Roadha Mihaaru
ޖިންސީގޯނާގެ ތުހުމަތު ކުރި ކޯޗަށް ނުވަ ދައުވާއެއް

ޖިންސީ ގޯނާގެ ތުހުމަތުކުރި ކްރިކެޓް ކޯޗަށް ނުވަ ދައުވާއެއް އުފުލައިފި

05 ޑިސެމްބަރ 2019

ގިނަ ބަޔަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ހުއްޓައި ދޫވުމުން އަލުން ހައްޔަރުކުރި ގައުމީ ކްރިކެޓް ކޯޗް އާސިފް ޚާންގެ މައްޗަށް ނުވަ ދައުވާއެއް ކުރަން ކްރިމިނަލް ކޯޓަށް މިއަދު ހުށަހަޅައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ގިނަ ބަޔަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ހުއްޓައި ދޫވުމުން އަލުން ހައްޔަރުކުރި ގައުމީ ކްރިކެޓް ކޯޗް އާސިފް ޚާންގެ މައްޗަށް ނުވަ ދައުވާއެއް ކުރަން ކްރިމިނަލް ކޯޓަށް މިއަދު ހުށަހަޅައިފި އެވެ.

ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން ކުރި ޓުވީޓެއްގައި ބުނީ އާސިފްގެ މައްޗަށް ނުވަ ދައުވާއެއްކޮށްދޭން ހުށަހެޅީ އޭނާ ކޯޗުކޮށްދިން ކުދިންތަކަކާ މެދު ބަދުއަޚުލާގީ އަމަލު ހިންގި މައްސަލައިގަ އެވެ.

ބަދުއަޚުލާގީ އަމަލު ހިންގުމުގެ މައްސަލައެއްގައި އާސިފް ޚާން ފުރަތަމަ ވެސް ހައްޔަރުކުރީ ފުރަން އެއާޕޯޓުގައި ހުއްޓަ އެވެ. އޭނާގެ މައްޗަށް ކުރި ތުހުމަތުތަކުގެ މައްސަލަ ކްރިކެޓް ބޯޑަށް ހުށަހެޅުމުން، އިސްތިއުފާ ދީ އޭނާ ފުރުމުގެ ފުރުސަތު ދިން ކަމަށް ކުޅުންތެރިން ތުހުމަތުކުރެ އެވެ.

ފުލުހުން އޭނާ ހައްޔަރުކޮށް، ބަންދުގެ މުއްދަތު އިތުރުކުރަން 24 ގަޑިއިރުގެ ތެރޭގައި ކޯޓަށް ނުގެންދެވުމުން ދޫވީ އެވެ. އަލުން ހައްޔަރުކުރުމުގެ އަމުރަކަށް ކްރިމިނަލް ކޯޓުގައި އެދިގެން އެ އަމަރު ނުދިނެވެ. އޭނާ އަލުން ހައްޔަރުކުރީ އެ މައްސަލަ އިސްތިއުނާފްކޮށް، ހައި ކޯޓުގެ އަމުރަކުންނެވެ.

ކޯޗުގެ މައްސަލައިގައި ކްރިކެޓް ޓީމުގެ ކުޅުންތެރިން ނެރުނު ބަޔާނެއްގައި، ބުނެފައި ވަނީ ޒުވާން ކްރިކެޓް ކުޅުންތެރިންނަށް އެކި ފަހަރު މަތިން އާސިފް ޖިންސީ ގޯނާކޮށްފައިވާކަން ތުހުމަތުކުރެވޭ ކަމަށެވެ. އޭގެ ތެރޭގައި އޭނާ އެ އަމަލު ހިންގި ކަމަށް ތުހުމަތުކުރެވޭ ދުވަސްވަރު 18 އަހަރު ނުފުރޭ ކުޅުންތެރިން ވެސް ހިމެނޭ ކަމަށެވެ.

އެ ބަޔާނުގައި ކުޅުންތެރިން ވަނީ މި މައްސަލައިގައި ކްރިކެޓް ބޯޑުން އަމަލުކުރި ގޮތް ވަރަށް ބޮޑަށް ކުށްވެރިކޮށްފަ އެވެ. އެއީ ޖިންސީ ގޯނާގެ މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހަނާޅައި އާސިފް ރާއްޖޭން ފުރުވާލަން، ސީދާ ގޮތުން ވިޔަސް އަދި ނުސީދާ ގޮތުން ވިޔަސް، ކްރިކެޓް ބޯޑުން އެހީވުން ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ. އަދި ބޯޑުން މިކަމުގައި އަމަލުކުރި ހުތުރު ގޮތުގެ ސަބަބުން ޖިންސީ ގޯނާގެ ޝިކާރަޔަކަށްވި ކުޅުންތެރިންނާއި އެ ކުޅުންތެރިންގެ އާއިލާތަކަށް އިތުރު ގެއްލުމެއް ލިބުނު ކަމަށް އެ ކުޅުޅުންތެރިން ދެކެ އެވެ.

އާސިފްގެ މައްސަލަ ކްރިކެޓް ބޯޑުން ފުލުސް އޮފީހަށް ހުށަނޭޅީ އެކަށީގެންވާ ހެކި ނެތް ކަމަށް ބުނެ އެވެ.