Roadha Mihaaru
އައްޑޫ ވިއްސާރައިގައި 50 ގެއަކަށް ގެއްލުން

އައްޑޫ ވިއްސާރައިގައި 50 ގެ އަކަށް ފެން ވަދެ، ގެއްލުންތަކެއް ވެއްޖެ

12 އޮކްޓޯބަރ 2019

އައްޑު އަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މިހާތަނަށް 50 ވަރަކަށް ގެ އަށް ފެން ވަދެ އެކި ވަރުގެ ގެއްލުންތައް ވެފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.

އަހުމަދު އަދްޝަން ސ. ފޭދޫން އަހުމަދު އަދްޝަން

އައްޑު އަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މިހާތަނަށް 50 ވަރަކަށް ގެ އަށް ފެން ވަދެ އެކި ވަރުގެ ގެއްލުންތައް ވެފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.

ކައުންސިލުން ބުނީ ގެއްލުންވި ގެތަކުގެ ހާލަތު އިތުރަށް ބަލަމުން އަންނަ ކަމަށާއި ދެ ގެ އެއްގައި ނޫޅެވޭ ވަރަށް ފެންވަދެފައި ވާތީ އެ ގެތަކުގެ މީހުން މިހާރު އެހެން ތަނަކަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި ފެން ހިންދުމުގެ މަސައްކަތާއި ފެން ވަނަ ނުދިނުމަށް ވެލި ބަސްތާ ޖެހުން ފަދަ މަސައްކަތްތައް އަންނަނީ އެމްއެންޑީއެފް ސަދަން ކޮމާންޑާއި އައްޑޫގައި ތިބޭ ފުލުހުންނާއި އައްޑޫގެ އެހެން މުއައްސަސާތައް ގުޅިގެން ކުރަމުންނެވެ.

ކައުންސިލުން ބުނިގޮތުގައި، ވިއްސާރައިގައި ލިބުނު ގެއްލުންތަކުގެ މައުލޫމާތު އަންނަނީ އެއްކުރަމުންނެވެ. ހަމަ އެއާ އެކު، އެކަމާ ބެހޭ މައުލޫމާތު ވެސް އެހެން ފަރާތްތަކުން ހިއްސާކުރަން ކައުންސިލުން އެދެ އެވެ. އަދި އެމްއެންޑީއެފާއި ފޮލިހާއި ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ އާއި ހެޔޮއެދޭ ފަރާތްތަކުގެ އެހީގައި އެހީތެރިކަން ބޭނުންވާ މީހުންނަށް އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރާ ކަމަށް ވެސް ކައުންސިލުން ބުނެ އެވެ.

ރެއިން ފެށިގެން އައްޑު އަށް ބޯކޮށް ވާރޭ ވެހި، އަވަށްތަކުގެ މަގުތަކުގައި ވެސް ވަރަށް ބޮޑަށް ފެންބޮޑުވެފައިވެ އެވެ. އަދި ބައެއް މަގުތަކަކީ އެކި ކަހަލަ މަސައްކަތްތައް ކުރަން ކޮނެފައިވާ ތަންތަނަަށް ވާތީ ދުއްވާ މީހުންނާއި ހިނގާ މީހުން ވެސް ސަމާލުވުމަށް ކައުންސިލުން އިލްތިމާސްކޮށްފައިވެ އެވެ.

ކުރިއަށް އޮތް ވަގުތުތަކުގައި ވެސް އައްޑު އަށް ވިއްސާރަކުރާނެތީ މޫސުމާ ބެހޭ އިދާރާ އިން ވަނީ މެންދުރު 12:00 އިން ހަވީރު 4:00 އަށް ޔެލޯ އެލާޓް ވެސް ނެރެފަ އެވެ.