Roadha Mihaaru
ފުލުހުންގެ އަތުން ދޫވެ ކޯޗަށް "ހިމާޔަތް"؟

ފުލުހުންގެ އަތުން ދޫވެ ކްރިކެޓް ކޯޗަށް "ހިމާޔަތް"؟

14 އޮކްޓޯބަރ 2019

ގިނަ ބަޔަކަށް ޖިންސީ ފުރައްސާރަކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ހުއްޓައި ދޫވި ގައުމީ ކްރިކެޓް ކޯޗް، އާސިފް ޚާން އަލުން ހައްޔަރު ކުރުމުގެ އަމުރެއް ކްރިމިނަލް ކޯޓުން ނުދިން ކަން "މިހާރު" އަށް އެނގިއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ގިނަ ބަޔަކަށް ޖިންސީ ފުރައްސާރަކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ހުއްޓައި ދޫވި ގައުމީ ކްރިކެޓް ކޯޗް، އާސިފް ޚާން އަލުން ހައްޔަރު ކުރުމުގެ އަމުރެއް ކްރިމިނަލް ކޯޓުން ނުދިން ކަން "މިހާރު" އަށް އެނގިއްޖެ އެވެ.

ކުޑަކުދިންގެ އިތުރުން ބޮޑެތި މީހުންނަށް ވެސް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި، އުމުރުން 46 އަހަރުގެ ސައުތު އެފްރިކާ ފިރިހެން މީހާ ދޫވީ ފުލުހުންގެ އިހުމާލުންނެވެ. ހައްޔަރުކުރާތާ 24 ގަޑިއިރު ތެރޭގައި ބަންދުގެ މުއްދަތަށް ކޯޓަށް ހާޒިރުކުރަން ޖެހެ އެވެ. އެކަމަކު ފުލުހުން އޭނާ ކޯޓަށް ގެންދިޔައީ ގާނޫނުގައި ބުނާ އެ މުއްދަތު ހަމަވި ފަހުންނެވެ. އެެހެންވެ ކޯޓުން އޭނާ ދޫކޮށްލީ އެވެ.

މިކަމުގައި އިހުމާލު އޮތް ކަން ގަބޫލުކޮށް، އޭނާ އަލުން ހައްޔަރު ކުރުމުގެ އަމުރަކަށް އެދި ފުލުހުން މިދިޔަ ހަފުތާގައި ކްރިމިނަލް ކޯޓަށް ހުށަހެޅި އެވެ. އެކަމަކު އެނގިފައިވާ ގޮތުގައި ކޯޓުން އެ އަމުރު ނުދިނީ، ފުލުހުން ހުށަހެޅި ބަޔާންތަކަށް ބަލާއިރު، އޭނާ ހެކިންނަށް ނުފޫޒު ފޯރުވަން އެއްވެސް ކަމެއް ކޮށްފައިވާކަން އެނގެން ނެތުމުންނެވެ.

ކޯޗް ހައްޔަރުކުރުމުގެ ދެ ވަނަ އަމުރަކަށް އެދުނީ، އެނގިފައިވާ ގޮތުގައި، އޭނާ އަށް ތުހުމަތުކުރާ މައްސަލައާ ގުޅުން ހުރި ކުޅުންތެރިންނާ އެކު ދައްކާފައިވާ ވާހަކަތަކާ އެކުގަ އެވެ. އެކަމަކު އެއީ އޭނާ ބަންދުގައި ބެހެއްޓޭނެ ފަދަ ހެއްކެއްގެ ގޮތުގައި ކޯޓުން ބަލައެއް ނުގަތެވެ.

"މިހާރު" އަށް ކަށަވަރު ކުރެވިފައިވާ ގޮތުގައި މިއަދު މެންދުރު ފަހު 2:00 އާ ހަމަޔަށް ވެސް މި އަމުރުގެ މައްސަލަ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ހައި ކޯޓުގައި އިސްތިއުނާފުކޮށްފައެއް ނުވެ އެވެ.

ބަންދުގެ އަމުރު އިސްތިއުނާފްކުރަން އޮންނަނީ 48 ގަޑިއިރެވެ. މި މުއްދަތު ހަމަވެއްޖެ ނަމަ އިސްތިއުނާފްގެ ފުރުސަތު ބަންދުވާނެ އެވެ.

މި މައްސަލައިގައި ފުލުހުން އަދި އެއްޗެއް ނުބުނެ އެވެ.

އެކަމަކު، ސީރިއަސް ތުހުމަތެއް ކުރެވޭ މީހަކު ދޫވެފައި ހުރުމުގެ ކަންބޮޑުވުން އެބައޮތެވެ.

ކުށެއްގެ ތުހުމަތު ކުރެވޭ މީހަކު ހައްޔަރުކޮށްގެން ތަހުގީގު ކުރުމަކީ ކޮންމެ މައްސަލައެއްގައި އަމަލުކުރަން ޖެހޭ އުސޫލަށް ނުވިއަސް ކޯޗު މައްސަލައިގައި، ހެއްކަށް ނުފޫޒު ފޯރުވުމުގެ ކަންބޮޑުވުން އެބަ އޮތެވެ. އާއްމު ގޮތެއްގައި މީހަކު ބަންދުގައި ބަހައްޓަނީ އެ މީހެއްގެ ފަރާތުން މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާ އޮތުމާއި ހެއްކަށް ނުފޫޒު ފޯރުވާފާނެތީ އެވެ.

އޭނާ ދޫވުމާ އެކު ގޮސް ވަނީ ރާއްޖޭގައި ހުންނަ ޕާކިސްތާނު އެމްބަސީ އަށް ކަމަށް ބުނެ އެއް ބަޔަކު ވާހަކަ ދެއްކި އެވެ. އެތަނުގެ ހިމާޔަތަށް އޭނާ ވަނީ، އެކަމުގެ އަޑީގައި ބަޔަކު ތިބެގެން ކަމަށް ވެސް ތުހުމަތު ކުރި އެވެ.

ކޯޗު ސަލާމަތްކޮށްދޭން ނުފޫޒު ގަދަ ބަޔަކު އުޅޭ ކަމަށް ކުރާ ތުހުމަތަށް ބާރު ލިބެނީ، ގައުމީ ކްރިކެޓްގެ އަންހެން ކުޅުންތެރިންނާއި ފިރިހެން ކުޅުންތެރިން ނެރުނު ބަޔާނުންނެވެ. ކުދިންތަކަކާ އޭނާ ބެހުނު ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ތަހުގީގުކުރަން ހުށަނާޅައި އޭނާ ފުރުވާލަން މަސައްކަތް ކުރި ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

އެކަމަކު ހައްޔަރުކޮށްފައި ދޫކޮށްލި އިރު އޭނާގެ ޕާސްޕޯޓް އޮތީ ހިފަހައްޓައިފަ އެވެ. އެކަން ފުލުހުން ކަށަވަރުކޮށްދެ އެވެ.

ބޯޑުން އަމަލުކުރި ގޮތާ މެދު ހިތްހަމަނުޖެހޭ ކުޅުންތެރިން ބުނިގޮތުގައި ޖިންސީ ގޯނާގެ މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހަނާޅައި އާސިފް ރާއްޖޭން ފުރުވާލަން، ސީދާ ގޮތުން ވިޔަސް ނުސީދާ ގޮތުން ވިޔަސް، ކްރިކެޓް ބޯޑުން އެހީވި އެވެ.

އެ ކުޅުންތެރިންނަށް އިތުބާރު ހިފޭ ބައެއްގެ ފަރާތުން ލިބުނު މައުލޫމާތާ ހަވާލާދީ ބަޔާނުގައި ބުނެފައި ވަނީ، ޒުވާން ކްރިކެޓް ކުޅުންތެރިންނަށް އެކި ފަހަރު މަތިން އާސިފް ޖިންސީ ގޯނާކޮށްފައިވާކަން ތުހުމަތުކުރެވޭ ކަމަށާއި އޭގެ ތެރޭގައި އޭނާ އެ އަމަލު ހިންގި ކަމަށް ތުހުމަތުކުރެވޭ ދުވަސްވަރު 18 އަހަރު ނުފުރޭ ކުޅުންތެރިން ވެސް ހިމެނެ އެވެ. މިހާ ބޮޑު ކަމެއްގައި، ކްރިކެޓް ބޯޑުން އަމަލުކުރި ހުތުރު ގޮތުގެ ސަބަބުން ޖިންސީ ގޯނާގެ ޝިކާރަޔަކަށްވި ކުޅުންތެރިންނާއި އެ ކުޅުންތެރިންގެ އާއިލާތަކަށް އިތުރު ގެއްލުމެއް ލިބިފައިވާ ކަމަށް ވެސް ކުޅުޅުންތެރިން ދެކެ އެވެ.

ކޯޗާ މެދު ކުރެވޭ ތުހުމަތު ބޯޑުން ބެލުމަށް ފަހު ފުލުސް އޮފީހަށް ހުށަނޭޅުން، ގުޅުވީ އެކަށީގެންވާ ހެކި ނެތުމާ އެވެ. އެހެންވެ، ފިޔަވަޅެއްގެ ގޮތުން އޭނާ އަށް ދިނީ އަމިއްލަ އަށް އިސްތިއުފާ ދިނުމުގެ ފުރުސަތެވެ. ޖިންސީ ފުރައްސާރައިގެ ތުހުމަތުގައި އޭނާ ހައްޔަރުކުރީ ފުރަން އެއާޕޯޓަށް ގޮސް ހުއްޓަ އެވެ.