުން ސިޔާސީ ފަރާތްތަކާއި ދީނީ އިލްމުވެރިންނާ ދެކޮޅަށް އެ ގާނޫނު ބޭނުން ކޮށްފާނެތީ ގިނަ ބައެއްގެ ކަންބޮޑުވުންތައް އެކަމަށް އަމާޒުވި އެވެ. އެ ކަންބޮޑުވުންތަކާ ހެދި އެ ބިލުގެ ބައެއް ބައިތަކަށް މަޖިލީހުން ބަދަލު ގެނަ އެވެ. އެކަމަކު ސަރުކާރުން ބުނެފައިވަނީ ޚާއްސަ ބާރުތަކެއް ލިބޭ އެ ބިލް ފާސް ވިޔަސް، އޭގެ ނާޖާއިޒް ފައިދާ ފުލުހުން ނުނަގާނެ ކަމަށެވެ.

އެ އިސްލާހުގައި ޓެރަރިޒަމްގެ ކުށްތައް ސާބިތު ކުރުމަށް ބޭނުން ކުރެވޭނެ ހެކީގެ ބާވަތްތަކެއް ވެސް ކަނޑައަޅާފައިވެ އެވެ. އޭގެ ތެރެއިން މަދުވެގެން ހަތަރު ހެއްކެއް ހުރެއްޖެ ނަމަ، ޓެރަރިޒަމްގެ ކުށް އެ މީހެއްގެ މައްޗަށް ސާބިތުވާ ގޮތަށް ވެސް އެ އިސްލާހުގައިވެ އެވެ.