Roadha Mihaaru
އިޓަލީ ޔޫރޯ އަށް ކޮލިފައިވެއްޖެ

އިޓަލީ ޔޫރޯ އަށް ކޮލިފައިވެއްޖެ

13 އޮކްޓޯބަރ 2019

ރޯމް (އޮކްޓޫބަރު 13) - ޔޫރޯ ކޮލިފައިންގައި ރޭ ގްރީސް އަތުން 2-0 އިން މޮޅުވެ އިޓަލީން އަންނަ އަހަރުގެ ޔޫރޯ އަށް ކޮލިފައިވެ، މިދިޔަ އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިނުވުމުގެ ހިތްދަތިކަން ފިލުވާލައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ރޯމް (އޮކްޓޫބަރު 13) - ޔޫރޯ ކޮލިފައިންގައި ރޭ ގްރީސް އަތުން 2-0 އިން މޮޅުވެ އިޓަލީން އަންނަ އަހަރުގެ ޔޫރޯ އަށް ކޮލިފައިވެ، މިދިޔަ އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިނުވުމުގެ ހިތްދަތިކަން ފިލުވާލައިފި އެވެ.

"އުއްމީދަކީ ހުރިހާ އިޓަލީ ސަޕޯޓަރުން އަންނަ އަހަރުގެ ޖޫން މަހު (ޔޫރޯގައި) އަހަރެމެންނާ އެކު ތިބުން. މި ޓީމަށް އަބަދުވެސް އެންމެ ބޮޑު އެހީއެއްވަނީ ސަޕޯޓަރުން،" އިޓަލީގެ ކޯޗު ރޮބާޓޯ މަންޗިނީ ބުންޏެވެ.

ދުނިޔޭގެ ތަށި ހަތަރު ފަހަރު ހޯދާފައިވާ އިޓަލީގެ އިތުރުން އަންނަ އަހަރުގެ ޔޫރޯ އަށް މިހާތަނަށް ކޮލިފައިވެފައިވާ ހަމައެކަނި ޓީމަކީ ފީފާ ރޭންކިންގެ އެއް ވަނައިގައި މި ވަގުތު އޮތް ބެލްޖިއަމް އެވެ.

އިޓަލީން ޔޫރޯ އަށް ނުވަ ވަނަ ފަހަރަށް ކޮލިފައިވީ ކޮލިފައިން ބުރުގައި މިހާތަނަށް ކުޅުނު ހަތް މެޗުން ވެސް މޮޅުވެ، 21 ޕޮއިންޓް ހަމަކޮށް ގްރޫޕް ޖޭގެ އެއް ވަނަ ޓީމުގެ ގޮތުގަ އެވެ. ބާކީ ތިން މެޗު އޮތްއިރު އިޓަލީގެ އަމާޒަކީ އެ މެޗުތަކުން ވެސް މޮޅުވެ ސައްތަ އިން ސައްތަ ރެކޯޑަކާ އެކު މުބާރާތަށް ދިއުމެވެ.

ރޯމްގެ އޮލިމްޕިކް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި އިޓަލީން ދެ ލަނޑު ވެސް ޖެހީ ދެ ވަނަ ހާފް އެވެ. މެޗުގެ 63 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީ އަކުން އިޓަލީ އަށް ލީޑުނަގައިދިނީ ޖޯޖީނިއޯ އެވެ. މިއީ ގްރީސްގެ އަންދްރެއަސް ބޯޗަލަކީސް އަތުގައި ބޯޅަ ޖެހުމުން ދިން ޕެނަލްޓީ އެކެވެ. އިޓަލީ އަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިން ގޯލު މެޗުގެ 78 ވަނަ މިނިޓްގައި ޖެހީ ފެޑެރީކޯ ބާނަޑެސްކީ އެވެ.

ރޭގެ މެޗުން މޮޅުވެގެން ސްޕެއިނަށް މުބާރާތަށް ކޮލިފައިވުމުގެ ފުރުސަތު އޮތްއިރު އެ ޓީމު ކުޅުނު މެޗުން ވަނީ ރަށުން ބޭރުގައި 1-1 އިން ނޯވޭއާ އެއްވަރުވެފަ އެވެ. ދެ ވަނަ ހާފްގެ ކުރީކޮޅުގައި ސައުލް ނިގޭޒްގެ ގޯލުން ސްޕެއިން ލީޑުނެގިއިރު، ނޯވޭ އިން އެއްވަރުކުރީ އިތުރު ވަގުތުގެ ފަހު މިނިޓްގައި ޖޯޝުއާ ކިންގް ޖެހި ޕެނަލްޓީންނެވެ. މިއީ ސްޕެއިންގެ ކީޕަރު ކެޕާ އަރިއްޒަބަލާގާ އޭރިއާތެރެއިން ނޯވޭގެ އޮމާރް އެލް އަބްދެލޫއީ އަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ.

ސްޕެއިންގެ ކެޕްޓަން ސާޖިއޯ ރާމޯސް ވަނީ ރޭގެ މެޗުގައި އެ ޓީމަށް އެންމެ ގިނަ މެޗު ކުޅެދިނުމުގެ ރެކޯޑް ގާއިމްކޮށްފަ އެވެ. ތަޖުރިބާކާރު ގޯލްކީޕަރު އިކާ ކަސިއަސް އަތުގައި އޮތް ރެކޯޑް ރާމޯސް މުގުރާލީ 168 މެޗު ކުޅެގެންނެވެ. މެޗަށް ފަހު ރާމޯސް ބުނީ އެ ފަދަ ރެކޯޑްތަކާ މެދު ވިސްނާނީ ފަހުން ކަމަށާއި ރޭގެ މެޗުން މޮޅެއް ލިބުން ހަގީގަތުގައި އޭނާ އަށް މާ މުހިއްމު ކަމަށެވެ.