Roadha Mihaaru
ބަދަލު ނުލިބޭ ކަމަށް ވިދާޅުވެ އިބްރާގެ ނުރުހުން!

ފޭރިގަތް މުދަލުގެ ބަދަލު ނުލިބޭ ކަމަށް ވިދާޅުވެ އިބްރާގެ ނުރުހުން!

14 އޮކްޓޯބަރ 2019

މަންދު ކޮލެޖު ހިންގި އެމްއީއެސްގެ އިމާރާތް އަތުލި މައްސަލައިގެ ބަދަލެއްގެ ގޮތުގައި 50 މިލިއަން ރުފިޔާ ދޭން ނިންމާފައިވާ ކަމުގެ ތުހުމަތު، އެ ކޮލެޖްގެ ޗެއާމަން އިބްރާހިމް އިސްމާއިލް ރޭ ދޮގު ކުރައްވައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މަންދު ކޮލެޖު ހިންގި އެމްއީއެސްގެ އިމާރާތް އަތުލި މައްސަލައިގެ ބަދަލެއްގެ ގޮތުގައި 50 މިލިއަން ރުފިޔާ ދޭން ނިންމާފައިވާ ކަމުގެ ތުހުމަތު، އެ ކޮލެޖްގެ ޗެއާމަން އިބްރާހިމް އިސްމާއިލް ރޭ ދޮގު ކުރައްވައިފި އެވެ.

ގާނޫނާ ޚިލާފަށް އުވައިލި އެއްބަސްވުންތަކުގެ ބަދަލު ދައުލަތުން ދެމުން އަންނަ އިރު، ސަރުކާރާ ގުޅުން އޮންނަ މީހުން ހިމެނޭތީ ފާޑުކިއުން ވަނީ އަމާޒުވެފަ އެވެ. ރައީސް އޮފީހުގައި އޮންނަ ސެޓްލްމަންޓް ކޮމިޓީން ނިންމައިގެން ބަދަލު ދިން ލިސްޓުގައި، މަންދު ކޮލެޖް ވެސް ހިމެނޭ ކަމަށް ވަނީ އަޑުފެތުރިފަ އެވެ.

މިކަމާ ގުޅޭ ގޮތުން އިބްރާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އޭނާގެ މުޅި މުދާ ދައުލަތުން ފޭރިގެންފައިވާތާ ހަތަރު އަހަރު ވެފައިވާ ކަމަށެވެ. އެކަމަކު މިހާތަނަށް އެކަން ބެލޭނެ އެއްވެސް މަގެއް ނުފެންނަ ކަމަށް ވިދާޅުވި އެވެ.

"ސަރުކާރުގެ އިދާރާއަކުން ވެސް، ޝަރީއަތަކުން ވެސް މަގެއް ނުފެނޭ،" އިބްރާ ވިދާޅުވި އެވެ.

އޭނާ އަށް ބަދަލު ދިނުމާ ދެކޮޅު ހަދާ މީހުންނަށް ވެސް ބަހުގެ ހަމަލާއެއް އަމާޒު ކުރެއްވި އެވެ.

އިބްރާ ވިދާޅުވި ގޮތުގައި އެއް ބަޔަކު އުޅެނީ އިންސާފު ހޯދަން އުޅުމަކީ ވެސް ކުށެއް ކަމުގައި ހެދުމަށެވެ.

މަންދު ކޮލެޖް ހިންގަން 2008 ގައި އެމްއީއެސްގެ އިމާރާތް ދޫކުރީ 10 އަހަރަށެވެ. އެކަމަކު އެ މުއްދަތު ހަމަނުވަނީސް އެއްބަސްވުމާ ޚިލާފުވެފައިވާ ކަމަށް ބުނެ 2015 ގައި އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެ އިމާރާތް އަތުލައިފަ އެވެ. އެ މިނިސްޓްރީން އޭރު ބުނެފައި ވަނީ އެއީ 2008 ވަނަ އަހަރުން ފެށިގެން އެތަނުގައި އިންޓަނޭޝަނަލް ސްކޫލެއް ހިންގަން ވި އެއްބަސްވުމާ އެއްގޮތަށް އެކަން ނުކުރުމެވެ.

އެކަމަކު މަންދު ކޮލެޖުން ބުނެފައިވާ ގޮތުގައި އެކަން ނުފެށި އޮތީ އެޑިއުކޭޝަން މިނިސްޓްރީގެ އިހުމާލުންނެވެ. އެކަމުގައި ޒިންމާވާން ޖެހޭނީ މިނިސްޓްރީން ކަމަށް ވެސް އިބްރާ ވަނީ ވިދާޅުވެފަ އެވެ.

މި މައްސަލައިގައި ސިވިލް ކޯޓުގެ ހުކުމް އައީ، މިނިސްޓްރީން އަމަލުކުރި ގޮތުން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ދައުލަތުން 3.4 މިލިއަން ރުފިޔާ ދެއްކުމަށެވެ. އެ ފައިސާ ދައްކައި ޚަލާސްކުރަން ހަ މަސް ދުވަހުގެ މުއްދަތެއް ދިން ނަމަވެސް އެ ފައިސާ ދީފައެއް ނުވެ އެވެ.

ބަދަލު ދިނުމުގެ މައްސަލަތަކުގައި ސަރުކާރުން އަމަލުކުރާ ގޮތާ މެދު އިދިކޮޅުން ހިތްހަމަނުޖެހުން ފާޅުކުރެ އެވެ. މައްސަލަތައް ނިންމައި މިހާތަނަށް މި ސަރުކާރުން ވަނީ އެކި ފަރާތްތަކަށް އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކާފައިފަ އެވެ.

އޭގެ ތެރޭގައި ހައުސިން ޔުނިޓްތައް އަޅަން ހަވާލުކުރި ނޫމަޑި އެއްބަސްވުން އުވާލައިގެން 55 މިލިއަން ރުފިޔާ އާއި ބޯޑާ ކޮންޓްރޯލް ސިސްޓަމެއް ގާއިމްކުރަން ވީ އެއްބަސްވުން އުވާލުމުން މެލޭޝިއާގެ ނެކްސްބިޒަށް ދިވެހި ސަރުކާރުން ދެއްކި 18.1 މިލިއަން ޑޮލަރު (280 މިލިއަަން ރުފިޔާ) އާއި ރިސޯޓު ހެދުމަށް ރަށްތަކެއް ދޭން އެއްބަސްވުމަށް ފަހު އެ ރަށްތައް ހަވާލު ނުކުރި މައްސަލައިގައި، ވިލާ ގުރޫޕްގެ ހިއްސާ އޮންނަ ވޯލްޑް ލިންކް ޓްރެވަލްސް (ޑަބްލިއުއެލްޓީ) އަށް ދައުލަތުން ދައްކަންޖެހޭ 5.6 މިލިއަން ޑޮލަރު (130 މިލިއަން ރުފިޔާ) އާއި މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ) އުވާލުމާ ގުޅިގެން ކޮންޓްރެކްޓަރުންނަށް 26.1 މިލިއަން ރުފިޔާ އަދި ކުޑަކުއްޖަކަށް ހޮސްޕިޓަލަކުން ދިން ބޭހެއްގެ ސަބަބުން އެ ކުއްޖާގެ ދެ ކަންފަތުގެ އިވުން ދާއިމީކޮށް ގެއްލުނު މައްސަލާގައި ޑޮކްޓަރުން އިހުމާލުވިކަން ސާބިތުވެ، ބަދަލުގައި ދޭން ކޯޓުން ހުކުމް ކުރި ހަތް މިލިއަން ރުފިޔާ ހިމެނެ އެވެ.

މީގެ އިތުރުން، ހުޅުމާލޭގައި ފްލެޓް އަޅަން ހަވާލުކުރި ކުންފުނިން އޮޅުވާލި މީހުންނަށް ލިބުނު މާލީ ގެއްލުމުގެ ބަދަލު ދިނުމާއި ބިޒްނަސް އިމޭޖް ގްރޫޕަށް 78 މިލިއަން ރުފިޔާ ދިނުމަށާއި ސީޖީޓީ ޕްރައިވެޓް ލިމިޓެޑަށް 22 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޭން ވަނީ ނިންމައިފަ އެވެ.

މި ބަދަލު ދޭން ޖެހެނީ ސަރުކާރުން ބުނެފައިވާ ގޮތުގައި ގާނޫނާ ޚިލާފަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެއްބަސްވުންތައް އުވާލުމުން އެ ނޫން ގޮތެއް ނެތުމުންނެވެ.